ދެ އިންތިހާބު އެކުގައި ބާއްވަނީ ރިޔާސީ ދައުރު ދަންމާލަން ކަމަށް އިދިކޮޅު އެމްޑީޕީން ތުހުމަތުކުރިޔަސް ރިޔާސީ ދައުރު ދަންމާލުމުގެ ވިސްނުންފުޅެއް ނުގެންގުޅުއްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބާއި މަޖިލީސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލްގެ އިންތިހާބާއެކު ނަގަން ވަނީ ނިންމައިފަ އެވެ. މީގެ ބޭނުމަކީ ރިޔާސީ ދައުރު ދަންމާލުން ކަމަށް އިދިކޮޅު އެމްޑީޕީން ދަނީ ތުހުމަތުކުރަމުންނެވެ. 

ސަންގު ޓީވީން މިރޭ ގެނެސްދިން "ރައީސް" ޕްރޮގްރާމްގައި، ޒުވާނަކު ވަނީ ދެ އިންތިހާބު އެކުގައި ބޭއްވުމާއި ރިޔާސީ ދައުރު ދަންމާލުމާ ގުޅޭ ގޮތުން ރައީސް މުއިއްޒުއާ ސުވާލު އަމާޒުކުރައްވައިފަ އެވެ.

އެ ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ރިޔާސީ ދައުރު ދަންމާލުމުގެ ވިސްނުންފުޅެއް ނުގެންގުޅުއްވާ ކަމަށެވެ.

"ނޫން، އެކަހަލަ ވިސްނުމެއް ނެތް އަޅުގަނޑުގެ. ތި ބެނާތައް ފެނޭ، އަޅުނޑު ހިތަަށް އަރާ ކޮން ގައުމެއްގައި ބާއޭ އަނެއްކާ އަޅުގަނޑުމެންނަށް މި އުޅެވެނީ. ގައިމު ވެސް މި ގައުމުގައި ނަގަން މި އުޅޭ ވޯޓުގައި އެކަހަލަ ކަމެއް ނެތް،" ރައީސް ވިދާޅުވި އެވެ.

"...މިއަކު ނާދޭ ރިޔާސީ އިންތިހާބު ދިގުކުރާ ވާހަކައެއް، ކުރު ކުރާ ވާހަކައެއް. އެކަހަލަ ކަމެއް ކުރާކަށް ނުވެސް އުޅެން، ނުވެސް ކުރާނަން."

ރައީސް ވިދާޅުވި ގޮތުގައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ހަރަދު ކުޑަވުމުގެ އިތުރުން ދެ ބާރު އިތުރަށް ވާނީ ފުރިހަމަ އެވެ. އަދި ސުޕަ މެޖޯރިޓީ ހޯދުން ވެސް ނިމުމަކަށް އަންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.