ބޭރު ގައުމުތަކުގެ ތެރެއިން ދިވެހިން އެންމެ ޕޮޒިޓިވް ނަޒަރަކުން ދެކެނީ ސައުދީ އަރަބިއްޔާ އާއި ޗައިނާއާ މެދު ކަމަށް ބާނީ ސެންޓާ ފޯ އިންޓަނޭޝަނަލް ޕޮލިސީގެ ސާވޭއަކުން ދައްކައިފި އެވެ.
ރާއްޖޭގެ ތިންކް ޓޭންކެއްގެ ގޮތުގައި ހަރަކާތްތެރިވާ އަދި މީގެ ކުރިން ވެސް މިފަދަ ސާވޭތައް ކޮށްފައިވާ ބާނީގެ ސާވާގައި ވޯޓުލާ އުމުރުގެ ދިވެހިން ވަނީ އެކި ގައުމުތަކާ މެދު ދެކޭގޮތް 0-10އާ ދޭތެރޭގެ އަދަދަކުން ޕޮއިންޓް ދީގެން ރޭންކު ކޮށްފަ އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު 23 އިން ޑިސެމްބަރު 1 ގެ ނިޔަލަށް ފޯނު ސާވޭއެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ އެ ސާވޭގައި 391 މީހަކު ބައިވެރިވި އެވެ.
އެ ސާވޭގެ ނަތީޖާ އިން ދައްކާ ގޮތުގައި ދިވެހިން އެންމެ ބޮޑަށް ގަޔާވާ ގައުމުތަކުގެ ލިސްޓުގެ ކުރީގައި އޮތީ ސައުދީ އާއި ޗައިނާ އެވެ. އެ ދެ ގައުމަށް އެވްރެޖު ސްކޯއެއްގެ ގޮތުގައި ލިބުނީ 6.9 އެކެވެ.
ދިވެހިން އެންމެ ޕޮޒިޓިވްކޮށް ދެކޭ ގައުމުތަކުގެ ލިސްޓުގެ ތިން ވަނާގައި އޮތީ އިންޑިއާ އެވެ. އެ ގައުމަށް ލިބުނު ސްކޯއަކީ 6.2 އެކެވެ.
ސާވޭ ކުރިއަށް ގެންދިޔަ ބާނީން ބުނީ ސައުދީ އާއި ޗައިނާއާ މެދު ހުރިހާ އުމުރެއްގެ މީހުންގެ މެދުގައި ވެސް އޮތީ އެއްވަރެއްގެ ތާއީދެއް ކަަމަށެވެ. އެކަމަކު އިންޑިއާ އަށް ޒުވާނުންނަށް ވުރެ ބޮޑަށް ތާއީދު ކުރަނީ ދޮށީ އުމުރުގެ މީހުން ކަމަށް ސާވޭ އިން ދައްކަ އެވެ.
އިތުރު ގައުމުތަކަށް ލިބުނު ސްކޯ:
- ރަޝިއާ - 5.2
- އޮސްޓްރޭލިއާ - 4.9
- އިނގިރޭސި ވިލާތް - 4.3
- ޔޫކްރެއިން - 3.9
- އެމެރިކާ 3.5
ބާނީން ބުނީ އެކި އުމުރުފުރާގެ ދިވެހިން އެމެރިކާއާ މެދު ދެކޭގޮތް ވަރަށް ތަފާތުކަން ސާވޭގައި ހާމަވި ކަމަށެވެ. ޒުވާނުންނާއި ދޮށީ އުމުރުގެ މީހުންގެ މެދުގައި އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކާ މެދު ދެކޭގޮތުގައި ތަފާތުތަކެއް ހުރި ކަމަށް ބާނީން ބުންޏެވެެ.
އެ ޖަމާއަތުން ބުނި ގޮތުގައި އުމުރުން 55 އަހަރުން މަތީގެ ދިވެހިން އެމެރިކާ އަށް ދިން ސްކޯއަކީ 2.5 އެކެވެ. އަދި 18 އަހަރާއި 24 އަހަރާ ދެމެދުގެ ޒުވާނުން އެމެރިކާ އަށް ދިން ސްކޯއަކީ ފަހެކެވެ. ހުޅަނގުގެ އެހެން ގައުމުތަކާއި ރަޝިއާ އާމެދު ވެސް ޒުވާނުންގެ މެދުގައި އޮތް ތާއީދު އުމުރުން ދޮށީ މީހުންންށް ވުރެ ބޮޑު ކަމަށް ސާވޭގައި ދައްކަ އެވެ.
އެ ސާވޭގެ ބައިވެރިންނާ މެދު ބާނީން ބުނީ ޖުމްލަ 391 މީހަކު ބައިވެރިކޮށްގެން އެ ސާވޭ ކުރިއަށް ގެންދިޔަ ނަމަވެސް އެއީ ރާއްޖޭގެ އާބާދީ އަށް ބަލާއިރު 95 ޕަސެންޓް ކޮންފިޑެންސް ލެވެލްއެއްގައި އަދި ފަސް ޕަސެންޓް މާޖިން އޮފް އެރާއަކާ އެކު ސްޓެޓިސްޓިކަލީ ސިގްނިފިކަންޓް ސާވޭއެއް ހަދަން ބޭނުންވާ އަދަދަށް ވުރެ އިތުރު މިންވަރެއް ކަމަށެވެ.