ރާއްޖޭގެ އެކި ހިސާބުތަކަށް އިހުސާސް ކުރެވޭ ހޫނުމިން މައްޗަށް ގޮސް، 40 ޑިގްރީ ސެލްސިއަސްއާ ގާތްކުރާ ކަމަށް މޫސުމާ ބެހޭ އިދާރާގެ ރެކޯޑްތަކުން ދައްކައިފި އެވެ.
މެޓް އޮފީހާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް ވަނީ ރާއްޖޭގެ ހޫނުމިން އާދަޔާ ހިލާފަށް މަތިވަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ. އެގޮތުން މި މަހުގެ ފަހުކޮޅުން ފެށިގެން އަންނަ މަހުގެ ނިޔަލަށް ރާއްޖޭގައި ހޫނުމިން ވަރަށް މަތިވާނެ ކަމަށް ލަފާކުރެވެ އެވެ.
ރާއްޖޭގެ އާންމު ހޫނުމިން އެވްރެޖުކޮށް 32 ޑިގްރީ ސެލްސިއަސްގައި މި ދުވަސްވަރު ހުރި ނަމަވެސް، ވައިގެ ތެތްކަން ނުވަތަ ހިއުމިޑިޓީ މަތިކޮށް ހިފެހެއްޓިފައި ހުރުމުގެ ސަބަބުން އިންސާނާގެ ހަށިގަނޑަށް އިހުސާސް ކުރެވޭ ހޫނުމިން ހުންނާނީ އެވްރެޖުކޮށް 32 އާއި 45 ޑިގްރީ ސެލްސިއަސްއާ ދެމެދުގައި ކަމަށް ލަފާކުރެވެ އެވެ. އެއީ ސިއްހީ ގޮތުން "ސަމާލުވާން ޖެހޭ" މިންވަރެކެވެ.
މިއަދު ހެނދުނު 11:00 ގައި ހދ. ހަނިމާދޫގައި އިހުސާސްކުރެވޭ ހޫނުމިން ހުރީ 37.4 ޑިގްރީ ސެލްސިއަސްގަ އެވެ. މާލޭގައި 36.3 ޑިގްރީ ސެލްސިއަސްގައި ހުރިއިރު، ލ. ކައްދޫގައި ހުރީ 36.1 ޑިގްރީ ސެލްސިއަސްގަ އެވެ.
ހޫނުގަދަވުމުގެ މައިގަނޑު ސަބަބުތައް
- އިރުވައި މޫސުން ނިމި، ހުޅަނގު މޫސުމަށް ބަދަލުވާ ދުވަސްވަރު ވައި މަޑުވުން
- އުޑުމަތި ސާފުވެ، ސީދާ އިރުގެ ދޯދިތައް ބިމަށް ފޯރުން
ސްރީލަންކާގެ މެޓް ޑިޕާޓްމަންޓުން އިއްޔެ ވަނީ އެ ގައުމުގެ ބައެއް ސަރަހައްދުތަކަށް އެމްބާ ނުވަތަ ރީނދޫ ސަމާލު ނެރެފަ އެވެ. އަދި އެ ގައުމުގެ ބައެއް ހިސާބުތަކުގައި ހޫނުމިން 45 ޑިގްރީ ސެލްސިއަސްއަށް އަރާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
ދެކުނު އޭޝިއާގެ ގައުމުތަކަށް މި ދުވަސްވަރު އާދަޔާ ހިލާފަށް ހޫނުވުމަކީ ދުނިޔެ ހޫނުވުމުގެ ސަބަބުންނާއި ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން މަތިވުމުގެ ސަބަބުން ކުރިމަތިވަމުންދާ ކަމެއް ކަމަށް ކަމާބެހޭ މާހިރުން ބުނެ އެވެ.
އެޗްޕީއޭގެ އިރުޝާދު
ގަދަ ހޫނުގެ ސަބަބުން ޑީހައިޑްރޭޓްވުން ނުވަތަ ހަށިގަނޑުން ފެން މަދުވުމާއި ހީޓް ސްޓްރޯކް ކަހަލަ ނުރައްކާތަކުން ސަލާމަތްވުމަށް ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
- ގިނައިން ފެން ބުއިން: ކަރު ނުހިއްކި ނަމަވެސް ގިނައިން ފެން ބުއިން
- އަވިން ސަލާމަތްވުން: ހެނދުނު 10:00 އާއި ހަވީރު 04:00 އާ ދެމެދު އަވީގައި އުޅުން މަދުކުރުމާއި ކުޑަ އެޅުމާއި ސަން ސްކްރީން ބޭނުންކުރުން
- ހެދުން އެޅުން: ލުއި ނުވަތަ ކުލަ ފަނޑު އަދި ދޫ ހެދުން އެޅުމާއި ތޮފި އެޅުން
- ހާއްސަ ސަމާލުކަން: ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން އަދި ބޭރުގައި މަސައްކަތްކުރާ މީހުން އިތުރަށް ސަމާލުވުން
އިރުވައި މޫސުން ފެށުމުން، ޖެނުއަރީ މަހުން ޖޫން މަހާ ހަމައަށް އެއީ އާންމުކޮށް ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރެވެ. އަދި އާންމުކޮށް އެންމެ ހޫނުގަދަވަނީ އެޕްރީލް މަހު އެވެ.
އިހުސާސްކުރެވޭ ހޫނުމިން މިހާތަނަށް އެންމެ މައްޗަށް ގޮސްފައި ވަނީ އެޕްރީލް 1، 2024 ގައި މާލެއަށެވެ. އެ ދުވަހު މާލޭގައި ހޫނުމިން އިހުސާސް ކުރެވޭ މިންވަރު 48 ޑިގްރީ ސެލްސިއަސްއަށް އެރި އެވެ.
ދިވެހި ނަކަތް ކަލަންޑަރުގައިވާ ގޮތުގައި، މިއަދަކީ އިރުވައިގެ އެންމެ ފަހު ނަކަތް ކަމަށްވާ ރޭވައިގެ ހަތަރުވަނަ ދުވަހެވެ. މި ނަކަތުގައި އާންމު ގޮތެއްގައި ހޫނުގަދަވި ނަމަވެސް، ވިލާގަނޑެއް އަތުވެއްޖެނަމަ އެ ވިލާގަނޑުގައި ކުރާ އަސަރު ވަރަށް ބޮޑުވެ އެވެ. މި ދުވަސްވަރު ވައި ހުންނާނީ އުތުރު ބިތުންނެވެ.
އިރުވައި މޫސުން ނިމި، އަންނަ މަހު ރާއްޖެއަށް ހުޅަނގު މޫސުން ފެށޭނެ އެވެ. ހުޅަނގު މޫސުމުގެ ބާރުގަދަވެ، ވިއްސާރަކުރާނީ މެއި މަހުން ފެށިގެންނެވެ.