ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ ރައްޔިތުންގެ މަޖިލީހުގެ 93 ގޮނޑީގެ ތެރެއިން 10 ޕަސެންޓު ޒުވާނުންނަށް ހާއްސަ ކުރުން ކަމަށް އެމަނިކުފާނު މިރޭ ވިދާޅުވެއްޖެ އެވެ.

ސަންގު ޓީވީން ގެނެސްދިން "ރައީސް" ޕްރޮގްރާމްގައި އެމަނިކުފާނު ވިދާޅުވީ ގައުމުގެ ކަންކަން ބައްޓަން ކުރުމާއި ބަސް އިއްވުމުގައި ޒުވާނުންގެ ބައިވެރިވުން އޮންނަން ވާނެ ކަމަަށް ގަބޫލު ކުރައްވާ ކަމަށެވެ. އެކަމަށް މަގުފަހިކުރަން މި އަހަރު ޔޫތު ޕާލިމެންޓް އަލުން ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ސަންގު ޓީވީގެ ޕްރޮގްރާމްގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ރައީސް އޮފީސް
ސަންގު ޓީވީގެ ޕްރޮގްރާމްގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ރައީސް އޮފީސް

ކުރިއަށް އޮތް ތަނުގައި ގެންނަވާނެ ބަދަލުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މިދިޔަ ހަފުތާގައި އިއުލާންކުރެއްވި ގޮތަށް މަޖިލީހުގެ ވަކި ޕަސެންޓެއް ޒުވާނުންނަށް ހާއްސަ ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުގެ ވިސްނުމަކީ 30 އަހަރުން ދަށުގެ ޒުވާނުންނަށް އިސްކަން ދެވޭ ގޮތަށް މަޖިލީހުގެ ވަކި ކޯޓާއެއް ކަނޑައަޅަން،" ރައީސް ވިދާޅުވި އެވެ.

އެގޮތަށް ބަދަލު ކުރުމުން ޒުވާނުން ބާރުވެރި ކުރުވައި، ގައުމުގެ ކަންކަން ނިންމުމުގައި އެންމެ މުހިންމު މުއައްސަސާގެ ތެރެއަށް ޒުވާނުންނަށް ވަދެވޭނެ ފުރުސަތު ލިބިގެންދާނެކަން ރައީސް ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުގެ ވިސްނުމުގައި އޮތީ 10 ޕަސެންޓު ޒުވާނުންނަށް. 10 ޕަސެންޓު އަންހެން ބޭފުޅުންނަށް. އެހެންކަމުން މިސާލަކަށް މިހާރު އޮތް މަޖިލީސް 93 ގޮނޑި. އެއީ ގާތްގަނޑަކަށް 9 މެމްބަރުން ޒުވާން ބޭފުޅުން، 30 އަހަރުން ދަށުގެ. އަދި 9 އަންހެން ބޭފުޅުންނަށް،" ރައީސް ވިދާޅުވި އެވެ.

ސަންގު ޓީވީގެ ޕްރޮގްރާމްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | ރައީސް އޮފީސް
ސަންގު ޓީވީގެ ޕްރޮގްރާމްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | ރައީސް އޮފީސް

އެއީ އެމަނިކުފާނުގެ ވިސްނުންފުޅު ނަމަވެސް އެގޮތަށް ނިންމަވާނީ ގާނޫނުނަށް އިސްލާހު ގެނެސްގެން ކަމަށާއި އެކަމުގައި ރައްޔިތުންނާ މަޝްވަރާކުރަން ބޭނުންފުޅުވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޒުވާނުންނާއި އަންހެނުންނަށް ވެސް ރެޕްރެޒެންޓޭޝަނެއް މަޖިލީސް ތެރެއިން އަންނަން ޖެހޭ ކަމަށާއި ވަކި ކޯޓާއެއް ވަކި ޕަސެންޓެއް ކަނޑައެޅުމަކީ އެންމެ އަދުލުވެރި އިންސާފުވެރި ގޮތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

މިއީ އެމަނިކުފާނު ބޭނުންފުޅުވާ ބަދަލަކަށް ވި ނަމަވެސް އެކަން ކުރައްވާނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާ އެކު ނިޒާމްގެ ތެރެއިން ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.