މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އެތައް ގުނައަކުން އުފުލުމާ ގުޅިގެން، ރާއްޖޭގައި ވެސް އަމިއްލަ ވިޔަފާރިތަކަށް އެސްޓީއޯ އިން ވިއްކާ ތެލުގެ އަގު ވަރަށް ބޮޑަށް ބޮޑުކޮށްފި އެވެ. 

އެސްޓީއޯގެ ދަށުން ހިންގާ ތެޔޮ ކުންފުނި އެފްއެސްއެމުން ވިޔަފާރިތަކަށް ތެޔޮ ވިއްކަމުން އަންނަނީ ތެޔޮ އުފުލަން ޖެހޭ ދުރުމިނަށް ބަލައި އެކި ރޭޓުގަ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެފައިވާ ގޮތުން އެ ސަރަހައްދުގެ ވިޔަފާރިތަކަށް އަންގާފައިވާ ގޮތުގައި މިއަދުން ފެށިގެން ޑީސަލް ލީޓަރެއް ވިއްކާނީ 28.32ރ. އަށެވެ. އަދި ޕެޓްރޯލް އަގަކީ 27.13ރ. އެވެ.

ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވި ގޮތުގައި އެ ސިޓީގައި އަމިއްލަ ވިޔަފާރިތައް މެދުވެރިކޮށް ވިއްކާ ޕެޓްރޯލް ލީޓަރެއް މިހާރު ހުރީ 29.30ރ. އަށެވެ. އަދި ޑީސަލް ލީޓަރެއް ކުރިން 15.19ރ. އަށް ހުރިއިރު މިހާރު ހުރީ 29.51ރ. އަށެވެ.  

އައްޑޫގައި ވެސް ތެލުގެ އަގު މިހާރު ވަނީ 29ރ. ބޮޑުވެފަ އެވެ. 

އެ ބަދަލު ގެނައި ނަމަވެސް މާލެ ސަރަހައްދުގައި އެސްޓީއޯއިން އާންމުންނަށް ވިއްކާ ތެލުގެ އަގު މި މަހުގެ ކުރީކޮޅު ބޮޑުކުރި ފަހުން އިތުރު ބަދަލެއް ގެނެސްފައެއް ނުވެ އެވެ. އެހެންވެ، މާލެ ސަރަހައްދުގައި ޕެޓްރޯލް ލީޓަރެއް 16.01ރ. އަށް އަދި ޑީސަލް ލީޓަރެއް 17.54ރ. އަށް ލިބެ އެވެ. 

ވިޔަފާރިތަކަށް ވިއްކާ ތެލުގެ އަގު ދެގުނަ ބޮޑުވެގެން ދިޔުމާ އެކު، އަތޮޅު ތެރޭގައި ތެލުގެ އަގު ވަނީ އިންތިހާ އަށް ބޮޑުވެފަ އެވެ. މީގެ ސަބަބުން އެތައް ހިދުމަތެއްގެ އަގު ވެސް ދަނީ ބޮޑުވަމުންނެވެ. 

އެގޮތުން، ބައެއް ސަރަހައްދުތަކުގެ ލޯންޗު ދަތުރުތަކުގެ އަގު މިއަދު ދެ ގުނައަށް އުފުލިފައިވާ ކަމަށް އެނގިފައި ވެ އެވެ. 

އެސްޓީއޯ އިން އަގަށް މި ބަދަލު ގެނައީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު އެތައް ގުނައަކުން އުފުލުމާ ގުޅިގެންނެވެ.