އާސަންދައިގެ ދަށުން އެމްބިއުލާންސް ލިބޭނެ ހާލަތްތައް އަންނަ މަހުން ފެށިގެން އިތުރުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެެވެ. 

ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އެމްބިއުލާންސް ހިދުމަތް ފޯރުކޮށްދިނުމުގައި މުހިއްމު ކަންތައްތަކެއް ނިންމަވާފައިވާ ކަމަށާއި އެ ބަދަލުތަކަށް އަންނަ މަހުގެ 1 އިން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށެވެ. 

ރައީސް ވަނީ އާސަންދަ މެދުވެރިކޮށް އެމްބިއުލާންސް ހިދުމަތް ލިބޭނެ ކަންތައްތަކެއް އާންމުކުރައްވައިފަ އެވެ. އޭގެ ތެރޭގައި؛ 

  • އިޖަންސީގައި ކުއްލި ހާލަތުގައި ހޮސްޕިޓަލަށް ގެންދާ މީހުން. 
  • މައްޔިތުން އުފުލުން. 
  •  އެނދުމަތިކޮށްފައިވާ މީހުންނަށް އައުޓްޕޭޝަންޓް ހިދުމަތް ނެގުމަށް ގެނެވޭ ހާލަތްތައް.
  •  ވީލްޗެއާގައި ގެންގުޅޭ މީހުންނަށް އައުޓްޕޭޝަންޓް ހިދުމަތް ނެގުމަށް ގެނެވޭ ހާލަތް
  • އެކިކަހަލަ ޑިސްއެބިލިޓީ ހުންނަ މީހުން. އޭގެ ތެރޭގައި ފިޒިކަލް ޑިސްއެބިލިޓީ އާއި މެންޓަލް ޑިސްއެބިލިޓީ އަދި އޯޓިޒަމް ޑައުންސިންޑްރޯމް ފަދަ މީހުންނަށް ވެސް އައުޓްޕޭޝަންޓް ހިދުމަތަށް ދިއުމަށް އާސަންދައިން އެމްބިއުލާންސް ލިބޭނެ. 
  • ސިއްހީ މަރުކަޒުގައި ފަރުވާ ހޯދާ މީހުން އެހެން މަރުކަޒަކަށް ފަރުވާއަށް ގެންދަންޖެހޭ ހާލަތުގައި.
  •  އިވެކުއޭޓް ކުރެވޭ ހާލަތުގައި ނުވަތަ ބަލި މީހާ ރާއްޖެއިން ބޭރަށް ރިފާކުރެވޭ ހާލަތުގައި އެއާޕޯޓަށް ނޫނީ ޖެޓީއަށް ގެންދިއުމަށް އާސަންދައިން އެމްބިއުލާންސް ހަމަޖެހޭނެ.
  • ތެލެސީމިއާ ބަލި ތަހައްމަލުކުރާ މީހުންނަށް އައުޓްޕޭޝަންޓް ހިދުމަތަށް ގެންދެވޭ ހާލަތުގައި.

އާސަންދައިން އެމްބިއުލާންސްގެ ހިދުމަތް ނުލިބޭތީ އެކަމުގެ ކަންބޮޑުވުންތައް އާންމުންގެ ފަރާތުން ލިބޭ ކަމަށާއި އެފަދަ އިންތިޒާމެއް ހަމަޖައްސައިދިނުމަށް އެދެމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. 

ރައީސް ވިދާޅުވީ އެ ބަދަލާ އެކު ވަރަށް ގިނަ ލުއިތަކެއް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ. 

"މި ހުރިހާ ހާލަތްތަކަށް އެމްބިއުލާންސް އާސަންދައިން ހަމަޖެހޭނެ... އަޅުގަނޑު ޔަގީންކުރަނީ މީގެ ސަބަބުން ވެސް ވަރަށް ގިނަ ރައްޔުތުންނަށް ލުއިތަކެއް ލިބިގެންދާނެއޭ." ރައީސް ވިދާޅުވި އެވެ. 

އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެ ނިންމެވުން ނިންމެވީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން މަޝްވަރާ ކުރައްވައި އެކަމާ ގުޅޭ ބަޖެޓާއި އޮޕަރޭޝަނަލް ކަންކަމާއި ޓެކްނިކަލް މަޝްވަރާތަކަށް ފަހުގަ އެވެ.