ސިޔާސީ ޕާޓީގެ ނިޒާމް ރާއްޖެއަށް ތައާރަފްވި ފަހުން، އެމްޑީޕީގެ ބޮޑު ތާއީދެއް އޮންނަ އއ. އުކުޅަހު ކައުންސިލްގެ ގޮނޑިތައް އެ ޕާޓީން ގެއްލިއްޖެ އެވެ.

އިއްޔެ ބޭއްވި ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބަށް އެމްޑީޕީ އަދި ޕީއެންސީން ވެސް ވާދަކުރި އެވެ. އޭގެ ތެރެއިން، ކައުންސިލްގެ ރައީސާއެކު ދެ ގޮނޑި ވެސް ލިބުނީ ވެރިކަން ކުރާ ޕާޓީއަށެވެ. އާބާދީ 2،000 އަށް ވުރެ މަދުވުމުން މި ރަށުން ކައުންސިލަށް ހޮވަން ޖެހޭނީ ތިން ގޮނޑި އެވެ. 

އުކުޅަހަށް އިންތިހާބުވި ޕީއެންސީގެ މެމްބަރުން 

އަލީ ވަހީދު (ރައީސް)

އައިމިނަތު ޒޫނާ 

މުހައްމަދު ޝަފްރާޒް 

ލޯކަލް ޓޫރިޒަމާ އެކު އެމްޑީޕީގެ ބޮޑު ތާއީދެއް އޮންނަ އުކުޅަހުގައި އަހަރުތަކެއް ވަންދެން އޮތް އެމްޑީޕީގެ މެޖޯރިޓީ މިފަހަރު ވަނީ ގެއްލިފަ އެވެ. ގިނަ ބަޔަކު އެ ރަށުން ވޯޓުލީ ޕީއެންސީގެ ކެންޑިޑޭޓުންނަށެވެ. 

ލާމަރުކަޒީ ނިޒާމާ އެކު ކައުންސިލަރުން އިންތިހާބުކުރަން ފެށީއްސުރެ އުކުޅަހު ކައުންސިލްގެ ރައީސަކަށް ހުންނެވި އެމްޑީޕީގެ ޝައުކަތު އިބްރާހިމްގެ މަގާމު ވެސް މި އިންތިހާބުގައި ވަނީ ގެއްލިފަ އެވެ. މިއީ، ޝައުކަތު ވާދަކުރި ހަތަރު ވަނަ ފަހަރެވެ. 

އުކުޅަހު ކައުންސިލްގެ ރައީސަކަށް މި ފަހަރު ހޮވިވަޑައިގަތީ އަލީ ވަހީދެވެ.

އަންހެނުންގެ ކޮމެޓީގެ ތިން ގޮނޑީގެ ތެރެއިން ދެ މެމްބަރުންނަށް ހޮވުނީ ޕީއެންސީގެ ކެންޑިޑޭޓުންނެވެ.

ކައުންސިލް އިންތިހާބުން އުކުޅަހަށް ބޮޑު ބައްޔަކާ ކުރިމަތިލާން ޖެހުނުއިރު، އެ ރަށަކީ އެމްޑީޕީގެ ތާރީހީ ބައްދަލުވުންތައް ބޭއްވި ރަށެކެވެ. 

އޭގެ ތެރެއިން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޓިކެޓު ދިނުމަށް 2018 ވަނަ އަހަރު ކޮންގްރެސް ބޭއްވީ ވެސް އެ ރަށުގަ އެވެ. އަދި އެ ސަރުކާރުގައި އެޅި ކޮންވެންޝަން ސެންޓަރު ފަހުން ވެގެން ދިޔައީ އެމްޑީޕީގެ ތާރީހީ ހަރަކާތްތައް ބޭއްވި މަރުކަޒަކަށެވެ.

އަދި ބާއްވާ ކޮންމެ އިންތިހާބެއްގެ ކެމްޕޭނެއްގައި ވެސް އެމްޑީޕީން ހާއްސަ ސަމާލުކަމެއް ދެ އެވެ.