ބްލޮގަރު ޔާމީން ރަޝީދު އަނިޔާވެރި ގޮތަކަށް މަރާލި މައްސަލާގައި ދައުވާ ލިބޭ މީހުންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިއަދު އަލުން ފެށުމަށް ތާވަލުކޮށްފި އެވެ. 

ޔާމީން މަރުގެ މައްސަލައިގައި މީގެކުރިން ކްރިމިނަލް ކޯޓުގައި ހިންގި ޝަރީއަތަށް ފަހު ދައުވާ ލިބުނު ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި ހުޅުމާލޭ ނަމްބަރު 11399 އަހުމަދު ޒިހާން އިސްމާއިލް އުމުރަށް ޖަލަށްލާން ހުކުމްކުރި އެވެ. 

އަދި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައެޅި އެވެ. 

ކްރިމިނަލް ކޯޓުގެ މި ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކުރުމުން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ހައި ކޯޓުން ހުކުމްކޮށްފައިވަނީ އުމުރަށް ޖަލަށްލި ދެ މީހުން ޖަލު ހުކުމް ބާތިލްކޮށް، އެ ދެ މީހުންނާއި އެ މައްސަލާގައި ކުށް ސާބިތު ނުވެ ސަލާމަތްވި ދެ މީހެއްގެ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓުގެ މައްޗަށް އަމުރުކުރުމަށެވެ. 

ކުށް ސާބިތުނުވާ މީހުންގެ ތެރެއިން އަލުން ބަލަން އެންގީ އިސްމާއިލް ރަޝީދާއި ދިފްރާންގެ މައްސަލަ އެވެ. އެ ދެ މީހުންގެ މައްސަލަ ހައި ކޯޓަށް ހުށަހެޅީ ދައުލަތުގެ ފަރާތުންނެެވެ. 

ހަތަރު މީހުންގެ މައްޗަށް އަލުން ޝަރީއަތް ހިންގަން ހައި ކޯޓުން އެންގި އެންގުމުގެ މަތިން މައްސަލައިގެ ޝަރީއަތް ފެށުމަށް މިއަދު ވަނީ ތާވަލުކޮށްފަ އެވެ. ހަވީރު 4:30 ގައި ފަށާ ޝަރީއަތް ލައިވް ކުރަން އެ ކޯޓުން ވަނީ ނިންމައިފަ އެވެ. އަދި މި މައްސަލަ ބަލަން ކޯޓުގެ ތިން ގާޒީންގެ ބެންޗެއް ވެސް ވަނީ އެކުލަވާލައިފަ އެވެ. 

ދައުވާ ލިބޭ ހަތަރު މީހުން ވެސް މި ވަގުތު ތިބީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ޝަރީއަތް ނިމެންދެން ބަންދުގަ އެވެ. 

ޔާމީންގެ ރަޝީދުގެ މަރުގެ މައްސަލައިގައި ކުށް ސާބިތުވެފައި ތިބި ދެ މީހެއްގެ ހުކުމް ހައި ކޯޓުން ބާތިލް ކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ. އަދި ހަމައެހެންމެ، 2022 ވަނަ އަހަރު ހަތަރު މީހެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމަށް ވެސް ފާޑުކިޔުން އަމާޒުވި އެވެ. ޔާމީންގެ މަރަށް އިންސާފު ނުލިބި ލަސްވަމުން ދިޔުމަކީ އާއިލާގެ ކަންބޮޑުވުމެކެވެ.