ނޯޓުގެ ނިއު އެޑިޝަން ފިހާރައަށް ފޭކް ސްލިޕް ފޮނުވައިގެން އެއްފަހަރާ 8،700 އަށްވުރެ ގިނަ ރުފިޔާގެ ވިޔަފާރި ކުރި ޒުވާން ދެ އަންހެންނުން ހޯދަން ފަށައިފި އެވެ.

ނިއު އެޑިޝަނުން ރޭ ކުރި ޕޯސްޓެއްގައި ބުނީ ފޭކު ސްލިޕް ފޮނުވައިގެން އެ ދެ އަންހެނުން 8،788.29ރ.ގެ ވިޔަފާރި އެތަނުން ކޮށްފައިވާ ކަމަށެވެ.

އާންމުކޮށްފައިވާ ޕޯސްޓުގައި އެ ފިހާރަތެރޭގައި އެ ދެ މީހުން އުޅޭތަން ފެންނަ ސީސީޓީވީ ފުޓޭޖެއް ވެސް ހިއްސާކޮށްފައިވެ އެވެ. 

އެ ދެ އަންހެން ކުދިން ފައިސާ ދެއްކި، ފޭކް ސްލިޕްގެ ފޮޓޯއެއް--
އެ ދެ އަންހެން ކުދިން ފައިސާ ދެއްކި، ފޭކް ސްލިޕްގެ ފޮޓޯއެއް--

އެ ވީޑިއޯގައި އެއް އަންހެނަކު ހުންނަނީ ހުދު ކުލައިގެ ޓީޝާޓަކާއި އެކު ކަޅު ބުރުގާއެއް އަޅައި އެ ބުރުގާއިން ލޯ އެކަނި ފެންނަ ވަރަށް މޫނު ފޮރުވައިގެންނެވެ. ތިރިން ލައިގެން ހުންނަނީ ކަޅު ކުލައިގެ ޖިންސެކެވެ.

ފިހާރަ ތެރޭގައި އެ އަންހެން މީހާ އުޅެނީ ވެސް މޫނުން ފެންނަ ހިސާބުގައި ވެސް އަތް އަޅައިގެން މޫނު ނުފެންނަ ގޮތަށް ބުރުގާ ހިފަހައްޓައިގެންނެވެ.

ދެން ހުރި އަންހެން މީހާ ބުރުގާ ނާޅާހުރިއިރު އޭނާ ލައިގެން ހުންނަނީ ރަތް ކުލައިގެ އަތްދިގު ޓޮޕަކާއި ކަޅު ކުލައިގެ ޖިންސެކެވެ.

ފޭކް ސްލިޕް ފޮނުވައިގެން ވިޔަފާރިކުރި ދެ އަންހެންކުދިން--
ފޭކް ސްލިޕް ފޮނުވައިގެން ވިޔަފާރިކުރި ދެ އަންހެންކުދިން--

ފައިސާ ދައްކަނީ ބުރުގާ އަޅައިގެން ހުންނަ އަންހެންމީހާ އެވެ. އެ ދެ އަންހެނުން ގަތް ހުރިހާ އެއްޗެހި ތިން ކޮތަޅުގައި ހުރިއިރު އެ ތިން ކޮތަޅު ވެސް ހިފައިގެން ނުކުންނަނީ ބުރުގާ ނާޅާ އަންހެން މީހާ އެވެ.

ނިއު އެޑިޝަނުން ވަނީ އެ ދެ މީހުން ހޯދައިދޭން އާންމުންގެ އެހީއަށް އެދިފަ އެވެ. އަދި ހޯދައިދޭ މީހަކަށް ރަނގަޅު އިނާމެއް ދޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މިކަމާ ގުޅޭގޮތުން ނިއު އެޑިޝަންގެ އަދި ފުލުހުންގެ ބަހެއް ވެސް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.