ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިޔާމް ވިދާޅުވީ ވަކިވަކިން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ބޭއްވުމުން ވޯޓުލުމަށް ދާ މީހުންގެ އަދަދު މަދުކަން ކުރީގެ ތަފާސްހިސާބުތަކުން ހާމަވާ ކަމަށެވެ.
އެގޮތުން ޝިޔާމް ވަނީ 2018 ވަނަ އަހަރާއި 2013 ވަނަ އަހަރު ވެސް ރިޔާސީ އިންތިހާބަށް ގިނަ ބަޔަކު ވޯޓުލާން ނިކުތްއިރު އޭގެ އަހަރެއް ފަހުން ބޭއްވި މަޖިލިސް އިންތިހާބުގައި ވޯޓުލި މީހުންގެ އަދަދު މަދު ކަމަށް ވިދާޅުވެފަ އެވެ.
އެހެންވެ ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައިިފި ނަމަ، އެކަމަކީ ރައްޔިތުންގެ ބައިވެރިކޮށްގެން އިންތިހާބުގެ ކަންކަން ނިންމާލެވޭނެ ފުރުސަތެއް ކަމަށް ވިދާޅުވި އެވެ. އަދި ޑިމޮކްރަސީ ހަރުދަނާކުރަން ވަކާލާތު ކުރަމުންދާއިރު އެއީ އެކަމަށް ވެސް ބާރު ލިބޭ ކަމެއް ކަމަށް ޝިޔާމް ވިދާޅުވި އެވެ.
"ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވިއްޖެނަމަ ރައްޔިތުންގެ ބައިވެރިވުމާ އެކީގައި ހަމަގައިމު ވެސް އިންތިހާބުގެ ކަންކަން އެ ނިމިގެންދަނީ. އެހެންވެއްޖެ ކަމަށް ވަންޏާ އަޅުގަނޑުމެން ޑިމޮކްރަސީ ހަރުދަނާކުރަން އުޅޭ ބައެއް ކަމަށް ވަންޏާ އަދި އެކަން ރައްޔިތުން ގަބޫލުކޮށްގެން ތިބި ނިޒާމެއް ކަމަށްވަންޏާ އެކަމަށް ވަރަށް ބޮޑަށް އެބަ ބާރު ލިބޭ،" ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ މީގެ ކުރިން ވެރިކަން ކުރެއްވި ބޭފުޅުން ވެސް ދެއްކެވި ވާހަކައެއް ކަމަށެވެ. އަދި ކުރީގެ ސަރުކާރުގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ތިން އިންތިހާބު އެކުގައި ބޭއްވުން މުހިއްމު ކަމަށް ވިދާޅުވެފައި ކަމަށާއި އެކަމަކު މި ސަރުކާރުން އެކަމަށް މަސައްކަތްކުރާތީ އެ ބޭފުޅުން ވެސް މިހާރު އެކަމާ ދެކޮޅު ހަދަމުންދާ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ގާނޫނުއަސާސީއަށް އިސްލާހުތައް ގެނެސްފައި ހުރީ ވެސް އިންތިހާބުތައް މަދުކުރެވޭނެ ފަދަ ގޮތަކަށް ކަމަށެވެ. އޭނާ އިޝާރާތް ކުރެއްވީ ލޯކަލް ކައުންސިލް އިންތިހާބު ކޮންމެ ތިން އަހަރަކުން އޮންނަ ގޮތަށް އޮތްއޮތުން ކޮންމެ ފަސް އަހަރަކުން ބާއްވާ ގޮތަށް ގެނައި ބަދަލަށެވެ.
"އިންތިހާބުތައް ވަރަށް ބޮޑަށް ގިނަވާތީއާ އެކީގައި ލޯކަލް ކައުންސިލް އިންތިހާބު ވެސް ފަސް އަހަރަށް ހެދުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި މި އިންނަނީ."
އެގޮތަށް ބަދަލުތައް އައީ ސަރުކާރުން ރައްޔިތުންނަށް ކަންކަން ކޮށްދިނުމުގެ ބަދަލުގައި ސަރުކާރުގެ ފޯކަސް އިންތިހާބުތަކަށް ބޮޑުވާތީ ކަމަށް ޝިޔާމް ވިދާޅުވި އެވެެ.
ޝިޔާމް ވަނީ އިންތިހާބުތަކަށް ކެންޑިޑޭޓުން ވެސް ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަށާއި އެގޮތުން 2024 ވަނަ އަހަރު މަޖިލީހަށް 368 ބޭފުޅަކު ކުރިމަތިލެއްވިއިރު އެއިން ކޮންމެ ކެންޑިޑޭޓަކު ވެސް ތިން މިލިއަނެއްހާ ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ. އެ ހަރަދަކީ އިލެކްޝަންސް ކޮމިޝަނުން އިންތިހާބު ބޭއްވުމަށް ކުރާ ހޭދައިގެ ބޭރުން ކެންޑިޑޭޓުން އަމިއްލައަށް ކުރާ ހަރަދެކެވެ.
ޝިޔާމް ވަނީ ދެ އިންތިހާބު އެއްކޮށްލުމާ މެދު އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ފެންނަ ނުފެންނަ ވޯޓަށްފަހު ކުރިއަށް ދާނީ އެ ވޯޓުގެ ނަތީޖާއާ އެއްގޮތަށް ކަމަށް ވިދާޅުވެފަ އެވެ.
ދެ އިންތިހާބު އެއްކޮށް ބޭއްވުމަށް ފެންނަ ނުފެންނަ ވޯޓަކަށް ދަނީ ލޯކަލް ކައުންސިލް އިންތިހާބު އޮންނަ ދުވަހު އެވެ. މިއީ 2007 ވަނަ އަހަރު ބޭއްވި ވެރިކަމުގެ ނިޒާމު ކަނޑައެޅުމުގެ ވޯޓަށްފަހު ރާއްޖޭގައި ގައުމީ ފެންވަރެއްގައި ފެންނަ ނުފެންނަ ވޯޓެއްގައި ނަގާ ފުރަތަމަ ފަހަރެވެ.