ހުޅުމާލެ ފޭސް 2 ގައި އެފޯޑަބަލް ހައުސިން ސްކީމްގެ ދަށުން އިމާރަތްކުރާ 1،000 އަށްވުރެ ގިނަ ފްލެޓުގެ ބިންގާ މިރޭ އަޅައިފި އެވެ.
ބީއެމްއެލްގެ ސަބްސިޑަރީ ކުންފުނި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގެ ދަށުން ހިންގާ އެ މަޝްރޫއުގައި 1،190 ފްލެޓު އަޅަން ހަވާލުކުރީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ ހެދި ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ކުންފުންޏާ އެވެ.
އެ ފްލެޓުތަކުގެ ބިންގާ އަޅައިދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ބީއެމްއެލްގެ ޗެއާމަން އަހުމަދު އަލީ ހަބީބާއި ސީއީއޯ މުހައްމަދު ޝަރީފް އަދި ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ކޮންގު ޝިއާންހުއާ އަދި އެ ކުންފުނީގެ އިސްވެރިންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން މި ސަރުކާރުން ފަށާފައިވާ މަސައްކަތުގައި ހަގީގީ ކުލަ ޖެހެމުންދާ ކަމަށެވެ. އެ ޕްރޮޖެކްޓަކީ އޭގެ ދިރިހުރި މިސާލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި މީގެ ކުރިން މި އަވަސް މިނުގައި އަދި ގިނަ ކޮންޓްރެކްޓަރުންނާ ހަވާލުކޮށްގެން ހައުސިން ޕްރޮޖެކްޓު ކުރިއަށް ގޮސްފައިނުވާ ކަމަށެވެ.
އެފަދަ ކަންކަމަށް މީގެ ކުރިން ދިގު މުއްދަތެއް ހޭދަވާ ކަމަށާއި ނަމަވެސް މި މަޝްރޫއުތައް، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ނިންމާނެ ކަމަށް ޝަރީފް ވި އެވެ.
އެ މަޝްރޫއުތައް ނިމުމުން އެތައް އާއިލާއަކަށް އުފާވެރިކަން ގެނެސްދޭނެ ކަމަށާއި އޭގެ ސަބަބުން އާއިލާތަކަށް އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ފަދަ މަޝްރޫއެއްގެ ސަބަބުން ރައްޔިތުންނަށް މާލީ ވެސް ގޮތުން އުފުލަންޖެހިފައިވާ ދަތިތަކަށް ހައްލު ލިބުން ވެގެންދާނީ އެ ރައްޔިތުން، އާދެ، ބޭންކުގެ ކަސްޓަމަރުންނަށް ލިބޭ ތަނަވަސްކަމާއެކު ބޭންކަށް ވެސް އޭގެ މަންފާ ލިބިގެންދާނެ ކަމަކަށް،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މަޝްރޫއު ބަލައިގަތީ ރެގިއުލޭޓްކުރާ ބައެއްގެ ގޮތުގައި އެކަނި ނޫން ކަމަށެވެ. އެއީ ގައުމީ ޒިންމާއެއްގެ ގޮތުގައި ބަލައިގަނެ، ކުރިއަށްގެންދާ މަސައްކަތެއް ކަމަށް ވެސް ވިދާޅުވި އެވެ.
ގައުމުގެ އިގުތިސޯދަކީ ބޭންކިން ނިޒާމާ ގުޅިފައި އޮންނަ ކަމަށާއި ބޭންކުގެ ބޭނުމަކީ ހަމައެކަނި މާލިއްޔަތު ފައިދާ ހޯދުން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އެއާއެކު، އާއްމުންގެ ދރިއުޅުމުގެ ފެންވަރު މަތިކުރުމަކީ ވެސް ގައުމީ ބޭންކެއްގެ އެއް މުހިއްމު ދައުރު ކަމަށް ޝަރީފް ވިދާޅުވި އެވެ.
އެފޯޑަބަލް ހައުސިން ސްކީމްގެ ދަށުން ހުޅުމާލެ 1، 2 އަދި ވިލިމާލޭގައި ޖުމްލަ 3،260 ފްލެޓު އަޅާނެ އެވެ. މިދިޔަ ހަފްތާއެއް ތެރޭގައި 1,706 ހައުސިން ޔުނިޓު އަދި މިރޭ ބިންގާ އެޅި އިތުރު 1,190 ހައުސިން ޔުނިޓާއެކު ޖުމްލަ 2,896 ޔުނިޓްގެ ބިންގާ މި ވަނީ އަޅައިފަ އެވެ. ބާކީ ފްލެޓުތަކުގެ މަސައްކަތް މާދަމާ ރޭ ފަށާނެ އެވެ.
މި ފްލެޓުތައް 2028 ވަނަ އަހަރުގެ މެދުތެރޭގައި ނިމޭނެކަމަށް ބީއެމްއެލްއިން ވަނީ ބުނެފަ އެވެ.