ފުޓްބޯޅައިގެ މައި އިދާރާ ކަމަށްވާ ފީފާއިން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފޮނުވި ފައިސާތައް ލޯންޑާކުރަން އެހީތެރިވުމުގެ ތުހުމަތުގައި ދައުލަތުން ދައުވާކުރާ މުހައްމަދު އަގީލް ތައިލެންޑްގައި ހުއްޓާ ހައްޔަރު ކުރުމަށްފަހު ރާއްޖެ ގެނެސް، ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، ގއ. ގެމަނަފުށިީ ފެހިކުރި، އަގީލް މިދިޔަ މަހުގެ 21 ގައި ރާއްޖެ ގެނައުމަށްފަހު އޭނާ ކްރިމިނަލް ކޯޓަށް ހާޒިރުކުރަން ފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރު ތަންފީޒުކޮށްފައިވާ ކަމަށެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ އެ މައްސަލާގައި އަގީލްގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުގައި އެދިފަ އެވެ. އެހެންވެ، މިދިޔަ މަހުގެ 22 ވަނަ ދުވަހުން ފެށިގެން އޭނާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

އެފްއޭއެމްގެ ފައިނޭންޝަލް ޑިޕާޓްމަންޓްގެ ހެޑަކަށް ކުރިން އުޅުނު އަގީލް ފިލައިގެން އުޅެނިކޮށް ބަންކޮކުން ހައްޔަރުކުރީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.

އަގީލްގެ މައްޗަށް ކުރިން އޮތީ މަނީލޯންޑްރިންއަށް އެހީތެރިވުމުގެ ދައުވާކޮށްފަ އެވެ. އެއީ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް އަމިން އެވެނިއުގެ އެޕާޓްމަންޓް ހޯދައި ލިބިގަތުމަށާއި މަނީ ލޯންޑާކުރުމަށް އެހީތެރިވެދީފައިވާ ކަމަށް ބުނެ އެވެ.

އެ މައްސަލާގައި ބައްސާމްގެ މައްޗަށް ވަނީ ކުށް ސާބިތުވެފަ އެވެ. އެހެން ނަމަވެސް ޝަރީއަތަށް ހާޒިރު ނުވާތީ އަދީލް ބައި އޮތީ މިހާތަނަށް މަޑުޖެހިފަ އެވެ.  

ފީފާއިން ދިން ފައިސާއަށް ހިޔާނަތްތެރިވުމާއި މަނީލޯންޑާ ކުރުމުގެ ދައުވާތައް ސާބިތުވެ، ބައްސާމް މިހާރު ގެންދަނީ 23 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.