ތ. ވޭމަންޑު އަށް އިތުރުކުރަން ސަރުކާރުން ނިންމި ބިން 23 ދުވަހުގެ ތެރޭގައި ހިއްކައި ނިންމާލައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ވިދާޅުވީ، މިދިޔަ މާޗު 12 ވަނަ ދުވަހު ފެށި އެ މަސައްކަތް މިދިޔަ ހޮނިހިރު ދުވަހު ނިންމާލާފައިވާ ކަމަށެވެ.
އެމްއޭސީއެލުން ވޭަމަންޑޫގެ ބިން ހިއްކީ ދުނިޔޭގައި މިވަގުތު އޮތް އެންމެ ބޮޑު އެއް ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖަރު ބޭނުންކޮށްގެންނެވެ.
ރައީސް މުއިއްޒު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވޭމަންޑު އަށް ކުރެއްވި ދަތުރުފުޅުގައި ވިދާޅުވީ އެ ރަށުގެ ތަރައްގީ އަށް ބިން އިތުރު ކުރުން ވަރަށް މުހިންމު ކަމަށާއި އެއީ އެ މަނިކުފާނުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ވެވަޑައިގެންނެވި ވައުދެއް ކަމަށެވެ،
"މިރޭ މި ސޮއިކުރި އެއްބަސްވުމުގެ ދަށުން 25 ހެކްޓަރުގެ ބިން މި ރަށަށް އިތުރުކުރެވިގެންދާނެ. މި މަޝްރޫއު އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އަމަލީގޮތުން ފެށި، އެއްވެސް ހުއްޓުމެއް ނައިސް ގޮސް ނިމިގެންދާނެ،" މިދިޔަ އަހަރުގެ ސެޕްޓެމްބަރު 24 ވަނަ ދުވަހުގެ ވޭމަންޑު އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވިދާޅުވެފައި ވެ އެވެ.