ރައީސް ޑރ. މުހައްމަދު މުއިއްޒު، މާދަމާ ހެނދުނު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ނިންމަވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވާނީ ރައީސް އޮފީހުގައި މާދަމާ ހެނދުނު 10:00 ޖަހާއިރު ކަމަށެވެ.
ރައީސް މާދަމާ ނޫސްވެރިންނާ ބައްދަލުކުރަައްވާއިރު މި މަހުން ފެށިގެން ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި، ސުވާލުތަކަށް ޖަވާބު ދެއްވަން ރައީސް ވަނީ ނިންމަވައިފަ އެވެ.
ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ މީޑިއާއާ އެކު ބާއްވަމުން އަންނަ ގާތް ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މީޑިއާއާ ސީދާ އެ މަނިކުފާނު ބާއްވަވާ ބައްދަލުވުންތައް އިތުރުކުރައްވާނެ ކަމަށެވެ.
އެގޮތުން ކޮންމެ ހޯމަ ދުވަހެއްގެ ހެނދުނު 10:00 އިން 11:00 އަށް ނޫސްވެރިންނާ އެ މަނިކުފާނު ބައްދަލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ދަތުރެއް ނުވަތަ ހާއްސަ ބައްދަލުވުމެއް ކުރިމަތިނުވާހާ ހިނދަކު އެކަން އެގޮތަށް ކުރިއަށްދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކެބިނެޓްގެ ކޮންމެ މިނިސްޓަރަކު ވެސް ހަފުތާއަކު އެއް ފަހަރު އެއް ގަޑިއިރަށް ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ހަމަޖެހުން ގާއިމްވެ، ތަރައްގީގެ ކަންކަން ރައްޔިތުންނަށް ހާމަކޮށްދިނުމަށް އަދި ރައްކާތެރިކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށް ހަރުދަނާ މީޑިއާއެއް ގާއިމްވެފައި އޮތުން މުހިންމެވެ. އިސްލާމް ގައުމެއްގައި ހިފަހައްޓަންޖެހޭ މިންގަނޑުތައް ހިފަހައްޓަމުން ފަސް ކާފު ހަމަ ތެދު ހަބަރާއި މައުލޫމާތު ފޯރުކޮށްދޭ މީޑިއާއެއް އޮތުމަކީ ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުންގެ ހައްގެކެވެ.
އެހެންވެ، އެ ހައްގު ކަށަވަރުކޮށްދޭން ސަރުކާރުން ސާބިތުވެ ދެމިއޮންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެކަން އެގޮތަށް ކުރުމުގެ ގޮތުން ރާއްޖޭގެ ތާރީހުގައި އަލަށް މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކޮށްފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.