ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އާމިރަށް ޑީއާރުޕީން ދައްކަންޖެހޭ ހަތަރު މިލިއަން ރުފިޔާގެ ދަރަނި އެ ޕާޓީގެ ލީޑަރަކަށް އެންމެ ފަހުން ހުންނެވި މުހައްމަދު ނަޝީދު ދައްކަން ޖެހޭނެ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
އާމިރު ހިންގި ޕްރޮޑަކްޝަންގެ ދެ ކުންފުންޏަކުން 2007 ވަނަ އަހަރުން ފެށިގެން 2009 އާ ހަމައަށް ޑީއާރުޕީގެ ބައެއް ހަރަކާތްތައް ވީޑިއޯ ކުރުމާއި އެޑިޓް ކުރުމާއި ސާމާނު ފޯރުކޮށްދީގެން ދީފައިވާ ހިދުމަތްތަކަށް 4.04 މިލިއަން ރުފިޔާ އެ ޕާޓީން ދައްކަންޖެހެ އެވެ.
އެ ފައިސާ ނުދެއްކުމުން ޖޫރިމަނާ ގޮތުގައި އިތުރު 16.3 މިލިއަން ރުފިޔާ އެރި ނަމަވެސް ހައި ކޯޓުން ކުރިން ނިންމާފައިވަނީ ޖޫރިމަނާ އެއްކޮށް އުނި ކުރުމަށްފަހު، ހިދުމަތުގެ އަގު އެކަނި ނަގައިދިނުމަށެވެ. އެ ހުކުމަށް ސުޕްރީމް ކޯޓުން ވެސް ތާއިދުކުރި އެވެ.
އެހެންވެ، އާމިރުގެ ފަރާތުން ވަނީ ހިދުމަތުގެ އަގަށްވާ ހަތަރު މިލިއަން ރުފިޔާ ހޯދަން ސިވިލް ކޯޓަށް ތަންފީޒީ މައްސަލައެއް ހުށަހަޅައިފަ އެވެ. ނަމަވެސް، އެ މައްސަލަ ކޯޓުގައި އޮއްވާ ސިޔާސީ ޕާޓީއެއްގެ ޝަރުތުތައް ފުރިހަމަ ނުވާތީ ޑީއާރްޕީ ފަހުން ވަނީ އުވާލައިފަ އެވެ.
އެ ޕާޓީ އުވާލިއިރު ގިނަ އަދަދެއްގެ ދަރަނި އޮތެވެ. އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވަނީ އެ ދަރަންޏަށް ޒިންމާވާން ޖެހޭނީ ޕާޓީ އުވާލިިއިރު އެންމެ އިސް ފަރާތެއްގެ ގޮތުގައި ހުރި މީހާ ކަމަށެވެ. ޑީއާރްޕީ އުވާލިއިރު ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވީ މުހައްމަދު ނަޝީދެވެ.
އެހެންވެ، އޭނާއަށް ދައުވާލިބޭ ގޮތަށް ސިވިލް ކޯޓުގައި ވަނީ ތަންފީޒީ މައްސަލަ ކުރިއަށް ގެންގޮސްފަ އެވެ. ނަމަވެސް ނަޝީދުގެ ފަރާތުން އެ މައްސަލާގައި ކޯޓުގައި ޖަވާބުދާރީވެފައެއް ނުވެ އެވެ.
އެހެންވެ، ނަޝީދު ޣައިރު ހާޒިރުގައި ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފައިވަނީ ހިދުމަތުގެ އަގަށްވާ 4.04 މިލިއަން ރުފިޔާއަކީ އާމިރަށް ލިބެންޖެހޭ ފައިސާ ކަމަށް ކަނޑައަޅައި، އެ ފައިސާ 14 ދުވަސް ތެރޭގައި ދައްކައި ހަލާސް ކުރުމަށެވެ.
ރާއްޖޭގެ އެންމެ ބޮޑު ޕާޓީގެ ގޮތުގައި ކުރިން އޮތް ޑީއާރުޕީގެ އެތެރޭގެ ހިޔާލު ތަފާތުވުންތަކާ ހެދި އެ ޕާޓީ 2011 ވަނަ އަހަރު ބައިބައިވިއިރު، އެ ޕާޓީގެ އެތައް މިލިއަން ރުފިޔާގެ ދަރަނި ހުއްޓެވެ. އޭގެ ތެރެއިން އެމްޓީސީސީއަށް ދައްކަންޖެހޭ 1.1 މިލިއަންގެ ދަރަންޏަށް އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޒިންމާ ކުރުވަން ވެސް އެ ކުންފުނިން މަސައްކަތްކުރި އެވެ. ނަމަވެސް ފަހުން ވަނީ އެ މައްސަލަ އަނބުރާ ގެންގޮސްފަ އެވެ.