ބޯޓެއްގައި މަސައްކަތްކުރި ބިދޭސީއަކު ގެއްލުނު މައްސަލާގައި، އޭނާ މަރާލުމުގެ ދައުވާ ދައުލަތުން ކުރާ މައްސަލާގެ ހުކުމް އިއްވުން ފަސްކޮށްފި އެވެ.

ބަންގްލަދޭޝް އަށް ނިސްބަތްވާ ލިޓަން ޑިސެމްބަރު 2022 ގައި ބޯޓެއްގައި ވިލިމާލެއިން ފުރި ފަހުން އޭނާއަށް ވީނުވީ ގޮތެއް ނޭނގި ވަނީ ގެއްލިފަ އެވެ. އޭނާ މަރާލި ކަމަށް ބުނެ ދައުލަތުން ދައުވާކުރަނީ އޭނާއާ އެކު، އެ ބޯޓުން ދަތުރުކުރި ގދ. ތިނަދޫ މަނާރު، މުހައްމަދު ނިޒާމްގެ މައްޗަށެވެ.

އެ މައްސަލާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން ނިންމާލުމަށް ފަހު، އެ މައްސަލާގެ ހުކުމް އިއްވަން މިއަދަށް ތާވަލްކުރި ނަމަވެސް އިތުރަށް ދިރާސާކުރަން ވަގުތު ބޭނުންވާތީ އެ މައްސަލާގެ ހުކުމް އިއްވުން އެހެން ދުވަހަށް ފަސްކޮށްފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.

އެއީ ގެއްލިފައިވާ މީހެއްގެ މައްސަލާގައި މީހަކު މެރުމުގެ ދައުވާ ރާއްޖޭގައި ކުރާ ފުރަތަމަ ފަހަރެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ލިޓަން މަރާލީ މޫދަށް ވައްޓާލައިގެންނެވެ. އަދި އެކަން ކުރީ ފައިސާގެ ބޭނުމުގައި ކަމަށް ފުލުހުން ތުހުމަތުކުރި އެވެ.  

އެ މައްސަލާގައި މީހަކު މެރުމުގެ ދައުވާގެ އިތުރުން ޑައިމޯފިނުން މުއާމަލާތް ކުރުމުގެ ދައުވާ އާއި ވައްކަމުގެ ދައުވާއެއް ވެސް ނިޒާމްގެ މައްޗަށް ކުރެ އެވެ.