ވިލާ އިން ވިއްކާ ގޭހުގެ އަގު އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ބޮޑުކުރަން ނިންމަައިފި އެވެ.
އެ ކުންފުނިން އެ ގޮތަށް ނިންމީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ މާކެޓަށް ބުރޫއަރާފައިވާތީ އެވެ.
އެނގިފައިވާ ގޮތުގައި، އެ ބަދަލުތަކަށް އަމަލުކުރަން ފަށާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ. އާންމުކޮށް ގިނަ މީހުން ބޭނުންކުރާ 10 ކިލޯގެ ގޭސްފުޅިއެއް އެ ދުވަހުން ފެށިގެން ވިލާއިން ވިއްކާނީ 350ރ. އަށެވެ. އެ ސައިޒުގެ ގޭސްފުޅިއެއް ކުރިން ވިއްކީ 200ރ. އަށެވެ.
ވިލާ ގޭހުން ހަތަރު ކިލޯ، 10 ކިލޯ، 20 ކިލޯ އަދި 45 ކިލޯގެ ގޭސް ފުޅި ވިއްކަ އެވެ.
އެމެރިކާ އާއި އިޒްރޭލުން އިސްވެ އީރާނަށް ދީފައިވާ ހަމަލާތަކާ އެކު، މެދުއިރުމަތީގައި ފަށާފައިވާ ހަނގުރާމައިގެ ސަބަބުން ވަނީ ތެލާއި ގޭހުގެ އަގު އުފުލި، އެ ތަކެތި ހޯދުމަށް ދަތިވެފަ އެވެ. ގޭހުގެ ޑިމާންޑު މި ދުވަސްވަރު އިތުރުވެ، ގޭސް ވިއްކުން ރާއްޖޭގައި ވެސް ކުރިން ލިިމިޓް ކުރި އެވެ.
މިދިޔަ މަހުގެ ކުރީކޮޅު 10 ކިލޯގެ ގޭސްފުޅީގެ ބަދަލުގައި ފަސް ކިލޯގެ ގޭސް ފުޅި ވިއްކި ނަމަވެސް ގޭހުގެ އާ ޝިޕްމެންޓެއް ލިބި އެ މައްސަލަ މޯލްޑިވް ގޯހުން ހައްލުކުރި އެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލާއި ގޭހުގެ އަގު އުފުލިފައިވާއިރު، އެސްޓީއޯ އިން ތެޔޮ ވިއްކާ އަގު ވެސް ވަނީ ބޮޑުކޮށްފަ އެވެ. ނަމަވެސް، އެ އަގު އިތުރަށް ބޮޑުނުކޮށް، މެނޭޖުކުރެވޭނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.