އައިޖީއެމްއެޗުގައި މަސައްކަތްކުރި ފިލިޕިންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާ މާވިން އެސްވައި (މިހާރުގެ ނަމުން ޔޫސުފް) އާއި ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ މައްޗަށް ކުރާ ދައުވާތަކުގެ ހުކުމް އަންނަ މަހު އިއްވަން ހަމަޖައްސައިފި އެވެ.
އޮކްޓޫބަރު، 2021 ގައި މޭރީ މަރާލި ކަމަށް ބުނެ މާވިންގެ މައްޗަށް ދައުވާ ކުރާއިރު، ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އަދި އެކަމުގައި ދައުލަތުން ތުހުމަތު ކުރަނީ މާވިން އާއި ލަމްހާއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމަށެވެ.
އެ މައްސަލާގައި 2022 ވަނަ އަހަރު ކްރިމިނަލް ކޯޓުގައި ޝަރީއަތް ފެށުމަށްފަހު އެ މައްސަލާގެ އަޑުއެހުންތައް މިދިޔަ ހަފުތާގައި ވަނީ ނިންމާލައިފަ އެވެ. އަދި އެ މައްސަލާގެ ހުކުމް އަންނަ މަހުގެ 12 ވަނަ ދުވަހު އިއްވަން ހަމަޖައްސާފައިވާ ކަމަށް ވަނީ އެނގިފަ އެވެ.
އެ މައްސަލާގައި ޝަރީއަތް ނިމެންދެން މާވިން އާއި ލަމްހާ ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވާއިރު، ބަންދުގައި ހުއްޓާ މާވިން އިސްލާމްވެފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ކޯޓަށް އަންގައިފަ އެވެ. އަދި އޭނާގެ ނަން ޔޫސުފްގެ ނަމަށް ބަދަލުކޮށްފައިވާ ކަމަށް ވެސް ވަނީ އަންގައިފަ އެވެ.
އެ މައްސަލާގައި ލަމްހާ ކުރިން ބަންދުން ދޫކުރި ނަމަވެސް ފަހުން ކޯޓުން ވަނީ އަނެއްކާވެސް އޭނާ ބަންދުގައި ބަހައްޓަން އަމުރުކޮށްފަ އެވެ.