ތ. ތިމަރަފުށީގައި ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރުދީ އަދި ޓެރަރިޒަމްގެ އަމަލުތަކެއް ހިންގަން ރޭވި ކަމަށް ބުނެ އަށް މީހެއްގެ މައްޗަށް ކުރާ ދައުވާތަކުގެ އަޑުއެހުންތައް ފަސް އަހަރުފަހުން ކްރިމިނަލް ކޯޓުން ނިންމާލައިފި އެވެ.

ޖެނުއަރީ، 2025 ގައި ތިމަރަފުށިން ބަޔަކު ހައްޔަރުކޮށް، ދައުވާކުރަން ފޮނުވީ ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރު ދީ އަދި އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތާ ގުޅިގެން ޓެރަރިސްޓް ހަމަލާއެއް ދޭން ރޭވުމުގެ ތުހުމަތުގަ އެވެ. 

އެ މައްސަލާގައި ދައުވާކުރަނީ ތިމަރަފުށީ ފެހިވިދުވަރުގޭ އަބްދުﷲ ޝަރީފާއި އެރަށު އަސްރަފީވިލާ އަހުސަން މުހައްމަދާއި ހަމައެގޭ އަލީ މުނީޒާއި އެރަށު އަސުރުމާގޭ މުހައްމަދު އާސިރާއި އެރަށު ސައިމާ، ސަމާހް ޝަރީފާއި ރ. ކަނދޮޅުދޫ ފެހިވިލާ އަލީ އަރުހަމް މުހައްމަދާއި ރ. މަޑުއްވަރީ ބީޗްހައުސް އަބްދުﷲ އިމާދު އަދި ނ. ކުޑަފަރީ ރޯޒްމީޑް އިބްރާހިމް ލޫތުގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ޓެރަރިޒަމްގެ އެކި ދައުވާތައް ދައުލަތުން ކުރީ ފެބްރުއަރީ، 2021 ގަ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ އެ މައްސަލާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން އިއްޔެ ނިންމާލާފައިވާތީ ދެން އޮންނާނީ އެ މައްސަލާގެ ހުކުމް އިއްވުން ކަމަށެވެ. އަދި އަޑުއެހުންތައް ނިންމާލާތާ 30 ދުވަސް ތެރޭގައި ހުކުމްކުރަން ޖިނާއީ އިޖްރައާތުގެ ގާނޫނު ލާޒިމްކުރާތީ އަންނަ މަހުގެ އަށް ވަނަ ދުވަހުގެ ކުރިން ހުކުމް ކުރާނެ ކަމަށް ބެލެވޭ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ. 

ޓެރަރިޒަމްގެ ދައުވާތައް ސާބިތުވެއްޖެނަމަ، ދިގު މުއްދަތުގެ ޖަލު ހުކުމްތައް އައުމުގެ ފުރުސަތު އެބައޮތެވެ.