ރައްޔިތުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރާއި އެމްޑީޕީގެ އިތުރު ދެ މެމްބަރެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފި އެވެ. 

މައުރޫފާއި އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރެއް ކަމަށްވާ ފާތިމަތު ޒަހިއްޔާ (ޒާޔާ) ގެ އިތުރުން ނ. ހޮޅުދޫ، މާފޮޅޭވިލާ، އަބްދުއްސަލާމްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް މައްސަލަ ނިމުނު ގޮތުގެ ލިޔުމުގައި ފުލުހުން ބުންޏެވެ.

އެ ތިން މީހުންނަށް ފޮނުވި ލިޔުމުގައިވާ ގޮތުން މައްސަލަ ނިމުނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. 

މެމްބަރު މައުރޫފާއި ޒާޔާ އަދި ސަލާމްގެ މައްޗަށް ވެސް ދައުވާ ކޮށްދޭން ފުލުހުން އެދުނީ އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް މިދިޔަ އަހަރުގެ އޮކްޓޫބަރު ތިން ވަނަ ދުވަހުގެ ރޭ، މާލޭގެ އެކި ސަރަހައްދުގެ މަގުތަކަށް އެއްވެ، މުޒާހަރާކޮށް އަދި އާންމު ދަތުރުފަތުރަށާއި އާންމު ވިޔަފާރިތަކަށް ދަތިވާނެހެން ހަރަކާތްތެރިވެ، ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއަޅައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ވާޖިބަށް ހުރަސް އަޅާފައިވާތީ ކަމަށް މައްސަލަ ނިމުނު ގޮތުގެ ލިޔުމުގައި ވެ އެވެ.

އެމްޑީޕީން މިދިޔަ އަހަރުގެ އޮކްޓޫބަރު ތިން ވަނަ ދުވަހުގެ ރޭ މާލޭގައި ކުރި މުޒާހަރާއާ ގުޅިގެން މެމްބަރު މައުރޫފާއި ޒާޔާ އަދި ސަލާމްގެ އިތުރުން އެހެން ބަޔަކު ވެސް އެ ރޭ ހައްޔަރުކުރި އެވެ. 

މެމްބަރު މައުރޫފު މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ވެސް ހައްޔަރުކުރި އެވެ. އެއީ ދައުލަތުގެ މަސްކުންފުނި މިފްކޯ އަށް ބޮޑުކަންނެލި ގަންނަން ޑިމާންޑުކޮށް، ބޮޑުކަންނެލީގެ މަސްވެރިން ކުރި އިހުތިޖާޖާ ގުޅިގެންނެވެ. 

މައުރޫފަކީ މަސްވެރިންގެ ޔޫނިއަންގެ އެއް ފައުންޑަރު އަދި އެ ޖަމިއްޔާގެ ޖެނެރަލް ސެކްރެޓަރީ އެވެ.