ޓެކްސީ ޑްރައިވަރެއް ކަމަށްވާ ގާސިމް ހަސަން މަރާލިކަން ސާބިތުވެ މަރަން ހުކުމް ކޮށްފައިވާ އަދުހަމް މުހައްމަދުގެ ފަރާތުން ގާސިމްގެ އާއިލާއަށް ނުގުޅަން ހައި ކޯޓުން މިއަދު އަންގައިފި އެވެ. 

އަދުހަމްގެ މައްޗަށް އިއްވާފައިވާ މަރުގެ އަދަބުގެ ސައްހަކަން ކަށަވަރުކުރަން ދައުލަތުން ހައި ކޯޓަށް ވަނީ މައްސަލަ ހުށަހަޅައިފަ އެވެ. އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލް ވަނީ އަދުހަމްގެ ވަކީލް ގާސިމްގެ އާއިލާއަށް ގުޅަން މަސައްކަތް ކޮށްފައިވާ ކަަމަށް ވިދާޅުވެފަ އެވެ. 

ދައުލަތުގެ ވަކީލް ވިދާޅުވީ ގާސިމްގެ ފަސް ވާރިސުން ވެސް ދައުލަތަށް މައުލޫމާތު ދީފައިވަނީ އެމީހުން އަދުހަމާ ދައްކާނެ އިތުރު ވާހަކައެއް ނެތް ކަމަށާއި އަދި އަދުހަމްއާ ގުޅުންހުރި އެއްވެސް ފަރާތަކުން އެ އާއިލާއާ ގުޅުމަށް މަސައްކަތް ނުކުރަން އެދޭ ކަމަށެވެ. 

ދައުލަތުން އެކަން ފާހަގަކުރުމުން، އެ މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ދީބަނާޒު ފަހުމީ ވަނީ ދައުލަތުން އެދުނު ގޮތަށް ގާސިމްގެ އާއިލާއަށް އެއްވެސް ގޮތަކުން ގުޅަން މަސައްކަތް ނުކުރަން އަދުހަމަށް އަންގައިފަ އެވެ. 

"...ތިޔަބޭފުޅުންގެ ފަރާތުން އެއްވެސް ގޮތަކަށް ގުޅުއްވައިގެން ނުވާނެ އިނގޭތޯ،" ފަނޑިޔާރު ވިދާޅުވި އެވެ. 

އަދުހަމް ކޯޓުގައި ތަމްސީލު ކުރަނީ ދައުލަތުގެ ހަރަދުގައި ހަމަޖައްސައިދީފައިވާ ދިފާއީ ވަކީލެކެވެ. 

މިއަދުގެ އަޑުއެހުމުގައި ވެސް އަދުހަމް ވަނީ ގާސިމް މަރާލުމުގެ ކުށަށް އިއުތިރާފުވާކަން ހާމަކޮށްފަ އެވެ. އަދި އޭނާ ބުނަން ބޭނުންވަނީ ހަމައެކަނި އެ މިންވަރަށް ކަމަށް ވެސް އަދުހަމްގެ ވަކީލް ވިދާޅުވި އެވެ. 

ނަމަވެސް، ފަނޑިޔާރު ދީބާނާޒު ވިދާޅުވީ އެ މިންވަރަށް ބުނުމުން ނުފުދޭނެ ކަމަށެވެ. އަދި ކްރިމިނަލް ކޯޓުގެ ހުކުމް ދަމަހައްޓަން އެދި ދައުލަތުން ހުށަހަޅާފައިވާ ކަންކަމަށް ވަކިވަކިން ޖަވާބު ދޭން ޖެހޭނެ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. 

އަދުހަމްގެ ފަރާތުން ވަނީ އެ ކަންކަމަށް ޖަވާބުދާރީވާން އިތުރު ފުރުސަތަކަށް ޝަރީއަތުގައި އެދިފަ އެވެ. އެހެންވެ، އިތުރު އަޑުއެހުމަކަށް އެކަން ފަސްކުރި އެވެ. 

ހުޅުމާލޭގައި ގާސިމް ޓެކްސީ ދުއްވަމުން ދަނިކޮށް ޑިސެމްބަރު، 2019 ގައި ގާސިމްގެ ކަރަށް އަދުހަމް ވަޅިއަކުން ހަމަލާދީ މަރާލީ އެ ޓެކްސީގެ ފަހަތު ސީޓުގައި އިނދެފައި، ގާސިމްގެ އަތުން ފޭރެން އުޅުމުގެ ތެރޭގަ އެވެ. އެ މައްސަލާގައި އަދުހަމް މަރަން ކްރިމިނަލް ކޯޓުން ހުކުމްކުރީ 2023 ވަނަ އަހަރު އެވެ.

އެ ހުކުމް އިސްތިއުނާފްކުރަން އޮތް މުއްދަތުގައި އަދުހަމް އިސްތިއުނާފަށް ހުށަހަޅާފައެއް ނުވެ އެވެ. އަދި މަރަން ހުކުމްކުރާ މީހުންގެ މައްސަލަތައް އެ މީހުންގެ ފަރާތުން އިސްތިއުނާފް ނުކޮށްފިނަމަ އެ ހުކުމުގެ ސައްހަކަން ކަށަވަރުކުރަން ދައުލަތުން އިސްތިއުނާފް މަރުހަލާއަށް ހުށަހަޅަން ޖެހެ އެވެ.

އެ މައްސަލާގައި އަދުހަމް ފުރަތަމަ ކުށަށް އެއްބަސްވި ނަމަވެސް ފަހުން ކޯޓުގައި އޮތީ އެކަމަށް އިންކާރު ކޮށްފަ އެވެ. އެކަމަކު، ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ހުށަހަޅާފައިވާ ހެކިތަކާއި އަދުހަމް ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު ވެސް ގަސްދުގައި މީހަކު މެރުމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ.

ޝަރީއަތުގައި ވާރިސުންގެ ކިބައިން އަދުހަމް މައާފަށް އެދުނަސް، ގާސިމްގެ ފަސް ވާރިސުން ވެސް ބޭނުންވީ މަރަށް މަރު ހިފުމަށެވެ.