ރާއްޖޭގައި އެއްގަމު އުޅަނދެއް ދުއްވޭނީ ކޮމްޕްރިހެންސިވް މޮޓޯ އިންޝައަރެންސެއް އޮވެގެން ކަމަށް މަޖުބޫރު ކުރަން އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި އިސްލާހުގެ ފުރަތަމަ ކިޔުން މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް ވަނީ އެޖެންޑާ ކޮށްފަ އެވެ.
އިސްލާހުގައި ބުނީ، އެއްގަމު އުޅަނދު ދުއްވަން ވާނީ އެ އުޅަނދެއް އެކްސިޑެންޓެއް ވެގެން ގެއްލުން ލިބޭ މީހަކަށް ނުވަތަ ތަނަކަށް ނުވަތަ އެއްޗަކަށް ލިބޭ ގެއްލުމަށާއި އެކްސިޑެންޓުވީ އުޅަނދަށް ނުވަތަ އުޅަނދު ދުއްވި މީހާ އަށް ލިބޭ ގެއްލުމުގެ ބަދަލު ލިބިދިނުމުގެ ގޮތުން ކުރާ ކޮމްޕްރެހެންސިވް މޮޓޯ އިންޝުއަރެންސް ކުރުމަށް ފަހު ކަމަށެވެ.
މިހާރު ގާނޫނުގައި އޮންނަނީ އެއްގަމު އުޅަނދު ދުއްވަން ވާނީ، އެ އުޅަނދެއް އެކްސިޑެންޓެއް ވެގެން ގެއްލުން ލިބޭ މީހަކަށް ނުވަތަ ތަނަކަށް ނުވަތަ އެއްޗަކަށް ލިބޭ ގެއްލުމުގެ ބަދަލު ލިބިދިނުމުގެ ގޮތުން ކުރާ ތާޑް ޕާޓީ އިންޝުއަރެންސް ކުރުމަށް ފަހު ކަމަށެވެ.
އެހެންކަމުން، އާ އިސްލާހު ފާސްވެއްޖެ ނަމަ މިހާރު ކުރަމުން އަންނަ ތާޑް ޕާޓީ އިންޝުއަރެންސްގެ ބަދަލު ކުރަން ޖެހޭނީ ހުރިހާ ކަމެއް ކަވަރު ކޮށްދޭ ކޮމްޕްރިހެންސިވް އިންޝުއަރެންސަކަށެވެ.
ކޮމްޕްރެހެންސިވް މޮޓޯ އިންޝުއަރެންސް ޕޮލިސީއެއްގައި ފުރިހަމަ ވާން ޖެހޭ ކަންކަމުގެ ލިސްޓެއް ވެސް ބިލުގައި ވަނީ ހިމަނައިފަ އެވެ. އެއީ:
- އެކްސިޑެންޓެއްގެ ސަބަބުން ތިންވަނަ ފަރާތެއް މަރުވުން، ނުވަތަ ތިންވަނަ ފަރާތަކަށް ޖިސްމާނީ ހާނިއްކައެއް ވުމުން ނުވަތަ ތިންވަނަ ފަރާތުގެ މުދަލަށް ލިބޭ ގެއްލުމަށް ޒިންމާވުން
- އަމިއްލަ އުޅަނދަކަށް އެކްސިޑެންޓެއްގެ ސަބަބުން ލިބޭ ސީދާ ގެއްލުމަށް އަދި އުޅަނދު ފުރޮޅައިލުމުގެ ސަބަބުން ނުވަތަ އެކްސިޑެންޓެއްގެ އަސަރު ކުރުމުން ލިބޭ ގެއްލުމަށް ޒިންމާވުން
- އަލިފާނުގެ ސަބަބުން ނުވަތަ ވަގަށް ނެގުމުގެ ސަބަބުން ނުވަތަ ގެއްލުން ދިނުމުގެ ސަބަބުން ނުވަތަ ގެއްލުން ދިނުމުގެ ގަސްތުގައި ކުރާ ކަންކަމުގެ ސަބަބުން ލިބޭ ގެއްލުމަށް ޒިންމާވުން
- ފެންބޮވުމާއި ތޫފާނާއި އުދައެރުން ނުވަަތަ މޫސުމީ ކާރިސާތައް ފަދަ ގުދުރަތީ ގޮތުން ލިބޭ ގެއްލުމަށް ޒިންމާވުން
- ގާނޫނުގެ ދަށުން ހަދާ ގަވައިދުގައި ބަޔާން ކުރާ އެންމެހައި ކަންކަން.
މި އިސްލާހު މެންބަރު މުހައްމަދު އިބްރާހިމް މަޖިލީހަށް ހުށަހަޅުއްވާފައިވާއިރު، މިހާރު އޮތް އެއްގަމު ދަތުރުފަތުރުގެ ގާނޫނު އެއްކޮށް ބަދަލުކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް އެއްގަމު ދަތުރުފަތުރުގެ ބިލުގެ ނަމުގައި އާ ބިލެއް ހުށަހަޅާފައިވެ އެވެ.
އެ ބިލުގައި އެއްގަމު ދަތުރުފަތުރާއި އުޅަނދުތަކާ ބެހޭ ހުރިހާ އުސޫލުތަކެއް ހިމަނާފައިވެ އެވެ. މިއީ މިހާ ތަފްސީލްކޮށް މި ކަންކަން ބަޔާންކޮށް ހަދާ ފުރަތަމަ ގާނޫނެވެ.