މާލެއަށް ކުރިމަތިވާ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރިއަށް ގެންދާ "ޕްރޮޖެކްޓް ފޯ ޑިޒާސްޓާ ރެސިލިއަންސް އެންޑް އެންހޭންސްމަންޓް އިން މާލެ އައިލެންޑް" ގެ މަސައްކަތް ޖަޕާނުގެ ކުންފުންޏަކާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އެ މަސައްކަތް ހަވާލުކުރީ ޖަޕާނުގެ ޓެކް އިންޓަނޭޝަނަލް އިންކޯޕޭޝަންއާ އެވެ.

ހައުސިން މިނިސްޓްރީން ބުނީ އެ ކުންފުންޏާއެކު އެއްބަސްވުން ހެދީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ. އަދި އެއްބަސްވުމުގެ އަގަކީ 247 މިލިއަން ޖަޕަނީޒް ޔެން (24 މިލިއަން ރުފިޔާ) އެވެ.

ޕްރޮޖެކްޓް ފޯ ޑިޒާސްޓާ ރެސިލިއަންސް އެންޑް އެންހާންސްމަންޓް އިން މާލެ އައިލެންޑް މަސައްކަތް ޖަޕާނުގެ ކުންފުންޏަކާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާރު.-- ފޮޓޯ: ހައުސިން މިނިސްޓްރީ
ޕްރޮޖެކްޓް ފޯ ޑިޒާސްޓާ ރެސިލިއަންސް އެންޑް އެންހާންސްމަންޓް އިން މާލެ އައިލެންޑް މަސައްކަތް ޖަޕާނުގެ ކުންފުންޏަކާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާރު.-- ފޮޓޯ: ހައުސިން މިނިސްޓްރީ

މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ. އަދި ޓެކް އިންޓަނޭޝަނަލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓާ މަކޯޓޯ ޔޮކޮށީ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި އެ މަޝްރޫއުގެ ދަށުން މާލޭގައި ހުރި 16 ޕަމްޕް ސްޓޭޝަން އޮޓަމޭޓް ކުރުމަށް ބޭނުންވާ އާލާތްތައް ހަރުކޮށް އޮޓަމޭޓް ކުރާނެ އެވެ. އަދި އެ ޕަމްޕް ސްޓޭޝަން މޮނީޓާކުރަން ސެންޓްރަލް މޮނިޓަރިން ސްޓޭޝަނެއް ގާއިމްކޮށް، ފެން ހިންދާ ނިޒާމް ބެލެހެއްޓުމަށް ބޭނުންވާ ޖެޓިން ވެހިކަލް ގެންނާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އެ މަސައްކަތް ނިންމަން އެ ކުންފުންޏަށް ދީފައިވަނީ އެއް އަހަރާއި ހަތަރު މަސް ދުވަހެވެ.