އެމެރިކާއިން އީރާނަށް ހަމަލާދިނުމާ ގުޅިގެން މެދުއިރުމަތީގައި ފެށިފައިވާ ހަނގުރާމައާ ގުޅިގެން ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައިވާތީ 2،000 އަށް ވުރެ ގިނަ ޓޫރިސްޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތާށިވެފައި އެބަތިބި ކަމަށް އިނަ މޯލްޑިވްސްގެ މުހައްމަދު ފިރާގު ވިދާޅުވެއްޖެ އެވެ.
ބޮޑެތި އެއާލައިންތަކެއް ރާއްޖޭގެ އޭޖެންޓްކަން ކުރާ އިނަ މޯލްޑިވްސްގެ ފިރާގު ވިދާޅުވި ގޮތުގައި 2،000 އަށް ވުރެ ގިނަ މީހުން އެއާޕޯޓުގައި ތާށިވެފައިވާއިރު، ކުއްލި ހާލަތުގައި އަޅަންޖެހޭ ފިޔަވަޅުތައް ވަގުތުން އެޅުމަށް މަޖުބޫރުވެފައިވާ ކަމަށެވެ.
"ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބިފައިވާ ރީތި ނަން ދެމެހެއްޓުމަށްޓަކައި ކަމާބެހޭ އިދާރާތަކުގެ މެދުގައި ވަރުގަދަ ގުޅުމެއް ގާއިމުކޮށް، ސާފު މުއާމަލާތްތަކެއް ހިންގައި، އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް،" ފިރާގު ވިދާޅުވި އެވެ.
އެމެރިކާ އާއި އިޒްރޭލް ގުޅިގެން އީރާނަށް ހަމަލާދޭން މިއަދު ފެށުމާ އެކު، މެދުއިރުމަތީގައި ބޮޑު ހަނގުރާމައެއްގެ ބިރުވެރިކަން އުފެދި، އެ ސަރަހައްދުން ރާއްޖެ އަށް އަންނަ ހުރިހާ ފްލައިޓެއް ވަނީ ކެންސަލްކޮށްފަ އެވެ. ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަނީ މެދުއިރުމަތީގައި ޓްރާންސިޓްވުމަށްފަހު އެވެ.
އެމެރިކާގެ ހަމަލާއަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ވަނީ މެދުއިރުމަތީގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފަ އެވެ. އެހެންވެ، ޔޫއޭއީ އާއި ގަތަރު އަދި ސައުދީ އަރަބިއްޔާއިން ވަނީ ވައިގެ ސަރަހައްދު ބަންދުކޮށްފަ އެވެ.
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން މިއަދު ވަނީ ރާއްޖެއަށް އަންނަ އޮތް ނުވަ ފްލައިޓެއް ކެންސަލްކޮށްފަ އެވެ. އަދި ދުބާއީ އާއި ޝަރްޖާ އާއި ބަހްރެއިންގެ އިތުރުން އަބޫދާބީ އާއި ދޯހާއަށް ކުރާ ހުރިހާ ދަތުރެއް ވަނީ ހުއްޓިފަ އެވެ.
ރާއްޖެ އަށް ޔޫރަޕުންނާއި އެހެން ސަރަހައްދުތަކުން އަންނަ ޓޫރިސްޓުން އެންމެ ގިނައިން ޓްރާންސިޓްވާ މަންޒިލަކީ ދުބާއީ އާއި ދޯހާ އެވެ. އެހެންވެ، ވައިގެ ސަރަހައްދު ބަންދުވުމާ ގުޅިގެން ރާއްޖެ އަށް އެ ސަރަހައްދުން ޓޫރިސްޓުން އައުން ވެސް އެއްކޮށް ހުއްޓޭނެ އެވެ.