މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރުކަން ކުރެއްވި ދުވަސްވަރު މާލޭގެ ތަރައްގީ އަށް ވަރަށް ގިނަ ކަންކަން ކޮށްދެއްވާފައިވާ ކަމަށާއި އެކަމަކު އޭގެ ފަހުން އެމްޑީޕީގެ މޭޔަރު އާދަމް އާޒިމާ އެކު އެކަން ހުއްޓިފައި ވާތީ ޕީއެންސީގެ މޭޔަރު ކެންޑިޑޭޓު މޫސާ އަލީ ޖަލީލް އިންތިހާބު ވެއްޖެ ނަމަ މަސައްކަތްތައް ފައްޓަވަން ޖެހެނީ ރައީސް މުއިއްޒު ނިންމެވި ހިސާބުން ކަމަަށް މާލެ ސިޓީ ކައުންސިލްގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު ރޭ ވިދާޅުވެއްޖެ އެވެ. 

ރައީސް މުއިއްޒުގެ މޭޔަރުކަމުގައި އެ މަނިކުފާނާ އެކު ސިޓީ ކައުންސިލްގައި އެންމެ ގާތުން މަސައްކަތް ކުރެއްވި އެއް މެމްބަރު ޝުޖާއު އެހެން ވިދާޅުވީ، އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް އިންތިހާބަށް ޕީއެންސީގެ ހުޅުމާލެ ދެކުނު ދާއިރާގެ ޖަގަހަ ހުޅުވުމުގެ ޖަލްސާގަ އެވެ. 

ރޭގެ ޖަލްސާގައި ޝުޖާއު ވިދާޅުވީ، ރައީސް މުއިއްޒުގެ މޭޔަރުގެ މަގާމުގައި ހުންނެވި ދުވަސްވަރު ގެންގުޅުއްވި ތަސައްވުރު މިހާރުގެ މޭޔަރު އެމްޑީޕީގެ އާދަމް އާޒިމާ އެކު ހުއްޓިފައި ވާތީ ޖަލީލްގެ މެނިފެސްޓޯއަކީ ރައީސްގެ މެނިފެސްޓޯ ކަމަށެވެ. 

"ރައީސް މުއިއްޒު ނިންމެވި ހިސާބުން އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ މާލެ ސިޓީ ކައުންސިލް އަނދިރި ވެގެން ދިޔަ މަންޒަރު،" ބާރަށު ދާއިރާގެ މިހާރުގެ މެމްބަރު ޝުޖާއު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވި ގޮތުގައި، ރައީސް މުއިއްޒުގެ މޭޔަރުގެ މަގާމުން އިސްތިއުފާ ދެއްވި ހިސާބުން "މާލެ ސިޓީ ކައުންސިލް އަނދިރި ވެގެން ދިޔައީ" މިހާރުގެ ކައުންސިލަރުން މަސައްކަތް ނުކުރައްވާތީއެއް ނޫނެވެ. އެއީ ނިޒާމު ހަމަޖެހިފައިވާ ގޮތުން ކައުންސިލަރުން މަސައްކަތް ކުރެއްވިޔަސް ކައުންސިލްގައި އެންމެ ފަހު ބަސް އިއްވާނީ މޭޔަރުކަމަށް ވާތީ ކަމަށް ޝުޖާއު ވިދާޅުވި އެވެ. 

ޕީއެންސީން ރޭ ބޭއްވި ކެމްޕެއިން ބައްދަލުވުމުގައި އެ ޕާޓީގެ ޓިކެޓުގައި މާލޭގެ މޭޔަރަކަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލް (މ).
ޕީއެންސީން ރޭ ބޭއްވި ކެމްޕެއިން ބައްދަލުވުމުގައި އެ ޕާޓީގެ ޓިކެޓުގައި މާލޭގެ މޭޔަރަކަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލް (މ).

"މިއަދު ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރުން ނިންމަވަންވީ އުބެެއިދު ހޮވައިގެން މިކަން ނިމޭކަށް ހަމައެކަނި ނެތް. އުބެއިދާ އެކީގައި މާލޭގެ މޭޔަރުކަމަށް މޫސާ އަލީ ޖަލީލް ވައްދަން އެބަޖެހޭ. ތިޔަބޭފުޅުން އެހެން ނަހަދައިފިއްޔާ އައިމަން [ހުޅުމާލޭގެ ޕީއެންސީގެ ކައުންސިލަރު] އަށް މިއަދު ލިބޭ ކަހަލަ ލަނޑު ލިބިގެންދާނީ،" އޭނާ ވިދާޅުވި އެވެ. 

ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މާލެ ސިޓީ ކައުންސިލްގައި އައިމަން އަމަލީ ގޮތުން މަސައްކަތް ކުރައްވާ ކަމަށާއި އެކަމަކު އެ ކަންކަން އެ ކައުންސިލްގައި ހިނގާ ކަމާ މެދު ޝުޖާއު ސުވާލު އުފެއްދެވި އެވެ. 

ޕީއެންސީން ރޭ ހުޅުމާލޭގައި ބޭއްވި ކެމްޕެއިން ބައްދަލުވުމަށް ދިޔަ ބައެއް އާންމު މެމްބަރުން.
ޕީއެންސީން ރޭ ހުޅުމާލޭގައި ބޭއްވި ކެމްޕެއިން ބައްދަލުވުމަށް ދިޔަ ބައެއް އާންމު މެމްބަރުން.

އޭނާ ވިދާޅުވީ، އައިމަން އަމަލީ ގޮތުން ކުރައްވާ މަސައްކަތްތައް ސިޓީ ކައުންސިލުން ނިމޭ ނަމަ މި ރޯދަމަސް ފެށެންވާއިރަށް ހުޅުމާލޭގެ ގުއްބު މިސްކިތުގައި ކާޕެޓް އަޅައި ނިމުނީސް ކަމަށެވެ. 

ޝުޖާއު ވިދާޅުވި ގޮތުގައި، ރައީސް މުއިއްޒުގެ މޭޔަރުކަމުގައި ރޯދަމަސް ފެށުމުގެ ހަ މަސް ކުރިން މިސްކިތް ފަންޑު ގާއިމް ކުރައްވައި، މިސްކިތްތައް މަރާމާތު ކުރާނެ ފައިސާ ހޯއްދަވަ އެވެ. މިސްކިތްތައް މަރާމާތު ކުރުމުގެ މަސައްކަތް ދުރާލައި ރައީސް މުއިއްޒުގެ ލީޑަޝިޕްގައި އޭރު ފެއްޓެވި ކަމަށް ޝުޖާއު ވިދާޅުވި އެވެ. 

"މިއަދު އައިމަން މަސައްކަތް ކުރައްވައޭ. އެކަމަކު އެހެންތޯ ހިނގަނީ؟ ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ވެސް ގުއްބު މިސްކިތުގައި އޮތީ ކާޕެޓް ނޭޅިއޭ، ހުޅުމާލޭގެ ރަމްޒުގެ ވާހަކަ އަޅުގަނޑު މި ދަންނަވަނީ. ހުޅުމާލޭގެ ފޮޓޯއެއް އައިސްފިއްޔާ ހުޅުމާލޭގެ ގުއްބު މިސްކިތް ހުންނާނީ ފެންނަން ފުރަތަމަ ވެސް."

ޝުޖާއު ވިދާޅުވީ، ހުޅުމާލޭގެ ގުއްބު މިސްކިތް ތަރައްގީ ކުރަން ރައީސް މުއިއްޒުގެ މޭޔަރުކަމުގައި ނިންމެވީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. 

އޭނާ ވިދާޅުވީ، ރައީސް މުއިއްޒުގެ މޭޔަރުކަމުގައި މާލެ ސިޓީ ކައުންސިލްގެ 2023 ގެ ބަޖެޓު ފާސްކުރިއިރު ހުޅުމާލޭގެ ގުއްބު މިސްކިތް މަރާމާތު ކުރަން ކަނޑައެޅުއްވީ ހުޅުމާލޭގެ މީހުން ބޭނުންވި ގޮތަށް ކަމަށެވެ. އެއީ އެ މިސްކިތުގެ ވުލޫއުކުރާ ބަޔާއި ފާހާނާތައް މިސްކިތުން ބޭރުގައި ހެދުމެވެ. 

"ކުރެހުން ވެސް ނިންމާފައި އޮންނާނީ. ދެހާސްތޭވީސް ވެސް ނިމުނީ. ސައުވީސް ނިމުނީ، ފަންސަވީސް ނިމުނީ، ސައްބީސް ގުނަނީ. ވިތޯ، ނުވި،" މިހާރުގެ މޭޔަރު އާދަމް އާޒިމަށް އިޝާރާތް ކުރައްވައި ޝުޖާއު ވިދާޅުވި އެވެ. 

ޕީއެންސީން ރޭ ބޭއްވި ކެމްޕެއިން ބައްދަލުވުމުގައި ލޯކަލް އިންތިހާބުގެ ކެމްޕެއިންގައި އެ ޕާޓީގެ މެނޭޖަރު ފަލާކު (ކ) އާއި މިނިސްޓަރު ސައީދު.
ޕީއެންސީން ރޭ ބޭއްވި ކެމްޕެއިން ބައްދަލުވުމުގައި ލޯކަލް އިންތިހާބުގެ ކެމްޕެއިންގައި އެ ޕާޓީގެ މެނޭޖަރު ފަލާކު (ކ) އާއި މިނިސްޓަރު ސައީދު.

"އައިމަން މަސައްކަތް ކުރިއޭ. މޭޔަރެއްގެ ނާގާބިލްކަމާ އެކީގައި ކުރިއަށް ނުދަނީ. އެހެންވެގެން އުބޭއާ އެކީގައި މޫސާ އަލީ ޖަލީލް މާލޭގެ މޭޔަރުކަމަށް ވައްދަން ޖެހެނީ. އޭރުންނޭ މި ސިސްޓަމް ހިނގަނީ ލޮބުވެތި ރައްޔިތުންނޭ."

ޝުޖާއުގެ ރޭގެ ވާހަކައިގައި ވަނީ ރައީސް މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނެވި ދުވަސްވަރުގެ ކާމިޔާބީތަކާއި އޭރުގެ އެމްޑީޕީގެ ސަރުކާރުން ދަތިކުރި ބައެއް ކަންކަމަށް އަލިއަޅުވާލައްވައިފަ އެވެ. 

އޭނާ ވިދާޅުވީ، މައްސަލައަކީ ނިޒާމެއް ނޫން ކަމަށާއި އެ ނިޒާމު ހިންގަން ވަޑައިގަންނަވާ ވެރިން ކަމަށެވެ. 

ޝުޖާއުގެ ވާހަކައިގެ މުހިންމު ބައެއް ބައިތައް:

  1. މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުންތައް ލައިވް ކުރަން ރައީސް މުއިއްޒުގެ މޭޔަރުކަމުގައި ފެއްޓެވި. ބޭނުމަކީ ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުން 
  2. ސްޓްރެޓީޖިކް އެކްޝަން ޕްލޭނެއް އެކަށައަޅައި، އެމްޑީޕީގެ ކައުންސިލަރުންގެ ކަންބޮޑުވުންތައް ވެސް ހިމެނުއްވި
  3. ގާނޫނުގައި ބުނާ ވަރަށް ވުރެ ފުޅާކޮށް މަޝްވަރާ އާއި ހިޔާލު ހޯއްދަވައިގެން މާލޭގެ ލޭންޑްޔޫސް ޕްލޭނެއް ފުރަތަމަ ފަހަރަށް އެކުލަވައިލެއްވި. އެކަމަކު، ރައީސް މުއިއްޒު ވެރިކަމާ ހަމައަށް ވަޑައިގަންނަވަންދެން އެ ލޭންޑްޔޫސް ޕްލޭން އޮތީ އެމްޑީޕީގެ ވެރިކަމުގައި ހިފަހައްޓާފައި ކަމަށް ޝުޖާއު ވިދާޅުވި. 
  4. ގާނޫނުގައި ބަޔާންކުރާ ރައްޔިތުންގެ ބައްދަލުވުންތައް އެންމެންނަށް ބައިވެރިވެވޭ ގޮތަށް ބޭއްވި. ރައްޔިތުންގެ ބައްދަލުވުމެއް ބާއްވާ ނަމަ އަޑުގަދަކުރާ އިން ގޮވައި ދައުވަތު ކާޑު ފޮނުއްވިކަން ޝުޖާއު ފާހަގަކުރެއްވި. 
  5. ދަރުމަވަންތަ ސްކޫލް ކައިރީގައި ހުރި މާލޭ ޖަލު ހުޅުމާލެ އަށް ބަދަލުކުރުމަށްޓަކައި ހުޅުމާލެ ސަހަރާ ކައިރިން 75،000 އަކަފޫޓުގެ ބިމެއް ހަމަޖައްސަވައި ދެއްވި. ޝުޖާއު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ބާރު އޮތް މާލެ ސިޓީ ކައުންސިލްގައި އެދިގެން އެކަން ހާސިލް ނުވެ އެތައް ދުވަހެއް ފާއިތުވެ ދިޔަ ކަމަށް.

"އެހެންވެގެން މިއަދު ދަރުމަވަންތަ ސްކޫލް އެ ތަނުގައި ހިނގަމުން އެދަނީ. އެއީ އެ މަނިކުފާނުގެ ކޮލިޓީއަކީ،" ޝުޖާއު ވިދާޅުވި އެވެ.