މާލެ އިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރި "އުދަރެސް" ބޯޓުން ގެއްލުނު ދިވެހި މީހާ ޕެލެޓެއްގެ މަތީގައި އޮޔާދަނިކޮށް ސަލާމަތްކޮށްފި އެވެ. 

އެ ބޯޓު އަޑިއަށް ދިޔައީ ލ. އޮޅުވެލި ކައިރީގައި އޮންނަ ފަރަކަށް އަރައިގެންނެވެ. އެ އުޅަނދުގައި 13 މީހަކު ދަތުުރުކުރިއިރު އޭގެ ތެރެއިން ދިވެއްސަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ރެއިން ފެށިގެން އައީ ކުރަމުންނެވެ. 

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް "މިހާރު" އަށް މިއަދު ވިދާޅުވީ ގެއްލިގެން ހޯދަމުން ދިޔަ އިސްމާއިލް އަފީފު ފެނިފައިވާ ކަމަށާއި އެ މީހާ ފެނުނީ ކަނޑުމަތިން ކަމަށެވެ. އުމުރުން ދުވަސްވީ އެ މީހާ ފެނުނީ ދިރިހުއްޓާ ކަމަށް ވިދާޅުވި ނަމަވެސް ތަފްސީލެއް ނުދެ އެވެ. 

އެ ހާދިސާއާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމީހާ ފެނުނީ އޮޔާދިޔަ ޕެލެޓެއްގެ މަތީގައި އޮއްވާ އެ ސަރަހައްދުން ދަތުރުކުރި ސަޕްލައި ދޯންޏަކަށް ކަމަށެވެ. އަދި އެ މީހާއަށް ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ. 

އެ ހާދިސާއާ ގުޅިގެން ފުލުހުން ރޭގައި މީޑިއާތަކަށް ބުނީ ހާދިސާ ހިނގިއިރު ބޯޓުގައި ތިބި 13 މީހުންގެ ތެރެއިން ބިދޭސީއަކު ވަނީ ފަތާފައި ގޮސް އޮޅުވެއްޔަށް އަރައިފައި ކަމަށެވެ. އަދި ދިވެއްސަކު ގެއްލިފައިވާއިރު ބާކީ ތިބި 11 މީހަކު އެ ރިސޯޓުގެ ދޯންޏަކަށް ނެގި ކަމަށް ފުލުހުން ބުންޏެވެ. 

"އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި ނުވަ ބިދޭސީންނެވެ. ސަލާމަތް ކުރެވުނު ޖުމުލަ 12 މީހުންގެ ހާލު ވެސް ރަނގަޅެވެ،" ފުލުހުން މީޑިއާއާ ހިއްސާކުރި މެސެޖެއްގައި ވެ އެވެ. 

"އުދަރެސް" ބޯޓު، އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބުނީ ފުލުހުން ބުނި ގޮތުގައި ރޭ ދަންވަރު 1:25 ހާއިރު އެވެ.

ފުލުހުން ވަނީ އެ ބޯޓު އަޑިއަށް ދިއުމާ ގުޅިގެން، އެ ބޯޓުގައި ހުރި މުދާތައް އޮޅުވެލީގެ ހުޅަނގަށް އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފަ އެވެ.