ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު މިދިޔަ މަހު ފުލުހުން ހައްޔަރުކުރި ބިދޭސީއަކަށް ފުލުހުން އަނިޔާކުރި ކަމަށް ބުނާ މައްސަލާގައި އެޗްއާރުސީއެމްގެ ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށް ފުލުހުން ރޭ ބުނެފި އެވެ.
ތިން ކިލޯގެ މަސްތުވާތަކެއްޗާ އެކު މިދިޔަ މަހުގެ 20 ގައި ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 36 އަހަރުގެ ހަނީފް އެވެ.
ހަނީފަށް ފުލުހުން އަނިޔާކުރި ކަމަށް ބުނެ އޭނާ އަމިއްލަ އަށް އެޗްއާރުސީއެމަށް ހުށަހެޅި މައްސަލައާ ގުޅިގެން ފުލުހުން މީޑިއާއާ ހިއްސާކުރި މެސެޖެއްގައި ބުނީ، އެ ކޮމިޝަނުން ކުރިއަށް ގެންދާ ތަހުގީގަށް ފުލުހުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަންދޭ ކަަމަށެވެ.
އަދި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަން އެޗްއާރުސީއެމްގެ ފަރާތުން އަންގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި ހަނީފްގެ ތުހުމަތުތަކާ ގުޅިގެން މިހާތަނަށް ބެލިބެލުމުން އެފަދަ ކަމެއް ހިނގާފައިވާ ކަން ފާހަގަައެއް ނުވެ އެވެ.
"މި ތުހުމަތުތަކާ ގުޅިގެން ބެލިބެލުމުން، އެ މީހާ ބަންދުކުރުމުގެ މަރުހަލާގައި ނުވަތަ ބަންދުގައި ހުރި މުއްދަތުގައި ވެސް، އަނިޔާއެއް ލިބިފައިވާ ކަމުގެ އެއްވެސް ޝަކުވާއެއް ކޮށްފައެއް ނުވެ އެވެ. އަދި ބަންދުގެ އިޖުރާއަތްތަކުގެ ތެރެއިން މައުލޫމާތު ސާފުކުރިއިރު ވެސް އަނިޔާގެ އެއްވެސް ވާހަކައެއް ހިއްސާކޮށްފައި ނުވާކަމާއި ޑޮކްޓަރަށް ދެއްކުމަށް އެދިފައި ނުވާކަން ފާހަގަކުރަމެވެ،" ފުލުހުންގެ މެސެޖުގައި ވެ އެވެ.
މަސްތުވާތަކެތި ގެންގުޅެ، އޭގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ޑްރަގް އެންފޯސްމަންޓާއި ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ މަހު ހައްޔަރުކުރީ ހަނީފްގެ އިތުރުން ގއ. މާމެންދޫ، ފިޔާތޮށިވިލާ، އަޒުހަދު ނަސީމް، 28 އެވެ.
ފުލުހުން ހިންގި އޮޕަރޭޝަންގައި، ދެ އުޅަނދެއް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ ތިން ކިލޯ އަށް ވުރެ ގިނަ ތަކެތި ފެނުނު ކަމަށް ފުލުހުންގެ މީޑިއާ އިން ބުންޏެވެ.
އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ބަންގްލަދޭޝްގެ ހަނީފް ފަސް ދުވަހަށް އަދި ދިވެހި މީހާ ކަމަށްވާ އަޒުހަދު 15 ދުވަހަށް ބަންދުގައި ބަހައްޓަން އަމުރުކުރި އެވެ.