މާލޭގައި މިއަދު އެމްބިއުލާންސަކަށް ޖާގަ ނުދިން ޕިކަޕް ޑްރައިވަރު ޖޫރިމަނާކޮށް ލައިސަންސް ހިފަހައްޓައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެ ޕިކަޕް ދުއްވި ޑްރައިވަރު 750ރ. އިން ޖޫރިމަނާކޮށް ލައިސަންސް ހިފަހައްޓާފައިވާ ކަމަށެވެ.

"އެއްވެސް އުޅަނދެއް ދެން ނުދުއްވޭނެ. ފުލުހުން އެ މައްސަލަ ދެން ފޮނުވާނީ ޓްރާންސްޕޯޓް މިނިސްޓްރީއަށް. މިނިސްޓްރީގެ ކޮމެޓީއަކުން ދެން ނިންމާނީ އެ މީހާއަށް ހަދާނެ ގޮތެއް،" ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނީ އެކަމުގައި ފިޔަވަޅު އަޅަން ޖެހޭ ނަމަ އެކަން ކުރާނެ ކަމަށެވެ.

ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯއަކުން ފެންނަ ގޮތުން، ޕިކަޕުގެ ފަހަތުގައި އޮވެ އެމްބިއުލާންސުން ސައިރެން އަޅަމުން ދިޔައިރު ވެސް ޕިކަޕު ހުއްޓައިގެން އޮތީ މުދާ ބާލާށެވެ. 

އެ ޕިކަޕް މަޑުކޮށްފައި އޮތުމުން އެމްބިއުލާންސާއި އެހެން ވެހިކަލްތަކަށް ވެސް ކުރިއަށް ނުދެވި ޓްރެފިކް ތޮއްޖެހިފައި އޮތެވެ. އެ ޕިކަޕް އެ ތަނުން ދިޔައީ މުދާ ބާލައި ނިމުމުންނެވެ. 

މީގެ ދުވަސްކޮޅެއް ކުރިން، ރައީސް އޮފީސް ކައިރިން އަނބުރާލަން އުޅުނު އެމްބިއުލާންސަކަށް އެ މަގުން ދުއްވަމުންދިޔަ ވެހިކަލްތައް މަގު ނުދެއްކި މައްސަލައެއް ވެސް ފެންމަތިވި އެވެ.