މެދުއިރުމަތީގައި ހިނގާ ހަނގުރާމައާ ގުޅިގެން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް ދަށްވެފައި ވާތީ، އިންޑިއާ އާއި ޗައިނާ އަދި ރަޝިއާގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރުމަށް އިތުރު ހަރަކާތްތައް ހިންގަން ސަރުކާރުން ނިންމައިފި އެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދިވެހިންނަށް ކުރިމަތިވެދާނެ ދަތިތައް ހައްލުކުރުމަށް މަސައްކަތްކުރާ މިނިސްޓަރުންގެ ހާއްސަ ކޮމިޓީން ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ޕްރެސް ކޮންފަރެންސްގައި ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ މި އަހަރުގެ ފުރަތަމަ ދެ މަސް ދުވަހު ރެކޯޑް މިންވަރަކަށް ޓޫރިސްޓުން އައި ނަމަވެސް، ރާއްޖެ އަށް 33 ޕަސެންޓް ޓޫރިސްޓުން ގެންނަ މެދުއިރުމަތީގެ އެއާލައިންތަކުގެ ފްލައިޓްތައް ކެންސަލްވުމުގެ ސަބަބުން ޓޫރިސްޓުންގެ އަދަދު މި މަހު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށެވެ.
މި މައްސަލައަށް ހައްލެއް ހޯދުމަށް ޓްރާންސްޕޯޓް މިނިސްޓްރީއާ ގުޅިގެން އިތުރު އެއާލައިންތަކުގެ ދަތުރުތައް ރާއްޖެ އަށް ފެށުމަށާއި މިހާރު ވެސް ދަތުރުކުރާ އެއާލައިންތަކުގެ ފްލައިޓްތަކުގެ އަދަދު އިތުރުކުރުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިވަގުތު އެންމެ ފޯކަސް ކޮށްގެން މަސައްކަތް ކުރަން ޖެހޭ ތަންތަނަކީ ޗައިނާ، އިންޑިއާ އަދި ރަޝިއާ ކަމަށް ވާތީ، އެ ތަންތަނުން ވެސް އިތުރު ފްލައިޓް އެޅުމުގެ މަސައްކަތްތައް ނޫނީ ފްރިކުއެންސީ އިންކްރީޒް ކުރުމުގެ މަސައްކަތްކޮށް، އެކަމަށް ވެސް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައި ވަނީ،" ތޯރިގް ވިދާޅުވި އެވެ.
"މި އަންނަ މަހު ކުރީކޮޅުން ފައްޓައިގެން އަޅުގަނޑުމެން ވަރަށް ބޮޑެތި މާކެޓިން އެފަޓްތަކެއް ލާނަން އިންޑިއާއަށާއި ޗައިނާއަށާއި އަދި ރަޝިއާއަށް."
ތޯރިގް ވިދާޅުވި ގޮތުގައި، ޓޫރިސްޓު އެރައިވަލް އިތުރުކުރުމަށް ކައިރި ގައުމުތަކާއި ރާއްޖެ އަށް ޓޫރިސްޓުން އެންމެ ގިނައިން އަންނަ ގައުމުތަކުގެ ސަރުކާރުތަކާ ވެސް އަންނަނީ މަޝްވަރާ ކުރަމުންނެވެ.
ރާއްޖެ މިހާރު މިއޮތް ހާލަތުގައި އެންމެ ވަރުގަދައަށް އޮޕަރޭޓްކުރާ އެއް އެއާލައިނަކީ ޓާކިޝް އެއާލައިން ކަމަށް ވާތީ، އެ އެއާލައިންގެ އޮޕަރޭޝަން އިތުރަށް ވަރުގަދަ ކުރުމަށް ތުރުކީގެ ސަރުކާރާ އެކު މަޝްވަރާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ތޯރިގް ވިދާޅުވި ގޮތުގައި، ވަރަށް ގިނަ ރިސޯޓުތަކުގެ މި މަހާއި އަންނަ މަހަށް ހުރި ބުކިންތައް ވަނީ ކެންސަލްވެފަ އެވެ. ނަމަވެސް، އޭގެ ފަހަށް ހުރި ބުކިންތަކަށް މާ ބޮޑު އަސަރެއް އަދި ކޮށްފައެއް ނުވެ އެވެ.
ކެންސަލްކުރާ ބުކިންތަކަށް ލުއިތަކެއް ދީގެން ނުވަތަ އިތުރު ޗާޖަކާ ނުލައި ރީ-ބުކިން ހެދުމުގެ ފުރުސަތު ވެސް ރިސޯޓުތަކުން ދެމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ތޯރިގް ވިދާޅުވީ ހަނގުރާމަ ފެށުނު ފަހުން ފްލައިޓް ކެންސަލްވުމުގެ ރާއްޖޭގައި ތާށިވި 1،680 ޓޫރިސްޓަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.