މަރުގެ އަދަބު ދެވޭ ކުށެއް ސާބިތުކުރަން ދެ ފިރިހެނުންގެ ހެކިބަސް ނުވަތަ އަމިއްލަ އިއުތިރާފް އޮންނަން ޖެހޭނެ ކަމަށް ހެއްކާބެހޭ ގާނޫނުގައި އޮންނަ މާއްދާ މާނަކޮށް، ދެ ފިރިހެނުންގެ ހެކިބަސް ނެތަސް މަރުގެ އަދަބު ދިނުމަށް ހުރަހެއް ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
ހެއްކާބެހޭ ގާނޫނުގެ 140 ވަނަ މާއްދާގެ ނ. ބުނާގޮތުން ޒިނޭ ފިޔަވައި އިސްލާމްދީނުގައި ހައްދު ކަނޑައެޅޭ އެހެން ކުށެއް ނުވަތަ ގިސާސް (މަރުގެ އަދަބު) ދެވޭ ކުށެއް ސާބިތު ކުރެވޭނީ ދެ ފިރިހެނުންގެ ހެކިބަސް ނުވަތަ އަމިއްލަ އިއުތިރާފް ލިބިފައިވާ ނަމަ އެވެ. އެ މާއްދާ އޮތް ގޮތުން ގާނޫނީ ބައެއް ބޭފުޅުން ކުރިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
ކ. ކާށިދޫގައި 2012 ވަނަ އަހަރު ފުލުހަކަށް ހަމަލާދީ މަރާލި މައްސަލާގައި ކުށް ސާބިތުވި އެ ރަށު ސުވާސާގޭ މުހައްމަދު ސަމާހުގެ މައްސަލާގައި ދެ ފިރިހެނުންގެ ހެކިބަސް އަދި އަމިއްލަ އިއުތިރާފް ލިބިފައި ނެތުމުން ހެއްކާބެހޭ ގާނޫނުގެ 140 ވަނަ މާއްދާގެ ނ. އޮތް ގޮތުން މަރުގެ އަދަބު ނުދެވޭނެ ކަމަށް ބުނެ ސުވާލު އުފައްދާފައިވެ އެވެ. ނަމަވެސް ދައުލަތުން ކޯޓުގައި ބުނެފައިވާ ގޮތުގައި އެ މާއްދާއަކީ އިސްލާމީ ޝަރީއަތާ ހިލާފް މާއްދާއެކެވެ.
މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައިވަނީ ދެ ފިރިހެނުންގެ ހެކިބަސް ނުލިބޭ ނަމަ މަރުގެ އަދަބު ނުދެވޭނެ ކަމަށް ބަޔާން ކުރުމަކީ ހެއްކާބެހޭ ގާނޫނުގެ މަގްސަދު ކަމަށް ބެލުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ. އޭގެ ސަބަބެއްގެ ގޮތުގައި ހުކުމުގައި ވަނީ އިސްލާމީ ޝަރީއަތުގެ ދަށުން މަރުގެ މައްސަލަތަކުގައި ފިރިހެނުންނާއި އަންހެނުންގެ ހެކިބަސް ހަމަހަމަވާނެ ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައި އޮތުމާއި އަދި ގާނޫނުލްއުގޫބާތާއި ހެއްކާބެހޭ ގާނޫނު އޮތްގޮތުން އެއްވެސް ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވާނަމަ މަރުގެ އަދަބު ދެވޭނެތީ އެވެ.
މީގެ އިތުރުން ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށް ވެފައި އަދި ރާއްޖޭގައި އިސްލާމްދީނުގެ އަސްލަކާ ހިލާފު އެއްވެސް ގާނޫނެއް ނެހެދޭނެ ކަމަށް ގާނޫނުއަސާސީގެ 10 ވަނަ މާއްދާގައި ބުނެފައިވާއިރު، އިސްލާމީ ޝަރީއަތުގެ ދަށުން މަރުގެ އަދަބު ދިނުމާ ބެހޭ ޝަރުއީ އުސޫލެއް ދޫކޮށްލުމަކީ ގާނޫނެއްގެ މަގްސަދެއް ކަމަށް ބަލައިގެން ނުވާނެ ކަމަށް ވެސް ހުކުމުގައިވެ އެވެ.
"ދެ ފިރިހެނުންގެ ހެކިބަހުން މެނުވީ ގިސާސްގެ އަދަބު ކަނޑައެޅިފައިވާ ކުށެއް ސާބިތު ނުވާނެ ކަމަށް ކަނޑައެޅިގެން ބަޔާންކުރުން ކަމަށް ބެލުމަކީ ދެކޮޅު ޖެހޭ ކަމަކަށް ނުވާތީ އާއި ކުށެއް ސާބިތު ކުރުމާގުޅޭ ޝަރުއީ އުސޫލެއް ދޫކޮށްލުމީ ގާނޫނެއްގެ ރޫހު ކަމަށް ވެދާނެ ބަލައިގެން ނުވާނެ ކަމުން، ގިސާސްގެ އަދަބު ކަނޑައެޅިފައިވާ ކުށެއް ސާބިތު ކުރުމުގައި ޝަރުއީ ހަމަތައް ހިފެހެއްޓުމަށް 140 ވަނަ މާއްދާގެ ނ. އިން ހުރަހެއް ކުރިމަތިކޮށްފައިވާ ކަމަށް ބަލާނެ ހަމައެއް ނެތެވެ،" ހުކުމުގައިވެ އެވެ.
އެ މައްސަލާގައި ސަމާހުގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވާތީ އޭނާ މެރުމަށް މިދިޔަ ހަފުތާގައިވަނީ ހުކުމްކޮށްފަ އެވެ.