ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ އެންމެ "ޕްރީ އެންޑް ފެއާ" އިންތިހާބު ބޭއްވޭނެ ގޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު އެހެން ވިދާޅުވީ، ޕްރިފަރެންޝަލް ވޯޓާއި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވައިލުމުގެ ވާހަކަތަކާ ގުޅިގެން ސަރުކާރުގެ ސްޓޭންޑް ސާރުކޮށްދިނުމަށް އެދި ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގަ އެވެ. 

ރައީސް ވިދާޅުވީ އެ މަނިކުފާނު ދެކެވަޑައިގަންނަވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ގިނަ ރައްޔިތުން ގަބޫލު ކުރާނެ ކަމަށެވެ.

ރައީސް މުއިއްޒު މިއަދު ނޫސްވެރިންނާ ވާޙަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒު މިއަދު ނޫސްވެރިންނާ ވާޙަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

އެއީ ސިޔާސީ ކަމެއް ނޫންކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވި ގޮތުގައި "ފްރީ އެންޑް ފެއާ" އިންތިހާބެއްގެ ގޮތުގައި ކުރިއަށް ގެންދެވޭނީ އެ ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައިގެންނެވެ.

"އެހެން މި ދަންނަވާ ސަބަބަކީ ރައީސަކަށް ހޮވާ މީހާ އޭރަކު [ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން] ނޭނގޭނެ. އެހެން ނޫނީ ސަރުކާރު [ރައީސަކު] މި އޮންނަނީ ހޮވިފައި. ދެން މި ދަނީ ހަ މަސް ފަހުން މަޖިލިސް އިންތިހާބަށް. ކެންޑިޑޭޓު މި ދަނީ ތިމަންނަ އަކީ ސަރުކާރުގެ ޕާޓީއޭ، ރައީސް ނިސްބަތްވާ ޕާޓީގެ މީހާއޭ. އެ ހިސާބުން އެބަ ގެއްލޭ ފެއާނެސް،" ތަފުސީލް ކޮށްދެއްވަމުން ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން، ސަރުކާރުގެ ކެންޑިޑޭޓުންނޭ ކިޔައި ނުވަތަ ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ބުނެ ޝަކުވާ ކުރުމުގެ ފުރުސަތު ނޯންނާނެ ކަަމށެވެ. 

އެހެންވެ "ފްރީ އެން ފެއާ" އިންތިހާބަކާ އެންމެ ގާތް ކުރާނެ ގޮތެއް ކަމަށް ރައީސް ވިދާޅުވި ގޮތުގައި، އެ ހޮވޭ ސަރުކާރެއް ނޭނގޭ ހާލު ހަމަ އެ ދުވަހު މަޖިލީހަށް ވެސް މެމްބަރުން ހޮވުމުންނެވެ.

"އެހެންވެ އެ ކަމެއް ނެތި އިންތިހާބު ބޭއްވުމުން، ވަރަށް އީވަންލީ ޑިސްޓްރިބިއުޓެޑްކޮށް، މަޖިލީހަށް މީހުން ހޮވޭނީ. ސުޕަ މެޖޯރިޓީ ނުވަތަ ވަރަށް ބޮޑަށް ވަކި ޕާޓީއެއްގެ މީހުން ނަގާ ގޮތަކަށް ނޫނޭ،" ރައީސް ވިދާޅުވި އެވެ.

އޭގެ ސަބަބުން ވާނެ ފައިދާއަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ފުރުސަތު އެތައް ގުނައަކުން ބޮޑުވެ، ވިހާ ވެސް ގިނަ ޕާޓީއެއްގެ މެމްބަރުން ތިބޭނެ ރައްޔިތުންގެ މަޖިލީހެއް ވެސް އިންތިހާބު ކުރުން ކަމަށް ރައީސް ވިދާޅުވި އެވެ. 

ޕްރިފަރެންޝަލް ވޯޓާއި ރިޔާސީ އިންތިހާބުގެ އެއްބުރެއްގެ ވާހަކަ މީގެ ދެ އަހަރު ކުރިން ދައްކަވާފައިވާނެކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އެ ވާހަކަ އޭރު ދެއްކެވީ އެއީ އެ މަނިކުފާނުގެ ވިސްނުންފުޅު ހުރި ގޮތް ކަމަށް ވާތީ އާއި އެ ކަމުގައި ރައްޔިތުންގެ ހިޔާލު ބޭނުންފުޅުވާތީ ކަމަށެވެ.

ރައީސް މުއިއްޒުގެ މިއަދުގެ މީޑީއާ ބްރީފިން އަށް ހާޒިރުވި ބައެއް ނޫސްވެރިން.---ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒުގެ މިއަދުގެ މީޑީއާ ބްރީފިން އަށް ހާޒިރުވި ބައެއް ނޫސްވެރިން.---ފޮޓޯ: ރައީސް އޮފީސް

އަދި އެއީ ރައްޔިތުންގެ މެދުގައި މަޝްވަރާ ކުރެވެން ޖެހޭނެ ކަމެއް ކަމަށް ވާތީ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އެހެން ނަމަވެސް ފަންނީ ލެވެލްގެ، ގާނޫނީ ލެވެލްގެ ދިރާސާތައް ސްޓަޑީތައް އޭރުއްސުރެ ހިނގަމުން އެ ދަނީ. ބަދަލުވަމުން އެ ދަނީ. އަޅުގަނޑު ބޭނުމެއް ނޫން އެ ގޮތަށް ބަދަލުވާ ހާލަތެއްގައި އެއީ ކުރިއަށް އަންނަން އޮތް އަހަރުތަކުގައި ރައްޔިތުން އެކަމާ ޑިސްއެޕޮއިންޓްވާނެ ކަމަކަށް އަޅުގަނޑުމެންގެ ނިޒާމަށް އަންނަ ހީނަރު ކަމަކަށް ވާކަށް،" ރައީސް ވިދާޅުވި އެވެ.

"ވަރަށް ޓާރާންސްޕޭރަންޓް، ވަރަށް ރަނގަޅަށް ކުރެވޭ ކަމަކަށް ވާން ބޭނުންވަނީ. ދެ ބުރުގެ ބަދަލުގައި އެއް ބުރަކުން ރައީސަކު ހޮވިގެން ދާއިރު އެ ޕްރޮސެސް ވާން ޖެހޭނީ އެއްވެސް ކަހަލަ ސުވާލެއް އޭގައި ނުއުފެދޭ ގޮތަށް ދެފުށް ންނަ ނިޒާމަކަށް."

އެކަން ވާން ޖެހޭނީ ރާއްޖޭގައި އެކަން ކުރެވޭނެ ގޮތަކަށް ކަމަށާއި އެކަން ނިންމާނީ ރައްޔިތުންގެ ތެރޭގައި މަޝްވަރާ ކުރެވިގެން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.