ރައްޔިތުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރާއި އެމްޑީޕީގެ އިތުރު ދެ މެމްބަރެއްގެ މައްޗަށް ދައުވާކުރަން އުޅެނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް ހުރަސްއެޅުމުގެ ގޮތުން ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ދައުލަތުގެ ހުއްދައެއް ކުރީން ހޯދުމަކާ ނުލައި ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށް ވެސް ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ކަމަށެވެ. އެ ޕާޓީން އިސްނަގައިގެން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހު ގިނަ އަދަދެއްގެ މީހުންނާ އެކު މާލޭގައި ބޭއްވީ ސުލްހަވެރި ސިޔާސީ އެއްވުމެއް ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
ނަމަވެސް، ސަރުކާރުން އެ އެއްވުމަށް ހުރަސްއެޅުމަށް ފުލުހުން މެދުވެރިކޮށް އެކި ގޮތްގޮތުން މަސައްކަތް ކޮށްފައިވާ ކަމަށާއި އެތަނުގެ ސުލްހަވެރިކަން ގެއްލުވައިލުމަށް މަސައްކަތްކޮށް، ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް އަދި އަނިޔާވެރިކަމާ އެކު، އެތައް ބަޔަކު ހައްޔަރުކުރިތަން ފެނިފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.
އެމްޑީޕީން ބުނީ އޭގެ ފަސް މަސްދުވަސް ފަހުން، އެ މުޒާހަރާއާ ގުޅުވައިގެން އެ ޕާޓީގެ މަޖިލިސް މެމްބަރަކާއި ގައުމީ މަޖިލީހުގެ މެމްބަރެއް އަދި ޕާޓީގެ ހިދުމަތްތެރި އާންމު މެމްބަރަކު ހިމެނޭހެން ތިން މީހެއްގެ މައްޗަށް ދައުވާކުރަން މިހާރު ފޮނުވާފައި ވަނީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ.
"މިއީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ޕާޓީން ކުރަމުންދާ ކެމްޕޭނަށް ހުރަސްއެޅުމަށާއި އަދި ދިވެހިރާއްޖޭގެ އިންތިހާބީ ނިޒާމު ގަޑުބަޑުކުރުމަށް ނަގަން އުޅޭ އާންމު ވޯޓާ ދެކޮޅަށް މި ފެށޭ މާރިޗު މަހުގެ 21 ވަނަ ދުވަހު މި ޕާޓީން ބާއްވާ ބޮޑު މުޒާހަރާގައި ބައިވެރިވާ މީހުން މަދުކުރުމަށް ހިންގާ ބިރުދެއްކުމުގެ އަމަލެކެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
މައުރޫފާއި އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރެއް ކަމަށްވާ ފާތިމަތު ޒަހިއްޔާ (ޒާޔާ ގެ އިތުރުން ނ. ހޮޅުދޫ، މާފޮޅޭވިލާ، އަބްދުއްސަލާމްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް، މައްސަލަ ނިމުނު ގޮތުގެ ލިޔުމުގައި ފުލުހުން ބުންޏެވެ.
އެ ތިން މީހުންނަށް ފޮނުވި ލިޔުމުގައިވާ ގޮތުން މައްސަލަ ނިމުނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
މެމްބަރު މައުރޫފާއި ޒާޔާ އަދި ސަލާމްގެ މައްޗަށް ވެސް ދައުވާ ކޮށްދޭން ފުލުހުން އެދުނީ އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް މިދިޔަ އަހަރުގެ އޮކްޓޫބަރު ތިން ވަނަ ދުވަހުގެ ރޭ، މާލޭގެ އެކި ސަރަހައްދުގެ މަގުތަކަށް އެއްވެ، މުޒާހަރާކޮށް އަދި އާންމު ދަތުރުފަތުރަށާއި އާންމު ވިޔަފާރިތަކަށް ދަތިވާނެހެން ހަރަކާތްތެރިވެ، ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއަޅައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ވާޖިބަށް ހުރަސް އަޅާފައި ވާތީ ކަމަށް މައްސަލަ ނިމުނު ގޮތުގެ ލިޔުމުގައިވެ އެވެ.
މެމްބަރު މައުރޫފު މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ވެސް ހައްޔަރުކުރި އެވެ. އެއީ ދައުލަތުގެ މަސްކުންފުނި މިފްކޯ އަށް ބޮޑުކަންނެލި ގަންނަން ޑިމާންޑުކޮށް، ބޮޑުކަންނެލީގެ މަސްވެރިން ކުރި އިހުތިޖާޖާ ގުޅިގެންނެވެ.
އެމްޑީޕީގެ އާންމު މަޖިލީހުގެ މެމްބަރު ޒާޔާ އަންނަނީ، އަންނަ މަހު ހަތަރެއްގައި ބާއްވާ ކައުންސިލް އިންތިހާބުގައި މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ކަމަށް ވާދަކުރަމުންނެވެ.