ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބޭއްވުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމަށް ނިންމެވި ރިޔާސީ ގަރާރު ބާތިލްކުރަން އެމްޑީޕީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ނިންމައިފި އެވެ.

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުމާ މެދު ފެންނަނުފެންނަ ވޯޓެއް ނެގުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހު ނެރުއްވި ގަރާރު ބާތިލްކުރަން އެމްޑީޕީން ސިވިލް ކޯޓަށް ހުށަހެޅީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގައި ބުނާ ފަދަ މައުލޫމާތު ކަރުދާހެއް އެ ގަރާރުގައި ހިމަނާފައި ނުވާތީ އެ ގަރާރު ބާތިލް ކަމަށް ބުނެ އެވެ.

އެ މައްސަލަ ބަލައިނުގަތުމަށް ސިވިލް ކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމެވުމުގައި ވަނީ ޖުޑީޝަލް ރިވިއުގެ ދައުވާއެއް ކޯޓަކަށް ބެލޭނީ އެ މައްސަލަ ހުށަހެޅުމުގެ ކުރިން ހައްލެއް ހޯދުމަށް އެކަށީގެންވާ މަސައްކަތް ކުރުމަށް ފަހު ކަމަށް އެ ކޯޓުން ކުރިން ނިންމާފައިވާ ކަމަށެވެ. 

ނަމަވެސް އެމްޑީޕީން އެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ކުރިން އެކަން ހައްލުކުރަން އެއްވެސް އިދާރާއަކަށް ޝަކުވާ ހުށަހެޅިކަން ނުވަތަ އެކަމާ ގުޅިގެން އިދާރާއަކުން ނިންމި ނިންމުމެއް އޮތްކަން އެނގޭނެ ލިޔުމެއް ހުށަހަޅާފައި ނުވާތީ އެ މައްސަލަ ބަލައިނުގަނެވޭނެ ކަމަށް އެ ނިންމުމުގައިވެ އެވެ.

އެމްޑީޕީން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ނިންމި ނަމަވެސް ފެންނަނުފެންނަ ވޯޓު ނެގުން ހުއްޓުވަން ގާނޫނީ ވަކީލުންތަކެއް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަނެ، އެ މައްސަލާގެ އަޑުއެހުމެއް މިއަދު ހެނދުނު ބާއްވަން މިހާރު ވަނީ ތާވަލްކޮށްފަ އެވެ.