ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިދިޔަ އަހަރު ޑޮލަރު ފޭރުނު މައްސަލައިގައި 8 މީހެއްގެ މައްޗަށް ދައުވާކޮށްފި އެވެ. 

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ ވެލާނާ އެއާޕޯޓުގެ ޓާމިނަލް 1 ގައި ހުންނަ ބީއެމްއެލްގެ އެކްސްޗޭންޖު ކައުންޓަރަށް ގެންދިޔަ ގިނަ އަދަދެއްގެ ފައިސާ އަޅާފައިވާ ސޫޓް ކޭހެއް، ވަޅިން ބިރު ދައްކައި މިދިޔަ އޮކްޓޯބަރު 27 ވަނަ ދުވަހު ފޭރުގަތް މައްސަލައިގައި ދެ ދުވަހެއްގެ މަތިން ދައުވާ ކޮށްފައިވާ ކަމަށެވެ. 

ފުރަތަމަ މައްސަލަ ހުށަހެޅީ މިދިޔަ މަހުގެ 8 ވަނަ ދުވަހު އެވެ. ބާކީ މައްސަލަތައް ހުށަހެޅީ މިދިޔަ މަހުގެ 26 ވަނަ ދުވަހެވެ. 

ވެލާނާ އެއާޕޯޓުން ފުރާ ދިވެހިންނަށް ދޫކުރަން ގެންދިޔަ 130،000 ޑޮލަރު (ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ) ފޭރުނު މައްސަލައިގައި ފުލުހުން މީގެ ކުރިން ވަނީ ބަޔަކު ހައްޔަރުކޮށްފަ އެވެ. އަދި ދައުވާކުރަން ފޮނުވާފައިވަނީ؛

ތ. ވިލުފުށި، އެހީވާގެ، އަހުމަދު މާހިދު:

1. ފޭރުމުގެ ކުށުގެ ދައުވާ. 

2. ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކަށް ބިރުދެއްކުމުގެ ކުށުގެ ދައުވާ.

3. މަގުބޫލު ސަބަބެއް ނެތި އާއްމު ތަނެއްގައި ތޫނުއެއްޗެއް ގެންގުޅުމުގެ ކުށުގެ ދައުވާ. 

ސ. ހިތަދޫ، ވަށަގުލިމާގެ، އަލީ އަފްޒަލް

1. ފޭރުމުގެ ކުށުގެ ދައުވާ. 

2. ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކަށް ބިރުދެއްކުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ. 

ގއ. ވިލިނގިލި، ބިނާ، އަބްދުލްއައްވަލް އިބްރާހީމް އަބޫބަކުރު:

1. ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ. 

އޭގެ އިތުރުން؛

- ކ. ގުރައިދޫ، އަޅިވިލާގެ، ހުސައިން ޝަހުދު

- ލ. މާވައް، ރޭޝަމް، މާޒިން މޫސާ

- މ. ކޯރަސް، އަހުމަދު ރައިހާން ނައީމް

- ކ. ގުރައިދޫ، އަޅިވިލާގެ، އިބްރާހީމް އަނޫފް 

- ރ. މަޑުއްވަރި، މީޒާން، އިސްމާޢީލް ސިރުހާން

އެ ފަސް މީހުންގެ މައްޗަށް ގާނޫނުލްއުގޫބާތުގެ ދަށުން ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ވަނީ ކޮށްފަ އެވެ.

ޕީޖީން ބުނީ އެ އަމަލުގެ ސަބަބުން ބީއެމްއެލްއަށް ލިބުނު ގެއްލުމުގެ ބަދަލު، ދައުވާ ލިބޭ މީހުންގެ އަތުން ނަގައިދިނުމަށް ކޯޓުގައި އެދިފައިވާނެ ކަމަށެވެ.

އެ ފައިސާ ފޭރިގަތީ މޫނު ނިވާކޮށްގެން ތިބެ، އެއާޕޯޓުގެ ޓާމިނަލްގެ ތެރެއިން ބީއެމްއެލްގެ ދެ މުވައްޒަފަކަށް ބިރު ދައްކައިގެންނެވެ. އެ ވަގުތު ހުޅުލޭ ޖެޓީގައި ތައްޔާރީ ހާލަތުގައި ހާއްސަ ލޯންޗެއް އޮތެވެ. އެ އަށް ފަހު އެ މީހުން ދިޔައީ ކ. ހުރައަށެވެ. 

ފުލުހުން ހިންގި އޮޕަރޭޝަނުގައި ފުރަތަމަ ހައްޔަރުކުރި މީހުން އަތުލައިގަތީ އެ ރަށުންނެވެ. ނަމަވެސް، އެ ހާދިސާ އަށް ހަތަރު މަސް ވެގެން ދިޔައިރު ވެސް އެ ފައިސާތަކެއް ނުފެނެ އެވެ.