މަރުވެފައި އޮއްވާ އައްޑޫ، ހިތަދޫގެ ފަތާ ޓްރެކް ސަރަހައްދުން ފެނުނު ބިދޭސީ މީހާ ދެނެގަތުމަށް ފުލުހުން އާއްމުންގެ އެހީއަށް އެދިއްޖެ އެވެ.
ހިތަދޫ ފަތާ ޓްރެކް ސަރަހައްދުން އެ މީހާ ފެނިގެން ޕޮލިހަށް ރިޕޯޓުކުރީ ހަވީރު 04:41 ހާއިރެވެ.
ފުލުހުން ބުނީ ރިޕޯޓު ލިބުމާއެކު އެ ސަރަހައްދަށް ގޮސް، އެ މީހާގެ ހަށިގަނޑު އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
މަރުވެފައިވާ މީހާ ނިސްބަތްވަނީ ބޭރުގެ ގައުމަކަށް ކަމަށާއި އެއީ ދޮން ނަސްލުގެ ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އޭނާއަކީ ކާކުކަން މިހާތަނަށް ފުލުހުންނަށް އެނގިފައެއް ނުވެ އެެވެ.
އެ މީހާ ދެނެގަތުމަށް އެހީތެރިވެދެވޭނެ އެއްވެސް މައުލޫމާތެއް އެނގޭ މީހަކުވާ ނަމަ، ނުވަތަ އެ ސަރަހައްދުގައި އުޅޭ ބިދޭސީއެއްގެ ހަބަރެއް ނުވެގެން އުޅޭ ނަމަ، ހިތަދޫ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9791612 އަށް ގުޅައި ހިއްސާކުރަން ފުލުހުން އެދެ އެވެ.
ފުލުހުން ބުނި ގޮތުގައި އެ މައްސަލައާ ގުޅިގެން ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ވެސް ފުރިހަމަކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.