މާލޭގައި ޕާކިން ބިލްޑިންތައް ހެދުމުގެ މަސައްކަތް ސަރުކާރުން މިއަދު ފަށައިފި އެވެ.

ބެޗް ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކޮށްގެން ހުޅުމާލޭގައި ހަދާ ޕްރޮޖެކްޓުގެ ބިންގާ އަޅުއްވައި، ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން އެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ މަގުމަތީގައި ޕާކްކުރަން ދިމާވެފައިވާ މައްސަލަތަކާއި ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓަރީކުރަން ގަރާޖު ނުލިބޭ ހާލަތު ބަދަލުކުރަން ފަށާ މަސައްކަތުން ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ.

އަމީން ވިދާޅުވީ ޕްރައިވެޓް ސެކްޓާ އިނީޝިއޭޓިވްގެ ދަށުން ހުޅުމާލެ 1 2 އަދި ހުޅުމާލެ 3 ގައި ހަތަރު ޕާކިން ބިލްޑިންގް އަޅާނެ ކަމަށެވެ.

ބެޗް ކޮންސްޓްރަކްޝަން ކުންފުނިން 13 ބުރީގެ އިމާރާތް އަޅަން ނިންމާފައިވަނީ ހުޅުމާލެ 1 ގަ އެވެ. އެ ތަނުގައި ދެ ފުރޮޅުލީ އުޅަނދުތަކަށް 500 އަށް ވުރެ ގިނަ ޖާގަ އަދި ހަތަރު ފުރޮޅުލީ އުޅަނދަށް 800 އަށް ވުރެ ގިނަ ޖާގަ ކަނޑައަޅާފައިވެ އެވެ. މިއީ، އަޅަން ނިންމާފައިވާ ޕާކިން ބިލްޑިންތަކުގެ ތެރެއިން އެންމެ ބޮޑު ތަނެވެ. 

ޕާކިން ބިލްޑިންގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ޓްރާންސްޕޯޓު މިނިސްޓަރު އަމީން ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ޕާކިން ބިލްޑިންގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ޓްރާންސްޕޯޓު މިނިސްޓަރު އަމީން ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

އެ މަސައްކަތްތައް ކުރިއަށް އޮތް 24 މަސް ދުވަހުގެ ތެރޭގައި ނިމޭނެ އެވެ. 

މިނިސްޓަރު ވިދާޅުވި ގޮތުގައި އަލަށް އަޅާނީ ވަރަށް ޒަމާނީ ޕާކިން އިމާރާތްތަކެއް ކަމަށެވެ. ބާކީ ހުރި ހަ ބިލްޑިން އަޅަން ވެސް ދިވެހި ހަ ކުންފުންޏަކާ ހަވާލުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

"ޕާކިން ބިލްޑިންތައް ނިމުމުން މާލޭގެ މަގުތަކަށް އަމާންކަން ލިބި، ރަޖިސްޓްރީކުރުމުގެ މައްސަލަތަކަށް ހައްލު ލިބޭނެ،" ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގެންނެވި ހަފުލާގައި އަމީން ވިދާޅުވި އެވެ.

އަޅަން ނިންމާފައިވާ ޕާކިން ބިލްޑިންތަކުގައި ހަތަރު ފުރޮޅުލީ އުޅަނދުތަކަށް 2،600 އަދި ދެ ފުރޮޅުލީ އުޅަނދުތަކަށް 1،000 ޖާގަ ކަނޑައަޅާފައިވެ އެވެ. 

ބެޗް ކޮންސްޓްރަކްޝަނުން ބުނީ ޕާކިން ބިލްޑިންތައް ހަދާނީ، ކުރިއަރާފައިވާ ގައުމުތަކުގައި އޭގެ ބިލްޑިންތައް ގެންގުޅޭ ކޯޑުތަކަށެވެ. އެގޮތުން، އިމާރާތުގެ ތެރޭގައި ޓްރެފިކް ފްލޯއަށް އިސްކަންދީ، ކޮމާޝަލް ސްޕޭސް ހިމެނޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.