ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ޖެހެނީ ކަމެއް ނުވެ ސިޔާސީ ހަލަބޮލިކަމުގައި ވަގުތު ބޭކާރުކުރުމަކީ ރައްޔިތުން އެދޭ ކަމަކަށް ނުވާތީ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިރޭ ވިދާޅުވެއްޖެ އެވެ. 

 ބީއެމްއެލް އިން ހުޅުމާލޭގައި އަޅާ ފްލެޓުތަކުގެ ތެރެއިން 182 ފްލެޓްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި މުއްތަލިބު ވިދާޅުވީ  ސަރުކާރެއް އިންތިހާބުކުރަނީ ރައްޔިތުންނަށް ހިދުމަތްކުރުމަށް ކަމަށާއި ސިޔާސީ ހުރަސްތައް ކުރިމަތިވެ ރައްޔިތުންނަށް ހިދުމަތްކުރަން ލިބޭ ވަގުތު ބޭކާރުވެގެންދިއުމަށް ނޫން ކަމަށެވެ. 

މުއްތަލިބު ވިދާޅުވީ ސިޔާސީ ނަފްރަތުގައި ސަރުކާރާއި މަޖިލިސް ޖެހި އެއްވެސް ކަމެއް ނުވެ އޮވެ، ދައުރު ނިމިގެންދާން ރައްޔިތުން ނޭދޭނެ ކަމަށެވެ. އަދި ގާނޫނުއަސާސީ އާއި ގާނޫނުގައި ހުރި ސްޓްރަކްޗަރަލް ދަތިކަމުގެ ސަބަބުން، ބޯހިޔާވަހިކަން ހޯދައިދިނުމަށް މަޝްރޫއުތައް ހިންގުމަށް އޮތް ވަގުތު ބޭކާރުވުމަށް ވެސް ނޭދޭނެ ކަމަށް ވިދާޅުވި އެވެ.

"ރައްޔިތުން ސަރުކާރުގެ ފަރާތުން އެދެނީ ރައްޔިތުން އެދޭ ކަންކަން ކޮށްދިނުމަށް. ފްލެޓު އެޅުމަށް. ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކޮށްދިނުމަށް. ބަނދަރު ފަދަ ތަންތަން ހެދުމަށް. ކަމެއް ނުވެ ސިޔާސީ ހަލަބޮލިކަމުގައި ވަގުތު ބޭކާރުކުރުމަކީ ރައްޔިތުން އެދޭ ކަމެއް ނޫން،" 

މުއްތަލިބު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ނިންމުމަކީ ހަމައެކަނި އިދާރީ ކަމެއް ނޫނެވެ. އެއީ ރައްޔިތުންގެ އަޣުލަބިއްޔަތުން ފަސް އަހަރުގެ މުއްދަތަށް ހޮވާ ރައީސްގެ ދައުރު ރަނގަޅަށް ނުފެށެނީސް އުމުރު ހަމަވާ މަޖިލީހަކުން ނިންމާ ނިންމުންތަކެއްގެ ސަބަބުން ރައްޔިތުންނަށް ހިދުމަތްކުރުމަށް އޮތް ވަގުތު ބޭކާރުވެގެން ދިޔަ ނުދިނުމަށް ނިންމަންޖެހޭ މުހިއްމު ކަމެއްގެ ގޮތުގައި މުއްތަލިބު ސިފަ ކުރެއްވި އެވެ. 

ހުޅުމާލޭ ފޭސް އެކެއްގައި އަޅާ ފްލެޓުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ބައިވެރިވެވަޑައިގަންނަވަނީ.
ހުޅުމާލޭ ފޭސް އެކެއްގައި އަޅާ ފްލެޓުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ބައިވެރިވެވަޑައިގަންނަވަނީ.

މުއްތަލިބު ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ކުރަން ބޭނުންވި އެތައް ކަމެއް ނުކުރެވުނީ ސަރުކާރުގެ އެޖެންޑާއަށް ބެލުމެއް ނެތި އޭރުގެ މަޖިލީހުން ފާސްކުރި ބަޖެޓެއްގެ ސަބަބުން ކަމަށެވެ. 

"މި ސަރުކާރުގެ ފުތަތަމަ އަހަރު ވެރިކަން ކުރަންޖެހުނީ ކުރީ ސަރުކާރުން ހެދި ބަޖެޓަކަށް. ސަރުކާރު ވެރިކަމާ ހަވާލުވިއިރު އުމުރު ހަމާވާން ހަ މަހަށް ވެފައި އޮތް މަޖިލީހަކުން ފާސްކޮށްފައި އޮތް ބަޖެޓަކަށް . އެ މަޖިލީހުގެ ބަޖެޓު ތައްޔާރުކޮށްފައި ވަނީ ރައްޔިތުން ހޮވި ސަރުކާރުގެ އެޖެންޑާއަށް ބެލުމެއް ނެތި،" ކަންބޮޑުވުން ފާޅުކުރައްވާ މުއްތަލިބު ވިދާޅުވި އެވެ. 

އެފަދަ ގޮތަކަށް އަމަލުކުރުމުގެ ސަބަބުން މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ލަސްވިކަން ފާހަގަކުރައްވައި މުއްތަލިބު ވިދާޅުވީ އޭގެ ސަބަބުން ހިދުމަތްތަކަށް ބުރޫއެރިކަމަށާއި އެކަމުން ގެއްލުންވީ ރައްޔިތުންނަށް ކަމަށެވެ. 

"ނަތީޖާއަކީ ކަންކަން ލަސްވުން. ހިދުމަތްތަކަށް ބުރޫއެރުން. މީގެން ގެއްލުން ލިބުނީ ރައްޔިތުންނަށް،" 

މުއްތަލިބު ވިދާޅުވީ އެފަދަ ސަބަބުތަކާ ހުރެ ގެއްލިގެންދާ ވަގުތުތަކަކީ ބޯހިޔާވަހިކަމެއް ނެތި ހާލުގައި އުޅޭ އާއިލާތަަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެޅޭ ހުރަހެއް ކަމަށާއި އެއީ ހިދުމަތް ރަނގަޅުވުމަށް އެދޭ މީހާއަށް ލިބޭ ނުތަނަވަސްކަމެއް ކަމަށެވެ. 

އެހެންވެ، ގާނޫނުއަސާސީއަށް ގެނައުމަށް މަސައްކަތްކުރާ ބަދަލަކީ ސަރުކާރުން ޑެލިވާކޮށްދިނުމަށް މުހިއްމު ބަދަލެއް ކަމަށް މުއްތަލިބު ވިދާޅުވެ އެވެ. އަދި ރައްޔިތުން ވޯޓު ދެނީ ރައްޔިތުންނަށް ކުރެވޭ އިތުބާރާއި ފެންނަން އޮތް ނަތީޖާއަށް ކަމަށް ވިދާޅުވެ، މުއްތަލިބު ވަނީ މިރޭ ބިންގާ އެޅި މަޝްރޫއުން ވެސް ފެނިގެންދަނީ ފޯކަސް ކުރެވިގެން ސަރުކާރަށް މަސައްކަތްތަކެއް ކުރެވުމުގެ ނަތީޖާ ކަމަށް ވިދާޅުވެފަ އެވެ.