ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން އަންނަ ހޮނިހިރު ދުވަހު ނަގަން ނިންމާފައިވާ ފެންނަ ނުފެންނަ ވޯޓު ހުއްޓުވައިދި ނުމަށް އެދި ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް އިއްޔެ ހުށަހަޅައިފި އެވެ.
ގާނޫނީ ވަކީލު މަރިޔަމް ޝުނާނާ ހުށަހެޅުއްވި މައްސަލައިގައި ވަނީ ރިފަރެންޑަމްގައި ކުރާ ސުވާލުގައި ފުށުއެރުންތަކެއް ހުރުމާއި އެ އިންތިހާބުގެ ފުރިހަމަ މަގުސަދަކީ ކޮބައިކަން އިލެކްޝަން ކޮމިޝަނަށް ވެސް ބުނެ ދެވިފައި ނުވާ ކަމަށެވެ.
އޭގެ އިތުރުން ރިފަރެންޑަމް ބޭއްވުމުގައި ގާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތުތަކާއި ދައުވާ ލިބޭ ފަރާތްތަކުން ހިލާފުވެފައިވާ ކަމާއި އިންސާފުވެރި އިންތިހާބެއް ބާއްވަން އިލެކްޝަންސް ކޮމިޝަނުން ބަލަންޖެހޭ ކަންކަން ބެލުމެއް ނެތި، ރައީސް ކަނޑައަޅުއްވާފައިވާ ތާރީހަށް އިންތިހާބު ބާއްވަން އެ ކޮމިޝަން ނިންމާފައިވަނީ މުސްތައްގިލު މިނިވަންކަމެއް ނެތި ކަމަށް ވެސް އެ ދައުވާގައި ބުންޏެވެ.
ދައުވާކުރާ ބައެއް ސަބަބުތައް
- ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަނީ ގާނޫނުއަސާސީ އަށް ގެންނަ އިސްލާހުތަކެއްގެ ގޮތުގައި. އެކަމަކު، ހިނގަމުންދާ މަޖިލީހުގެ ދައުރު ޑިސެމްބަރު 1، 2028 ގައި ހަމަވާނެ ކަމަށް ބަޔާންކޮށްފައިވަނީ ގާނޫނުއަސާސީ އަށް ގެންނަ އިސްލާހެއްގެ ގޮތުގައި ނޫން. ގާނޫނުއަސާސީގެ ދުސްތޫރު ބޭރުން، ގާނޫނުއަސާސީ އަށް ގެންނަ އިސްލާހެއްގެ ގޮތުގައި ނޫން ގޮތަށް ހިނގަމުންދާ މަޖިލީހުގެ ދައުރު ހަމަވެގެން ކުރެވޭ ކަމެއްގެ ދޭހަވާގޮތަށް ބިލުގައި ހިމަނާފައިވޭ. ސަރުކާރުން/ރައީސުލްޖުމްހޫރިއްޔާ އެދޭ ގޮތަށް ދެ އިންތިހާބު ބާއްވޭނީ ފަސް އަހަރުގެ މުއްދަތަށް އިންތިހާބުކޮށް ހިނގަމުންދާ މަޖިލީހުގެ އުމުރު ހަމަވުމުގެ ގާތްގަނޑަކަށް 177 ދުވަސް ކުރިން މަޖިލީސް އުވާލެވިގެން ކަމަށް ވާއިރު، އެކަން ގާނޫނުއަސާސީ އަށް ގެންނަ އިސްލާހެއްގެ ގޮތުގައި ހިމަނާފައިނުވޭ.
- އިންތިހާބު ބާއްވަން ނިންމައި އިއުލާންކުރީ ފެބުރުވަރީ 16، 2026 ގައި. އަދި ވޯޓުލުން ބޭއްވުމަށް ކަނޑައެޅީ އެޕްރީލް 4، 2026. ގާތްގަނޑަކަށް 47 ދުވަސް. މިއީ ރައްޔިތުން ހޭލުންތެރިކުރުވުމަށާއި ބަހުސްކުރުމާއި ތާއީދުކުރާ ފަރާތްތަކާއި ދެކޮޅު ފަރާތްތަކުން ތައްޔާރުވުމަށާއި އަދި އިންތިހާބާ ގުުޅޭ އެހެނިހެން ކަންތައްތަކަށް ތައްޔާރުވުމަށް ވަރަށް ކުރު މުއްދަތެއް.
- ރިފަރެންޑަމާ ގުޅޭ މައުލޫމާތު، ވޯޓު ކަރުދާހުގެ ނަމޫނާ އާއި ބިލާއި ރިޔާސީ ގަރާރު އެއް ތަނަކުން ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސަފައި ނެތުން. މިއީ ވޯޓުލުމަށް ބޭނުންވާ އެންމެ އަސާސީ މައުލޫމާތު.
އެފަދަ ސަބަބުތަކާ ހެދި ރިފަރެންޑަމް ނެގުން ހުއްޓުވައިދިނުމުގެ ވަގުތީ އަމުރަކަށް ވަނީ އެދިވަޑައިގެންފަ އެވެ.
ވަގުތީ އަމުރު ނުލިބިއްޖެ ނަމަ ދައުވާ ލިބޭ ފަރާތްތަކުގެ މައްޗަށް ވޯޓުގެ އެއްވެސް ނަތީޖާއެއް އިއުލާނުކުރުން، ޝާއިއުކުރުން ނުވަތަ ހާމަކުރުން މަނާކުރުން ނުވަތަ އެ ވޯޓަށް ގާނޫނީ، ގާނޫނުއަސާސީ ނުވަތަ އަމަލީ އެއްވެސް ހުއްޖަތެއް ނުވަތަ ބާރެއް ދިނުން ހުއްޓުވައި ދިނުމަށް ވެސް ވަނީ އެދިފަ އެވެ.
ނުވަތަ ވޯޓުގެ ނަތީޖާ އަށް ބިނާކޮށް އެއްވެސް ފިޔަވަޅެއް އެޅުން ނުވަތަ އޭގެ މައްޗަށް ބުރަވެ އެއްވެސް ކަމެއް ތަންފީޒުކުރުން ހުއްޓުވައި، މައްސަލައިގެ އިންސާފު ގާއިމުކުރުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމަށް ކޯޓަށް ފެންނަ ކޮންމެ ވަގުތީ ފަރުވާއެއް ހޯދުމަށް ވަނީ އެ ދައުވާގައި އެދިފަ އެވެ.
ޝުނާނާގެ ފަރާތުން ހައި ކޯޓަށް މައްސަލައެއް ހުށަހެޅުއްވިއިރު، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުން ހުއްޓުވަން ގާނޫނީ ވަކީލް އަހުމަދު އައިކް އީސަ އާއި އިބްރާހިމް ޝިޔާމް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލާގެ ހުކުމް މިއަދު މެންދުރު އިއްވަން އެ ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ސަރުކާރުގެ ފަރާތުން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ހުށަހެޅުއްވި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ 10 ވަނަ ދުވަހު އެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުގެ ބަދަލު ގާނޫނުއަސާސީއަށް ގެނެވޭނީ ރައްޔިތުންގެ އާންމު ވޯޓަކުން އެކަމަށް އަޣުލަބިއްޔަތު ލިބިގެންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށް ބޭއްވުމުން ބޮޑު ހަރަދެއް ސަލާމަތް ކުރެވޭނެ ކަމަށެވެ. އެގޮތުން މިހާރު ހުރި ލަފާކުރުންތަކަށް ބަލާއިރު އެ ފިޔަވަޅާ އެކު އަހަރަކު 80 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ އިސް ބޭފުޅުން ވިދާޅުވެފައި ވެ އެވެ.