ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން އިންތިހާބުތަކާ ގުޅިގެން އުފެދޭ ސިޔާސީ ހަމަނުޖެހުން ހުއްޓުވޭނެ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ރޭ ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި އުޝާމް ވިދާޅުވީ 2008 ގައި އާ ގާނޫނުއަސާސީ ވުޖޫދުވީއްސުރެ ޑިމޮކްރެޓިކް ވެރިކަމެއް އަށަގެންނެވުމުގެ ދަތުރުގައި ވަރަށް ބޮޑެތި ހަމަޖެހުނުޖެހުންތަކާއި ގޮންޖެހުންތަކާ ދިވެހިން ކުރިމަތިލި ކަމަށެވެ.
އުޝާމް ވިދާޅުވީ ރާއްޖޭގައި އޮންނަނީ އަބަދުވެސް ކޮންމެވެސް އިންތިހާބެއްގެ ވާދަވެރިކަން ކަމަށާއި އޭގެ ނޭދެވޭ އަސަރު ރާއްޖޭގެ އިގްތިސާދަށް ވެސް ކުރާ ކަމަށެވެ. އަދި ރާއްޖޭގައި އިންވެސްޓްކުރުމުގެ ކުރިން ރާއްޖެއަކީ ސިޔާސީ ހަމަޖެހުން އޮތް ގައުމެއްތޯ އިންވެސްޓަރުން ކަށަވަރުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަބަދުވެސް ދިވެހިރާއްޖެގައި މި އޮންނަނީ ކޮންމެވެސް އިންތިހާބެއްގެ ވާދަވެރިކަން. އެކަމުގެ ނޭދެވޭ އަސަރު ހަގީގަތުގައި ދިވެހިރާއްޖޭގެ އިގްތިސާދަށް ވެސް އެބަ ކުރޭ. ދިވެހިރާއްޖޭގައި އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކުން ވެސް އެންމެ ފުރަތަމަ ބަލާ އެއް ކަމަކީ ދިވެހިރާއްޖޭގައި ސިޔާސީ ހަމަޖެހުން އޮވޭތޯ،"
އުޝާމް ވިދާޅުވި ގޮތުގައި، ސިޔާސީ ހަމަޖެހުން އޮތް ގައުމެއްތޯ ބަލާއިރު ރާއްޖެއަކީ އަބަދުވެސް އިންތިހާބެއްގެ ތެރޭގައި އުޅޭ ގައުމަކަށްވާތީ ގޮންޖެހުންތައް އެބަހުއްޓެވެ. އެފަދަ ކަންބޮޑުވުންތައް ލިބިފައިވާކަން ފާހަގަކުރައްވާ އުޝާމް ވިދާޅުވި އެވެ.
"އެ ކަންބޮޑުވުންތައް އެބަ ހުރި އެކި އެކި ފަރާތްތަކުން އަޅުގަނޑުމެންނާ ހިއްސާވެސް ކޮށްފައި،"
އުޝާމް ވިދާޅުވީ ރިޔާސީ އިންތިހާބު ނިމޭތާ ހަ މަސް ދުވަހުން މަޖިލިސް އިންތިހާބު ބާއްވާއިރު އޭގެ އަހަރެއް ނޫނީ ދެ އަހަރެއް ފަހުން ލޯކަލް ކައުންސިލު އިންތިހާބު އޮންނަ ކަމަށެވެ. އެހެންވެ، އިންތިހާބުތައް އެވަރަށް އޮންނާތީ ފަސް އަހަރުގެ ތެރޭގައި ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ހޯދައިދިނުމުގައި ވެސް ގޮންޖެހުން ސަރުކާރަށް އޮންނަ ކަމަށް އުޝާމް ވިދާޅުވި އެވެ.
"ފަސް އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުންނަށް ހިދުމަތްކުރަން ލިބޭއިރުގައި އަބަދުވެސް އިންތިހާބެއްގެ ތެރޭގައި އުޅޭއިރުގައި ދިމާވާ ގޮންޖެހުންތައް ބޮޑު،" އޭނާ ވިދާޅުވި އެވެ.
އެހެންވެ، ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ އެކަމަށް ހައްލެއް ހޯދުމަށް ކަމަށް އުޝާމް ވިދާޅުވި އެވެ. އެ ބަދަލު ގެނައުމުގެ މައިގަނޑު ދެ ބޭނުމަކީ އުޝާމް ވިދާޅުވި ގޮތުގައި އެއް ދުވަހެއްގައި ދެ އިންތިހާބު ބޭއްވުމާ އެކު މަޖިލީހުގެ ދައުރު ފެއްޓޭ ދުވަހަކީ ޑިސެމްބަރު 1 ކަމުގައި ކަނޑައެޅުމެވެ.
އެ ބަދަލާ އެކު މިދިޔަ 15 އަހަރު ދުވަހު ރާއްޖޭގައި އިންތިހާބުތަކާ ގުޅިގެން އުފެދުނު ސިޔާސީ ދެކޮޅުވެރިކަން މަދުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އެ ބަދަލު ގެނައުމުން ރަައީސް މަގާމުގެ ހުވާ ކުރާތާ ދެ ހަފުތާއެއް ފަހުން މަޖިލިސް ހުވާކުރާނެ. އެ ބަދަލު ގެނެސްފި ކަމަށް ވާނަމަ، ރާއްޖޭގައި ވޭތުވެދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި އިންތިހާބުތަކާ ގުޅިގެން މި އައި ސިޔާސީ ދެކޮޅުވެރިކަން ވަރަށް ބޮޑަށް މަދުވެގެންދާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ."
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓު ނަގާނީ އަންނަ އޭޕްރީލް މަހުގެ 4 ގަ އެެވެ. އެކަމަށް ތާއީދުކޮށް ސަރުކާރުން ވާހަކަ ދެއްކި ނަމަވެސް އިދިކޮޅު އެމްޑީޕީން ވަނީ އެކަމަށް ދެކޮޅު ހަދައިފަ އެވެ. ނަމަވެސް އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ އަދި އެމްޑީއޭގެ ތާއީދު އޮތީ އެއް ދުވަހެއްގައި ދެ އިންތިހާބު ބޭއްވުމާ އެއްކޮޅަށެވެ.