ދީނަށް ފުރައްސާރަ ކުރި ތުހުމަތުގައި ފުލުހުން ހޯދަން އިއުލާނުކުރި ޓިކްޓޮކްގައި މަޝްހޫރު އަހުމަދު އާމިރު (ބޫގާ) ތަހުގީގަށް ހާޒިރުނުވި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މިދިޔަ މަހު 24 ގައި ފުލުހުން އޭނާ ހޯދަން އިއުލާން ކުރީ ސޯޝަލް މީޑިއާގެ އެކި ޕްލެޓް ފޯމްތަކުގައި އިސްލާމް ދީނަށް ތައުހީނުކޮށް، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަމަށް ބުރޫއަރާ ފަދަ ވާހަކަ ދެއްކުމާއި އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީ ނައްތާލުމަށް ގޮވާލައި ވާހަކަ ދައްކާފައިވާ މައްސަލައާ ގުޅިގެންނެވެ. 

އެ ދުވަހު އިއުލާނު ކުރީ އިއްޔެ ހަވީރު 4:00 އަށް ސާޖަންޓް އާދަމް ހަލީމް ކުރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށް ހާޒިރުވާށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އިއްޔެގެ ނިޔަލަށް އޭނާ ހާޒިރުވެފައި ނުވާ ކަމަށެވެ.

"ދެން އެ މައްސަލާގައި ބަލަން ޖެހޭ ކަންކަން ބަލަމުން ދާނެ. މައްސަލަ ބަލަމުންދާ ވަރަކަށް އެނގޭނީ ދެން އަޅާނެ ފިޔަވަޅެއް،" އޭނާ ވިދާޅުވި އެވެ.

ޓިކްޓޮކްގައި ބުނެފައިވާ ގޮތުގައި އޭނާ ދިރިއުޅެމުން އަންނަނީ ރާއްޖެއިން ބޭރު މީހަކާ އިނދެގެން އެ ގައުމުގަ އެވެ. ނަމަވެސް ދޭތެރެއިން ރާއްޖެ އާދެ އެވެ. ޓިކްޓޮކްގައި އާމިރު ދަނީ އިސްލާމްދީނަށް ހަޖޫޖަހައި، ދީނާ ގުޅޭގޮތުން ތަފާތު ވާހަކަތައް ދައްކަމުންނެވެ.

މީގެ ކުރިން އޭނާ ވަނީ މުސްލިމް ފިރިހެނުން ހިތާނު ކުރަން ނުޖެހޭ ކަމަށް ބުނެ ވެސް ވާހަކަ ދައްކައިފަ އެވެ.