އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދޭން ފެށި ހަމަލާތަކާ އެކު، މެދުއިރުމަތީގައި ފެށިފައިވާ ހަނގުރާމާގައި އެ ސަރަހައްދުގައި ކިޔަވާ ދަރިވަރުންގެ ސަލަމާތާއި ރައްކާތެރިކަން ކަށަވަރުކޮށް ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ދީފި އެވެ.

މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މެދުއިރުމަތީގައި އިތުރުވަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އެ ސަރަހައްދުގެ ގައުމުތަކުގައި ތައުލީމު ހާސިލުކުރަމުންދާ ދިވެހި ކިޔަވާކުދިންގެ ރައްކާތެރިކަމާއި ދުޅަހެޔޮކަމާ މެދު ސަރުކާރުން ކަންބޮޑުވާ ކަމަށެވެ.

ރާއްޖޭން ބޭރުގައި ތިބި ދިވެހި ކިޔަވާކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ދިވެހި ސަރުކާރުން އަޅާނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓްރީން ދިނެވެ.

"އެ ސަރަހައްދުގައި ހިނގަމުންދާ ކަންކަން ވަރަށް ގާތުން މި ދަނީ ބަލަމުން. ކިޔަވާކުދިންނަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށްޓަކައި ކަމާބެހޭ އިދާރާތަކާއި ޑިޕްލޮމެޓިކް މިޝަންތަކާއި ތައުލީމީ މުއައްސަސާތަކާ މެދުކެނޑުމެއް ނެތި ގުޅުން ބަހައްޓަމުންދާނެކަމުގެ ޔަގީންކަން ދެން،" މިނިސްޓްރީން ބުންޏެވެ.

ކިޔަވާކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ސަރުކާރުގެ އެންމެ އިސް އަމާޒު ކަމަށް ވާއިރު މި ދަތި އުނދަގޫ ވަގުތުގައި ކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް އެޅުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ތައްޔާރަށް އޮތް ކަމުގެ ޔަގީންކަން ވެސް ދިނެވެ.

އެ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހިންނަށް ކުރިމަތިވެދާނެ ދަތިތަކާއި ކުރިމަތިވާ ކަންކަން ހައްލު ގުޅިގެން ފިޔަވަޅުތައް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވަނީ ނުވަ މިނިސްޓަރުން ހިމަނައިގެން ހާއްސަ ކޮމިޓީއެއް ވެސް އެކުލަވާލައްވައިފަ އެވެ.

އެމެރިކާ އާއި އިޒްރޭލް ގުޅިގެން އީރާނަށް ހަމަލާދޭން ފަށާފައި ވަނީ އިއްޔެ އެވެ. އެ ހަމަލާއަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ދަނީ މެދުއިރުމަތީގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދެމުންނެވެ.