އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އަމިއްލަ ގޮތުން ނުކުންނަ އެއްވެސް ކެންޑިޑޭޓަކަށް އެ މަނިކުފާނުގެ ތާއީދު ނޯންނާނެ ކަމަށާއި ތާއީދު އޮތީ ޕީއެންސީގެ ކެންޑިޑޭޓުންނަށް އެކަނި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. 

ޕީއެންސީގެ ރައީސްގެ ހައިސިއްޔަތުން ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު އެހެން ވިދާޅުވީ އެ ޕާޓީގެ ޓިކެޓުގައި ހުޅުމާލެ ދެކުނު ދާއިރާ އަށް ވާދަކުރައްވާ އުބައިދުﷲ ގެ ކެމްޕެއިންގެ ތެރެއިން ހުޅުމާލޭގައި ދޮރުންދޮރަށް މިއަދު ބޭއްވި ހަރަކާތުގަ އެވެ. 

ރައީސް ވިދާޅުވީ، އެ މަނިކުފާނު ތާއީދު ކުރައްވާ ކެންޑިޑޭޓުން "ތިބޭނީ ޕީއެންސީ ޓިކެޓުގައި" ކަމަށެވެ. 

އެކަމަކު، ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓު އަހުމަދު ޣާލިބަށް ރައީސް މުއިއްޒުގެ ތާއީދު އޮތް ކަމަށް ބުނެ ވާހަކަ ދައްކާކަން އެނގިވަޑައިގެންފައިވާ ކަމަށް ވިދާޅުވި އެވެ. 

ޕީއެންސީގެ ޓިކެޓުގައި ހުޅުމާލެ ދެކުނު ދާއިރާ އަށް ވާދަކުރައްވާ އުބައިދުﷲގެ ކެމްޕެއިނަށް މިއަދު ބޭއްވި ދޮރުންދޮރަށް ހަރަކާތަށް ފަހު ރައީސް މުއިއްޒު އެ ދާއިރާގެ ސަޕޯޓަރުންނާ އެކު ފޮޓޯފުޅެއް ނަންގަވަނީ.
ޕީއެންސީގެ ޓިކެޓުގައި ހުޅުމާލެ ދެކުނު ދާއިރާ އަށް ވާދަކުރައްވާ އުބައިދުﷲގެ ކެމްޕެއިނަށް މިއަދު ބޭއްވި ދޮރުންދޮރަށް ހަރަކާތަށް ފަހު ރައީސް މުއިއްޒު އެ ދާއިރާގެ ސަޕޯޓަރުންނާ އެކު ފޮޓޯފުޅެއް ނަންގަވަނީ.

"އެއީ ކަނޑައެޅިގެން ދޮގެއް. އަޅުގަނޑުގެ ތާއީދު އޮންނާނީ ޕީއެންސީގެ ކެންޑިޑޭޓަށް އެކަނި. މިނިވަންކޮށް ހުރި ބޭފުޅަކަށް ވިޔަސް އެމްޑީޕީގެ ޓިކެޓުގައި ހުންނެވި ބޭފުޅަކަށް ވިޔަސް އެއްވެސް އެހެން ޕާޓީއެއްގެ ބޭފުޅަކަށް އަޅުގަނޑުގެ ތާއީދެއް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ. 

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އެ މަނިކުފާނަކީ ސިޔާސީ ޕާޓީގެ ނިޒާމު ގަބޫލުފުޅު ކުރައްވާ ބޭފުޅެކެވެ. އެހެންވެ، ބޭނުންފުޅުވަނީ ޕީއެންސީ އަށް ކުރިއެރުން ލިބެން ކަމަށް ވިދާޅުވި އެވެ.

"ދޫންޏަށް ވޯޓު ދޭން ބޭނުންވަނީ. އެކަން މި ދާއިރާ އިން ވަަަރަށް ބޮޑަށް ފާހަގަވެއްޖެ އިދިކޮޅު ޕާޓީގެ ކެންޑިޑޭޓު އެކަހަލަ ވާހަކަ ދައްކާކަން،" އެ މަނިކުފާނު ވިދާޅުވި އެވެ. 

ރައީސް ގެންދަވަނީ އަންނަ މަހު ބާއްވާ ލޯކަލް އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުންގެ ކެމްޕެއިނަށް މާލޭގައި ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ދޮރުންދޮރަށް ހިންގަވަމުންނެވެ.