މާލޭގެ މަގުތައް ތޮއްޖެހިފައި އޮތުމުގެ ސަބަބުން، ކުރު ދަތުރެއް ނިންމަން މާ ގިނަ ވަގުތު ހޭދަވާ ކަމަށް ބުނެ ޓެކްސީ ޑްރައިވަރުން އެތެރޭގެ ދަތުރުތައް ނަގަން ދެކޮޅު ހަދާތީ އާންމުންގެ ޝަކުވާ ވަރަށް ބޮޑެވެ. އޭގެ ސަބަބުން މާލެތެރޭގައި، އެއްތަނުން އަނެއްތަނަށް ދާން ބޭނުންވާ މީހުންނަށް ޓެކްސީއެއް ހޯދުން ވަނީ ބޮޑު ތަކުލީފަކަށެވެ. ޓެކްސީ ޑްރައިވަރުން ހަމައެކަނި ނަގަނީ ބްރިޖް ހުރަސްކޮށް ކުރާ ދިގު ދަތުރުތަކެވެ.

އެމްޓީސީސީ މެދުވެރިކޮށް ސަރުކާރުން އަންނަ ބުރާސްފަތި ދުވަހު ފަށާ "މާލެ ޓެކްސީ"ގެ ހިދުމަތާ އެކު އެންމެ ބޮޑު ހައްލެއް ލިބޭނީ މާލޭގެ އެތެރޭގެ ދަތުރުތަކަށް ޓެކްސީ ނުލިބޭ މައްސަލައަށެވެ. 

"މާލެ ޓެކްސީ"ގެ ހިދުމަތް ދިނުމަށް، ތިމާވެއްޓާ ރައްޓެހި، 150 އިލެކްޓްރިކް ކާރު ގެންނައިރު، އޭގެ ތެރެއިން ބައެއް ކާރުތައް މިހާރު ވަނީ މާލެ ގެނެސްފަ އެވެ.

އެމްޓީސީސީގެ މާލެ ޓެކްސީ ލައިންގެ ހިދުމަތް ފެށުމަށް ގެނައި ކާރުތައް މާލޭ ޕޯޓުގައި.-- ފޮޓޯ: އެމްޓީސީސީ
އެމްޓީސީސީގެ މާލެ ޓެކްސީ ލައިންގެ ހިދުމަތް ފެށުމަށް ގެނައި ކާރުތައް މާލޭ ޕޯޓުގައި.-- ފޮޓޯ: އެމްޓީސީސީ
ލުމިން މޮޑެލް 

"މާލެ ޓެކްސީ"ގެ ހިދުމަތް ދޭ އެމްޓީސީސީގެ ޓްރާންސްޕޯޓް ޑިވިޝަންގެ ޖެނެރަލް މެނޭޖަރު އަބްދުﷲ ފާރިޝް "މިހާރު" އަށް ވިދާޅުވީ ޓެކްސީ ލައިންގެ ހިދުމަތް ދިނުމަށް ތިން މޮޑެލްއެއްގެ ކާރުތައް ގެންނައިރު، އޭގެ ތެރޭގައި މާލެތެރޭގައި ދުއްވަ ހާއްސަ މޮޑެލްއެއްގެ ކާރުތަކެއް ހިމެނޭ ކަމަށެވެ. 

  • މާލޭގެ އެތެރޭގެ ދަތުރުތަކަށް ހާއްސަ "ލުމިން" މޮޑެލް 70 ކާރު ދުއްވާނެ
  • ޑްރައިވަރުގެ އިތުރުން ތިން ފަސިންޖަރުންނަށް ތިބެވޭ
  • މި ކުދި ކާރުތަކުގެ ފަހަތަށް ކުދި ލަގެޖު ވެސް އެރުވޭނެ

މި ކާރުތައް ގެނައުމުގައި މާލޭގެ މަގުތަކުގައި ދުއްވަން ފަސޭހަ މޮޑެލްއެއް ގެނައުމަށް ވަރަށް ބޮޑަށް ބަލާފައި ވާނެ ކަމަށް ފާރިޝް ވިދާޅުވި އެވެ. 

"ހާއްސަކޮށް މާލޭގެ ވީހާ ވެސް ގިނަ މަގުތަކަށް ވަދެވޭނެ ކަހަލަ ވެހިކަލްއެއް ހޯދުމުގެ މަގުސަދުގައި ލުމިން ކާރު މީނީ ތައާރަފުކޮށްފައި،" އޭނާ ވިދާޅުވި އެވެ. 

ފާރިޝް ވިދާޅުވި ގޮތުގައި، މާލޭގައި މިހާރު އާންމުކޮށް ދުއްވާ އުޅޭ ކާރުތަކަށް ވުރެ މި މޮޑެލްގެ ކާރުތައް ކުޑަވާނެ އެވެ. މި ކާރުގެ ދިގުމުގައި 3.27 މީޓަރު ހުންނައިރު، ފުޅާމިނުގައި ހުންނަނީ 1.70 މީޓަރެވެ. މީގެ ޓާނިން ރޭޑިއަސްއަކީ 4.6 މީޓަރު ކަމަށް ވާތީ، ހަނި ގޯޅިތަކަށް އެޅުމަށާއި ޔޫ-ޓާން ނެގުން ކަހަލަ ކަންކަމަށް ވަރަށް ފަސޭހަ ވާނެ އެވެ. 

"މިއީ ކުދި ކާރުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ރިކޮމެންޑްކުރާ މޮޑެލް. ކުދި އަދި ކޮމްޕެކްޓް ސިޓީތަކަށް ހާއްސަކޮށް ފަރުމާކޮށްފައި ހުންނަ މޮޑެލްއެއް،" ފާރިޝް ވިދާޅުވި އެވެ. 

ސަރުކާރުން ފަށާ މާލެ ޓެކްސީ ލައިނަށް ބޭނުންކުރާ ކާރުތަކެއް އެމްޕީއެލް ސަރަހައްދަށް ބާލާފައިވާއިރު، ޓްރާންސްޕޯޓް މިނިސްޓަރު އަމީނާއި އެމްޓީސީސީގެ އެމްޑީ ސައުދީ އެ ކާރުތައް ކައިރީގައި މަޑުކޮށްލައްވައިގެން.--- ފޮޓޯ: އެމްޓީސީސީ
ސަރުކާރުން ފަށާ މާލެ ޓެކްސީ ލައިނަށް ބޭނުންކުރާ ކާރުތަކެއް އެމްޕީއެލް ސަރަހައްދަށް ބާލާފައިވާއިރު، ޓްރާންސްޕޯޓް މިނިސްޓަރު އަމީނާއި އެމްޓީސީސީގެ އެމްޑީ ސައުދީ އެ ކާރުތައް ކައިރީގައި މަޑުކޮށްލައްވައިގެން.--- ފޮޓޯ: އެމްޓީސީސީ
ޑީޕަލް އެސްފައިވް

ފާރިޝް ވިދާޅުވީ މާލެ، ހުޅުމާލެ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ދަތުރުކުރާ މީހުންނަށް ހާއްސަ ކޮށްގެން ޓެކްސީގެ ހިދުމަތް ދިނުމަށް ބޮޑެތި ލަގެޖު އެރުވޭނެ، ޖާގަ ތަނަވަސް، މޮޑެލްއެއްގެ ކާރު ވެސް ޓެކްސީ ލައިންގައި ހިމެނޭ ކަމަށެވެ. އެއީ ޑީޕަލް އެސްފައިވްގެ ކާރު ކަމަށް އޭނާ ވިދާޅުވި އެވެ. 

  • ޑީޕަލް އެސްފައިވް މޮޑެލްގެ 60 ކާރު ދުއްވާނެ
  • ޑްރައިވަރުގެ އިތުރުން ހަތަރު ފަސިންޖަރުންނަށް ތިބެވޭނެ
  • މި ކާރުތަކުގެ ކުރި އާއި ފަހަތަށް ވެސް ލަގެޖު އެރުވޭނެ

"އީވީ ވެހިކަލްއެއް ވީމާ ވާގޮތަކީ، ހާއްސަކޮށް އެސްފައިވް އާއި އެސްސެވަންގެ ކުރީގައި، ބޮނެޓް ހުޅުވާލާއިރު ވެެސް، ނޯމަލް ވެހިކަލްތަކުގައި ހުންނާނީ އިންޖީނު. އެކަމަކު، އީވީ ވެހިކަލްތަކުގައި އެބައި ހުސްކޮށް ހުންނާތީ އެތަނަށް ލަގެޖު އެރުވޭނެ،" ފާރިޝް ވިދާޅުވި އެވެ. 

ޑީޕަލް އެސްސެވަން
  • މި މޮޑެލްގެ 20 ކާރު ދުއްވާނެ
  • ޑްރައިވަރުންގެ އިތުރުން ހަތަރު ފަސިންޖަރުންނަށް ތިބޭނެ
  • މި ކާރުތަކުގެ ކުރި އާއި ފަހަތަށް ވެސް ލަގެޖު އެރުވޭނެ
ޑްރައިވަރުންނާއި ކަސްޓަމަރުންގެ ރައްކާތެރިކަން 

ފާރިޝް ވިދާޅުވީ ޑްރައިވަރުންނާއި ކަސްޓަމަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މި ކާރުތަކުގައި ސެކިއުރިޓީގެ ހާއްސަ ފީޗާތަކެއް ވެސް ހުންނާނެ ކަމަށެވެ. 

ހުރިހާ ކާރެއްގައި ވެސް 360 ޑިގްރީ ވިއުގެ ސެކިއުރިޓީ ކެމެރާ ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

"އެއީ ޑްރައިވަރުންގެ އިތުރުން ކަސްޓަމަރުންގެ ވެސް ރައްކާތެރިކަމަށް، މި ކެމެރާތަކުން ހުރިހާ މަންޒަރެއް ރެކޯޑްކުރާނެ. އެއްވެސް ކަމެއް ދިމާވެއްޖެ ކަމަށް ވަންޏާ، ކަސްޓަމަރުންނަށް ގެރެންޓީ އާއި ރައްކާތެރިކަން އެމްޓީސީސީން ކަށަވަރު ކޮށްދޭނެ،" އޭނާ ވިދާޅުވި އެވެ. 

"މި ހުރިހާ ވެހިކަލެއްގައި ވެސް ހުންނާނީ ކަސްޓަމަރުންނަށް ކޮމްފޮޓެބަލް، އަރާމު، ފަސޭހަ ދަތުރެއް އިހުސާސްކުރެވޭނެ ގޮތަށް، ކޮމްފޮޓެބަލް ލެދާ ސީޓިސް. އެފިޝަންޓް އަދި އެތެރޭގައި ލެގް ސްޕޭސް ވެސް ރަނގަޅު ވާނެ."

އެމްޓީސީސީގެ މާލެ ޓެކްސީ ލައިންގެ ހިދުމަތް ފެށުމަށް ގެނައި ކާރެއް ހުޅުމާލޭގައި ދުއްވަނީ.-- ފޮޓޯ: އެމްޓީސީސީ
އެމްޓީސީސީގެ މާލެ ޓެކްސީ ލައިންގެ ހިދުމަތް ފެށުމަށް ގެނައި ކާރެއް ހުޅުމާލޭގައި ދުއްވަނީ.-- ފޮޓޯ: އެމްޓީސީސީ

ޑްރައިވަރުންނާއި ކަސްޓަމަރުންގެ ރައްކާތެރިކަން ކަށަވަރު ކޮށްދޭ ސެންސާތަކާއި އެލާމްތައް ވެސް މި ކާރުތަކުގައި ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ފާރިޝް ވިދާޅުވީ އެޕް މެދުވެރިކޮށް ކަސްޓަމަރުން ދަތުރަކަށް އެދުމުން "މާލެ ޓެކްސީ"ން ޑްރައިވަރުން އެސައިން ކުރާނެ ކަމަށެވެ. އޭގެ ސަބަބުން، ވަކި ތަނަކަށް ނޫނީ ޑްރައިވަރުން ދަތުރުތައް ނުނަގާ ކަމަށް ބުނާ މައްސަލަ ހައްލުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ފާރިޝް ވިދާޅުވި ގޮތުގައި "މާލެ ޓެކްސީ"ގެ ހިދުމަތަކީ އެމްޓީސީސީން މިހާރު ވެސް ދޭ ޕަބްލިކް ޓްރާންސްޕޯޓްގެ އެހެން ހިދުމަތްތަކެކޭ އެއްގޮތަށް، އާންމު ދަތުރުފަތުރަށް ލުއިފަސޭހަ ކުރުމަށް ތައާރަފުކުރާ ހިދުމަތެކެވެ. އެ ކުންފުނިން ދޭ ބަހުގެ ހިދުމަތާއި އާރުޓީއެލް ފެރީގެ ހިދުމަތާ އެއްގޮތަށް "މާލެ ޓެކްސީ"ގެ ހިދުމަތަކީ ވެސް އާންމުންގެ ދަތުރުފަތުރަށް ފަސޭހަ، ބޮޑު ބަދަލެއް ގެންނާނެ ހިދުމަތަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޓީސީސީން މިހާރު ވަނީ މި ކާރުތައް ދުއްވުމަށް ޑްރައިވަރުން ތަމްރީނު ވެސް ކޮށްފަ އެވެ. 

އެ ކާރުތަކުގައި "މާލެ ޓެކްސީ"ގެ ލޯގޯ އާއި ޓެކްސީ ލައިންގެ ހޮޓްލައިން ނަމްބަރު 1،655 ޖަހާފައިވެ އެވެ. މި ހިދުމަތް ދެނީ 24 ގަޑިއިރު ހިދުމަތް ލިބޭ މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށެވެ. 

"މާލެ ޓެކްސީ" ލައިންގެ ދާއިމީ ޑްރައިވަރުން ތިބޭނީ ހާއްސަ ޔުނިފޯމެއްގަ އެވެ. ޕާޓް-ޓައިމް ޑްރައިވަރުން ތިބޭނީ ވެސްޓް ލައިގެންނެވެ.

ސަރުކާރުން ޓެކްސީ ވިޔަފާރީއަށް ވަނީ މިހާރު ވެސް ޓެކްސީގެ ހިދުމަތަށް 1،500 އެއްހާ ކާރު ރަޖިސްޓްރީކޮށްފައި އޮތް ނަމަވެސް، އެ މީހަކު ބޭނުންވާ ވަގުތެއްގައި ނުކުމެ، ބޭނުންވާ ތަނަކަށް އެކަނި ދަތުރު ކުރާތީ އާއްމުންގެ ޝަކުވާ ބޮޑުވުމުން، އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށެވެ.