ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ ކަމަށްވާ މ. ކުނޫޒުގައި އެއްޗެއް ގޮއްވާލަން އުޅުނު ކަމަށް ބުނެ ދައުލަތުން ދައުވާކުރާ މީހެއްގެ މައްސަލަ ބާތިލް ކުރެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ވެސް މިއަދު ހުކުމްކޮށްފި އެވެ.

ކުނޫޒުގައި އެއްޗެއް ގޮއްވާލަން އުޅުނު ކަމަށް ބުނެ ދައުލަތުން ހަތަރު މީހެއްގެ މައްޗަށް ދައުވާކުރީ ޖުލައި، 2017 ގަ އެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ އަދި މައްސަލަ ބައްލަވާ ގާޒީ އެކިފަހަރު މަތިން ބަދަލުވުމުން އެ މައްސަލަ މިހާތަނަށް ވެސް ކްރިމިނަލް ކޯޓުގައި އޮތީ ނުނިމި އެވެ.

އެ މައްސަލާގައި ދައުވާލިބޭ މީހުންގެ ތެރެއިން ގދ. މަޑަވެލީ ގަމަރީ، އިއުތިސާމް މުހައްމަދު ސައީދުގެ ފަރާތުން ޝަރީއަތުގެ ކުރީގެ ހުށަހެޅުމެއް ހުށަހެޅީ ދައުލަތުން އަމަލުކުރި ގޮތުން އެ މައްސަލަ ނުނިމި ލަސްވެފައިވާތީ އެ ދައުވާ ބާތިލްކޮށްދިނުމަށް އެދި އެވެ. 

ނަމަވެސް ކްރިމިނަލް ކޯޓާއި ހައި ކޯޓުން ވެސް ކުރިން ނިންމާފައި އޮތީ އެ ދައުވާ ބާތިލް ނުކުރެވޭނެ ކަމަށެވެ. އަދި އެ ނިންމުން އިއުތިސާމްގެ ފަރާތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން ވެސް މިއަދު ނިންމީ ހައި ކޯޓާއި ދަށު ކޯޓުގެ ނިންމުން ރަނގަޅު ކަމަށެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ އެ މައްސަލަ ނުނިމި ލަސްވެފައިވަނީ ދައުލަތުން އަމަލުކުރި ގޮތުގެ ސަބަބުން އެކަނި ނޫން ކަމަށާއި އޭގެ އިތުރުން އެކިފަހަރުމަތިން ގާޒީ ބަދަލުވުމާއި ވަކީލުން އެދިގެން އަޑުއެހުން ކެންސަލްކުރަން ޖެހުން ފަދަ ސަބަބުތައް ވެސް ހިމެނޭ ކަމަށް އެ ހުކުމުގައިވެ އެވެ. 

މައްސަލަ ނުނިމި ލަސްވުމުގެ ސަބަބުން އޭނާގެ އަސާސީ ހައްގެއް ގެއްލިފައިވާ ކަމަށް ބުނާނަމަ އެކަން ވަކި ދައުވާއެއްގެ ގޮތުގައި ހުށަހެޅިދާނެ ކަމަށާއި ނަމަވެސް އެއީ ޖިނާއީ ދައުވާ ބާތިލް ކުރެވޭނެ ސަބަބެއް ނޫން އެ ހުކުމުގައިވެ އެވެ.

އެކަންކަން ފާހަގަކޮށް، އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ އެ ދައުވާ ބާތިލް ކުރެވެން ނެތް ކަމަށް ނިންމި ނިންމުން ރަނގަޅު ކަމަށެވެ. 

އެ މައްސަލަ ސުޕްރީމް ކޯޓުން ބެއްލެވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު އަބްދުﷲ ހަމީދެވެ. އަދި އެ ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝުޖޫނެވެ.