ޖެނީވާގައި އދ. ގެ އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދުގެ މަގާމު އަލުން އިޔާދަކޮށްފި އެވެ.

ޕީއެންސީ އަށް ވޯޓު ނުދިނުމަށް އެދިވަޑައިގެން، މާފަންނު މެދުދާއިރާގެ ޕީއެންސީގެ މެމްބަރު އަސްމާ ރަޝީދު މީހަކާ ވާހަކަ ދައްކަވާ އޯޑިއޯއެއް ސޯޝަލް މީޑިއާގައި ލީކްކުވި ފަހުން ސަލްމާ އަދި އަސްމާގެ ދަރިކަލުން، ޔޫއޭއީގައި ހުންނަވާ ރާއްޖޭގެ ސަފީރު މުހައްމަދު ހުސެއިން ޝަރީފު (މުންދު) މިދިޔަ ހޯމަ ދުވަހު މަގާމުން ވަކިކުރި އެވެ.

ނަމަވެސް، އެނގިފައިވާ ގޮތުގައި އަސްމާގެ އެއްބަނޑުއެއްބަފާ ދައްތަ، ސަލްމާގެ މަގާމު ވަނީ އިއްޔެ އަލުން އިޔާދަކޮށްފަ އެވެ. އެކަމަކު، މިހާތަނަސް މުންދު އަލުން މަގާމެއް އައްޔަންއެއް ނުކުރެ އެވެ.

އަސްމާގެ އޯޑިއޯގައި އެދިވަޑައިގަތީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދިނުމަށެވެ. އެ އިންތިހާބުން ވެރިކަން ކުރާ ޕާޓީއަށް ވަނީ ބޮޑު ނާކާމިޔާބީކަމާ ކުރިމަތިވެފަ އެވެ.

މުންދު އާއި ސަލްމާ އަށް މި ސަރުކާރުގެ އިސް ދެ މަގާމު ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވީ އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ ވަރަށް ކުރީކޮޅުގަ އެވެ. 

އެ ދެ ބޭފުޅުންގެ އިތުރުން އަސްމާގެ އެހެން ބޭފުޅެއް ކަމަށްވާ އައިމިނަތު ހުސައިން ޝަރީފް ވެސް ހުންނެވީ މި ސަރުކާރުގެ އިސް މަގާމެއްގަ އެވެ. ޖެންޑާގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކުރެއްވުމަށް ފަހު އޭނާ ފަހުން ބަދަލު ކުރައްވާފައި ވަނީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ. އދ.

އައިންތުގެ މަގާމަކަށް އެއްވެސް ބަދަލެއް ނާދެ އެވެ.