ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޑައިލިސިސްގެ އެކްސްޓެންޝަނާއި އިމަޖެންސީ ރޫމްގެ އާ އިމާރާތް މިއަދު ހުޅުވައިފި އެވެ.

އެ ހޮސްޕިޓަލްގައި ބޭއްވި ރަސްމިއްޔާތުގައި އެ ދެ އިމާރާތް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ.

އެ ތަންތަނުގެ އިތުރުން އެ ހޮސްޕިޓަލްގެ އައިސޮލޭޝަން ފެސިލިޓީގެ މަސައްކަތް ވެސް މިއަދު ވަނީ ފަށައިފަ  އެވެ. އެ ބިންގާ އަޅުއްވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ. 

ރައީސް އޮފީހުން ބުނީ ރަށްރަށުގެ ސިއްހީ ހިދުމަތް ފުޅާކޮށް ތަރައްގީކުރުމުގެ ސިޔާސަތުގެ ދަށުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ ސަރުކާރުން ޓާޝަރީ ފެންވަރަށް ތަރައްގީ ކުރާ އެއް ތަން ކަމަށެވެ.

އަލަށް ހުޅުވި ޑައިލިސިސް އެކްސްޓެންޝަން އިމާރާތުގައި އެއްފަހަރާ ނުވަ މީހުންނަށް ޑައިލިސިސް ހެދޭނެ އެވެ. އަދި އާ އިމަޖެންސީ ރޫމްގައި 6 އެނދާއެކު ހިދުމަތް ވަނީ ފުޅާކޮށްފަ އެވެ.

އައިސޮލޭޝަން ފެސިލިޓީގެ ސަބަބުން ވެސް އުތުރުގެ ސިއްހީ ދާއިރާއަށް އިތުރު ކުރިއެރުން ލިބޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެ ތަނުގައި، ޕްރައިވެޓް ރޫމްތަކާއި 800 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމެއްގެ އިތުރުން ކޮންވާޓިބަލް ކަރަންޓީނު ފެސިލިޓީއެއް ހުންނާނެ އެވެ.