ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް ރަށްރަށަށް ދިއުމުގެ ވިސްނުމެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ވެރިކަންކުރާ ޕީއެންސީން ބޭއްވި ތަރާވީހުގައި ރައީސް ވިދާޅުވީ ރައްޔިތުން ގާތަށް ވަޑައިގަންނަނީ ގައުމީ ވިސްނުމުގައި، އެ މީހުން ހަވާލުކުރި ޒިންމާތައް އަދާކުރުމަށް ކަމަށެވެ.

އޭގެ ތެރެއިން، މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގަތުމަށް ފެއްޓެވި މަސައްކަތް މިދިޔަ އަހަރުގެ ފަހުކޮޅު ހާސިލްވެފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. 

ރައީސް ވިދާޅުވި ގޮތުގައި އިންތިހާބަކާ ދިމާކޮށް ރައްޔިތުން ކައިރިއަށް ދާން ބޭނުންފުޅުނުވާ ކަމަށެވެ.

"ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އަޅުގަނޑު ގަސްތެއް ނުކުރަން ރަށްރަށަށް [ކެމްޕެއިނަށް] ދާކަށް. އަޅުގަނޑު ގަސްތެއް ނުކުރަން. އެހެންނެއް ނޫން، ސަރުކާރު ހިންގާ ވަރަށް ބޮޑު މަޝްރޫއެއް ނިމި، އެ މަޝްރޫއުގެ ނިންމުން ފާހަގަކުރަން ރައްޔިތުން އެދިވަޑައިގެންފިއްޔާ އެ ރަށަކަށް އަޅުގަނޑު ނުދާނެ ވާހަކައެއް ނޫން، އެހެން ނޫން. ކެމްޕެއިންގެ ބޭނުމުގައި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އަޅުގަނޑު އެއްވެސް ރަށަކަށް ދާކަށް ގަސްތެއް ނުކުރަން." ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ އިންތިހާބުތަކުގެ ކެމްޕެއިނަށް ރަށްރަށަށް ރައީސުން ވަޑައިނުގަތުމަކީ ކުރިން ރާއްޖޭގައި ހިނގި ކަމެއް ނޫން ކަމަށެވެ.

އެއާ ހިލާފަށް، ރަށްރަށަށް ދިއުމަށް ދަތުރު ހަދަނީ ވެސް އިންތިހާބަކާ ދިމާކޮށް ކަމަށާއި އެ މީހުންގެ ވިސްނުމަކީ ވެސް އިންތިހާބުތައް އެކި ދުވަސްވަރު ބޭއްވުން ކަމަށް ރައީސް ވިދާޅުވި އެވެ. 

މި ސަރުކާރުން ބޭނުންވަނީ ވީ އެންމެ އަވަހަކަށް ރައްޔިތުންނާ ބައްދަލުކޮށް، ކަންކަން ކޮށްދިނުމަށް ކަމަށާއި އިންތިހާބުތައް ގިނަކުރުމަކީ މި ސަރުކާރަށް މުހިއްމު ކަމެއް ނޫންކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވަނީ ވެރިކަމާ ހަވާލުވެ ވަޑައިގަތްތާ ދެ އަހަރު ވުމުގެ ކުރިން، ރާއްޖޭގައި މީހުން އުޅޭ ހުރިހާ ރަށަކަށް ވަޑައިގެންފަ އެވެ. މިކަން ރައީސް ވަނީ މިދިޔަ އަހަރު އޮކްޓޫބަރު 28 ވަނަ ދުވަހު ކ. ތުލުސްދުއަށް ކުރެއްވި ދަތުރުފުޅުގައި ފާހަގަކުރައްވައިފަ އެވެ.  

ރައީސް އޮފީހުން އޭރު ބުނި ގޮތުގައި ތުލުސްދޫއަށް އެ ދުވަހު ކުރެއްވި ޒިޔާރަތާ އެކު ރާއްޖޭގެ މީހުން ދިރިއުޅޭ 187 ރަށްރަށާއި ސިޓީތަކަށް އެ މަނިކުފާނުގެ ވެރިކަމުގައި ވަޑައިގަނެނުވީ އެވެ. އަދި އެ މުއްދަތުގައި މި މުއްދަތުގައި 63 ރަށަކަށް ދެވަނަ ފަހަރަށް ވެސް ޒިޔާރަތްކުރައްވާފައިވާ ކަމަށް ބުންޏެވެ.