މާލޭގައި ފިހާރައެއްގެ ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ މީހަކު މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރި ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މާފަންނު މުރަނގަ މަގުގައި ހުންނަ ފިހާރައެއްގެ ތެރޭގައި ފެބްރުއަރީ 2023 ގައި ސ. ހިތަދޫ އިރުމީޒު މުހައްމަދު އަހުމަދުދީދީ ހުއްޓާ އޭނާއަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ސ. މަރަދޫފޭދޫ ރަށްދެބައިގޭ އިބްރާހިމް ފައިހް ނިޒާމާއި ތ. ގާދިއްފުށީ ގުލޭނޫރަންމާގޭ ސިރުހާން އަލީގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައިވަނީ ދައުލަތުން ހުށަހެޅި ވީޑިއޯ ފުޓޭޖްތަކުން އެނަލިސިސް ރިޕޯޓަށް ބަލާއިރު، ހަމަލާދިން މީހުންނަކީ ދައުވާލިބޭ ދެ މީހުން ކަމަށް ކަށަވަރުކަމާ އެކު ނިންމޭނެ މިންވަރުގެ ރިޕޯޓެއް ނޫން ކަމަށެވެ. އަދި ހަމަލާދިން މީހުން ފަހުން މަގުމަތީގައި ހަރަކާތްތެރިވާ ވީޑިއޯއެއް ކަމަށް ބުނެ ދައުލަތުން ހުށަހެޅި ވީޑިއޯގައި އެ މީހުން ތިބީ ތަފާތު ހެދުމެއްގައި ކަމަށް ވާއިރު، ބައެއް މީހުންގެ މޫނު ސާފުކޮށް ނުފެންނާތީ ދައުވާލިބޭ މީހުންނާ އެކަން ގުޅުވެން ނެތް ކަމަށް ހުކުމުގައިވެ އެވެ.

ހުކުމުގައިވާ ގޮތުން އެ ހާދިސާއަށް ފަހު، ފައިހް ފިލައިގެން އުޅުނު ކަމަށް ބުނާ ގެއަކުން ނެގި ވީޑިއޯ ފުޓޭޖެއް ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހެޅި ނަމަވެސް އެ ފުޓޭޖްގެ ޓައިމް ސްޓޭމްޕްގައި އޮތީ 2000 ވަނަ އަހަރުގެ ތާރީހެކެވެ.

އަދި އެކަން އެގޮތަށް ހިނގި ސަބަބެއް ދައުލަތަށް ބުނެ ނުދެވޭތީ އެއީ އެ ހާދިސާއާ ގުޅޭ ވީޑިއޯ ފުޓޭޖެއްކަމާ މެދު ޝައްކު އުފެދޭ ކަމަށް ހުކުމުގައިވެ އެވެ. އެ ފިހާރައިގެ ކައުންޓަރަކުން ފައިހާއި އިތުރު މީހެއްގެ އިތުރުން ނިޔާވި މީހާގެ ޑީއެންއޭ ފެނިފައިވިޔަސް، އެއީ އެކަމަށް އެކަނި ރިއާޔަތްކޮށް އެ ހާދިސާއާ ފައިހް ގުޅުވޭނެ ހެއްކެއް ނޫން ކަމަށް ހުކުމުގައިވެ އެވެ.

ސަބަބެއްގެ ގޮތުގައި ހުކުމުގައިވަނީ އެ ޑީއެންއޭއަކީ އެތައް އަހަރެއް ވަންދެން ވެސް އެ ތަނުގައި ހުރެދާނެ އެއްޗެއް ކަމަށް ޑީއެންއޭ ތަހުލީލްކުރި ފަރާތުން ބުނެފައިވާތީ ކަމަށެވެ. އެހެންކަމުން ފައިހްގެ ޑީއެންއޭ އެތަނަށް ނަގުލުވި މުއްދަތު އެނގެން ނެތުމުން އެއީ އެ ހާދިސާގައި އެތަނަށް ނަގުލުވި ޑީއެންއޭއެއް ކަމާ މެދު ޝައްކު އުފެދޭ ކަމަށް ހުކުމުގައިވެ އެވެ. އެތަނުން ކާކުކަން ނޭނގޭ ތިން ވަނަ މީހެއްގެ ޑީއެންއޭ ފެނިފައިވާތީ، އެ ކުށްކުރީ ތިން ވަނަ މީހެއް ކަމަށް ވެސް ބެލުމުގެ ފުރުސަތު އޮތްކަން ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.

"މި ސާމްޕަލްތައް މި ހާދިސާ ހިނގި ވަގުތު ފިހާރައިގައި މަސައްކަތްކުރި ފަރާތްތަކާއި ނިޔާވި މުހައްމަދު އަހުމަދީދީއަށް ފަރުވާ ދިނުމުގައި ފަސްޓް ރެސްޕޮންޑާސް ރޫލް އައުޓް ކުރުމަށް އެ ފަރާތްތަކުގެ ސާމްޕަލްތަކާ އަޅައި ކިޔުނުކަން ވެސް އެނގޭކަށް ނެތެވެ. އެހެންކަމުން ކުށުގެ އަމަލު ހިންގީ އެހެން ތިން ވަނަ ފަރާތަކަށްވުމުގެ ނަޒަރިއްޔާއަކީ ހެކިތަކުން ކުރެވޭ ދޭހަ އެކެވެ. އަދި އެ ފިހާރައަކީ އާންމުކޮށް ކޮންމެ މީހަކަށް ވެސް ވަދެވޭ ގޮތަށްހުރި ތަނެއް ކަމުން އެތަނަށް ކޮންމެވެސް ގޮތަކުން އިބްރާހިމް ފައިހް ނިޒާމްގެ ޑީއެންއޭ ނަގުލުވުމުގެ އިހްތިމާލަކީ އޮތް އިހްތިމާލެކެވެ." ހުކުމުގައިވެ އެވެ. 

ދައުވާލިބުނު ސިރުހާންގެ އިނގިލީގެ ނިޝާން ފިހާރަ ތެރެއިން ފެނިފައި ވިޔަސް، ކާކުކަން ނޭނގޭ އިތުރު ހަތް މީހެއްގެ އިނގިލީގެ ނިޝާންތައް އެތަނުން ފެނިފައިވާ ކަމަށް ހުކުމުގައިވެ އެވެ. އަދި އެ ތަނުގައި މަސައްކަތްކުރި މީހުންނާއި ނިޔާވި މީހާއަށް ފަރުވާދޭން އެތަނަށް ދިޔަ މީހުންގެ އިނގިލީގެ ނިޝާންތައް އެތަނުން ފެނުނު އިނގިލީގެ ނިޝާންތަކާ ދިމާވިތޯ ބަލާފައި ނުވާއިރު، އެ ހަމަލާދިނީ ކޮން ބައެއްކަން ހޯދިފައިނުވާ އިނގިލީގެ ނިޝާންތައް ނިސްބަތްވާ މީހުން ކަމަށްވުމުގެ ފުރުސަތު އެބައޮތް ކަމަށް ހުކުމުގައިވެ އެވެ. 

ހުކުމުގައިވާ ގޮތުން، ޖުމްލަކޮށް ދައުލަތުން އެ ދެ މީހުންނާ ދެކޮޅަށް ހުށަހެޅީ ހަމައެކަނި ގަރީނާތަކެކެވެ. އަދި ސީދާ ހެކިބަހެއް ލިބެން ނެތްއިރު، ދައުލަތުން ހުށަހެޅީ ކުށް ސާބިތުވާނެ ކަމުގެ އިސްތިންބާތު (އިންފަރެންސް) އެއް ނެގުމަށް ނެގިދާނެ ކަންތައްތަކެއް ކަމަށާއި ނަމަވެސް ހެކީގެ ޗޭނުގެ ބޮޅުތައް ގުޅުވާލެވިފައިނުވާ ކަމަށް ހުކުމުގައިވެ އެވެ. ދައުވާލިބޭ މީހުން އެ ވަގުތު އެތަނުގައި ނެތްކަމުގެ ދިފާއު ނަގައި، އެކަން ސާބިތުކުރަން ހެކި ހުށަހަޅާފައިވާތީ ދިފާއުގެ ބުނުމަށް ބާރު ލިބިގެންދާ ކަމަށް ހުކުމުގައިވެ އެވެ.

"ހެކީގެ ސިލްސިލާގައި ހުރި މިދެންނެވި ހުސްކަމުގެ ސަބަބުން ދައުވާލިބޭ ފަރާތްތަކަކީ ކުށެއް ނެތް މައުސޫމް މީހެއް ކަމަށް ބެލެވޭނެ އެކަށީގެންވާ އިހްތިމާލެއް އުފެދެ އެވެ." ގާޒީ އިބްރާހިމް އިހްސާން ކުރެއްވި ހުކުމުގައިވެ އެވެ.  

އެކަންކަން ފާހަގަކޮށް، ހުކުމުގައިވަނީ އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކުރީ ކަމަށެވެ.