މި ރޯދަމަހުގެ ފަހު 15ގައި އުމްރާއަށް ދާން އިތުރު ފުރުސަތެއް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން މިއަދު ހުޅުވާލައިފި އެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ ރޯދަ މަހަކީ އަޅުކަމުގެ މަހަކަށްވެފައި، އުމްރާގެ މަތިވެރި އަޅުކަން އަދާކުރަން ދިއުމަށް ގިނަ ބަޔަކު އެދެމުން އަންނަ ކަމަށެވެ.

އެހެންވެ ހައްޖު ކޯޕަރޭޝަނުން ރޯދަ މަހުގެ ފަހު 15 ގެ އުމްރާއަށް ދިއުމަށް ރަޖިސްޓްރީވުމަށް މިއަދު ވަނީ ހުޅުވާލައިފަ އެވެ.

ހައްޖު ކޯޕަރޭޝަނުން ބުނި ގޮތުގައި އެ ފުރުސަތު ދޭން ނިންމާފައިވަނީ އެންމެ އަވަހަށް ރަޖިސްޓްރީވެ، ފައިސާ ދައްކާ މީހުންގެ ތަރުތީބުންނެވެ.

އުމްރާއަށް ދާން ރަޖިސްޓްރީ ކުރެވޭނީ ހައްޖު ކޯޕަރޭޝަންގެ ވެބްސައިޓްގައިވާ "ފަހެލި" ޕޯޓަލް މެދުވެރިކޮށެވެ. އެ ޕޯޓަލް މެދުވެރިކޮށާއި ހައްޖު ކޯޕަރޭޝަންގެ ކައުންޓަރުންވެސް ފައިސާ ބަލައިގަންނާނެ އެވެ.

އުމްރާއަށް ދާން އިތުރު ފުރުސަތެއް ދީފައި ވާއިރު އެ ދުވަސްވަރަކީ ސްކޫލްތަކާއި ސަރުކާރު ވެސް ބަންދު ދުވަސްވަރެކެވެ. މި އަހަރު ރޯދަ މަހު ކިޔަވައިދޭނީ ފުރަތަމަ ހަފްތާ އެކަނި އެވެ. އޭގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކޮންމެ ރޯދަ މަހެއްގެ ފަހު 10 ސަރުކާރު ބަންދު ކުރައްވަން ވެސް ނިންމަވައިފަ އެވެ.