މި ފެށޭ ރޯދަމަހުގެ ތެރޭގައި އަސާސީ ކާބޯތަކެތި ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސައި އަދި އެ ތަކެތީގެ އަގު ކޮންޓްރޯލް ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް އިއްޔެ ވިދާޅުވެއްޖެ އެވެ.
ރޯދަމަހުގެ ތައްޔާރީތަކާ ގުޅޭ ގޮތުން "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ، އެންމެ ފަހުގެ ރޯދަމަހުގެ ތަޖުރިބާ އަށް ބަލައި، މި ފަހަރު އަސާސީ ކާބޯތަކެތި ލިބޭނެ އިންތިޒާމު ކުރިއަށް ވުރެ ރަނގަޅަށް ހަމަޖައްސައި، އަގުތައް ކޮންޓްރޯލް ކުރެވޭނެ ކަމަށެވެ.
ޝިމާދު ވިދާޅުވީ، ރޯދަމަހުގެ ކުރިއަށް މިހާރު ބަލާއިރު ވެސް ބާޒާރުގައި ގިނަ ބާވަތްތަކުގެ އަގުތައް ހުރީ "ދަށްކޮށް ހިފެހެއްޓިފައި" ކަމަށެވެ. އެހެންވެ، މިހާރު ހުރި އަގަށް ވުރެ އެ ތަކެތީގެ އަގުތައް ބޮޑު ނުވެވޭނެ އިންތިޒާމު ހަމަޖައްސަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެބަ ބަލަން އަޅުގަނޑުމެންގެ ވެބްސައިޓުގައި މި އަގުތައް ޕަބްލިޝް ކުރެވޭނެ އިންތިޒާމު ހަމަޖައްސަން،" އެމްޑީ ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި އެސްޓީއޯގެ އިތުރުން ވިޔަފާރިވެރިން ވެސް ގުޅިގެން އަގުތައް ހިފެހެއްޓޭތޯ އަބަދުވެސް މަސައްކަތް ކުރެ އެވެ. އެކަމަކު، ރޯދަމަހަކީ އަބަދުވެސް ކާބޯތަކެތި ބޭނުންކުރާ މިންވަރު އެހެން މަސްތަކާ އަޅާ ބަލާއިރު އިތުރުވާ މަހަކަށް ވާތީ "އަގުތައް ބޮޑުވުމުގެ ޓްރެންޑެއް" އުޅޭ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް އެސްޓީއޯ އިން މި ފަހަރު ބަލަނީ މިދިޔަ އަހަރުތަކުގެ ޓްރެންޑަށް ބަލައި، އާންމުކޮށް އަގު ބޮޑުވާ ބާވަތްތަކުގެ އަގު ކޮންޓްރޯލް ކުރަން ކަމަށް ޝިމާދު ވިދާޅުވި އެވެ.
އަގު ކޮންޓްރޯލް ކުރުމުގެ މިސާލުތަކެއް
ޝިމާދު ވިދާޅުވީ، މިދިޔަ އަހަރުގެ ރޯދަމަހު ފިޔާ ކިލޯއެއް ވިއްކީ 15ރ. އަށް ކަމަށް. އެކަމަކު މި ފަހަރުގެ ރޯދަމަހު ފިޔާ ކިލޯއެއްގެ އަގު 15ރ. އަށް ވުރެ ބޮޑު ނުވާނެ ގޮތަކަށް އެސްޓީއޯ އިން އިންތިޒާމު ހަމަޖައްސާނެ.
ލޮނުމެދުގެ އަގު މިދިޔަ ފަހަރު 300ރ. އަށް އަރައިގެން ދިޔަ ނަމަވެސް ކުރިއަށް އޮތް ރޯދަމަހު އޭގެ އަގު 50ރ. އަށް ވުރެ ބޮޑު ނުވާނެ ކަމަށް އެެސްޓީއޯގެ އެމްޑީ ވިދާޅުވި. އޭނާ ވިދާޅުވި ގޮތުގައި އެސްޓީއޯގައި މިހާރު ފުދޭވަރަކަށް ލޮނުމެދު އެބަހުރި.
ޝިމާދު ވިދާޅުވީ، އޮރެންޖުގެ އަގު ވެސް ރޯދަމަހުގެ ތެރޭގައި 5-6ރ. އަށް ދަށްކުރެވޭނެ ކަމަށެވެ.
"އަޅުގަނޑުމެންގެ އޮރެންޖު ޝިޕްމަންޓެއް މިހާރު ވެސް ވަދެއްޖެ. ބޮޑަށް މި އުޅެނީ ސަޕްލައި އާއި ޑިމާންޑުގެ އިޝޫއެއް. ސަޕްލައި އިތުރުވާ ވަރަކަށް އަގުތައް ދާނީ ދަށްވަމުން،" އޭނާ ވިދާޅުވި އެވެ.
އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރު ކޮށްފައިވާ މިރުހުގެ އަގާއި ކާށީގެ އަގު ވެސް އެއްވަރެއްގައި ހިފެހެއްޓޭނެ ކަމުގެ ޔަގީންކަން ޝިމާދު ދެއްވި އެވެ.
ރޯދަމަހަށް ހާއްސަ ހޯލްސޭލް ސެންޓަރުތަކެއް
އެސްޓީއޯ އިން ނިންމާފައި ވަނީ މި ފަހަރުގެ ރޯދަމަހު ފަސޭހައިން ކާބޯތަކެތި ގަނެވޭނެ އިންތިޒާމެއް ހަމަޖައްސާށެވެ. އެގޮތުން:
- މާލޭގެ ސިނާއީ ސަރަހައްދުގަ އާއި ނޯތު ހާބަރު ކުރިމަތީގައި ހޯލްސޭލް ސެންޓަރެއް
- ހުޅުމާލޭގެ ސިނާއީ ސަރަހައްދުގައި ހޯލްސޭލް ސެންޓަރެއް
- އެކި ރަށްރަށުގައި ހިންގާ އެސްޓީއޯގެ 11 ފިހާރައެއް އަދި 3،000 އަށް ވުރެ އާބާދީ މަތި ރަށްރަށުގައި ތިބޭ އެސްޓީއޯގެ އެޖެންޓުން މެދުވެރިކޮށް ތަކެތި ވިއްކާނެ.
- އެމްޕީއެލް އަށް "ބޭސް ކާގޯ" ދީގެން ހދ. ކުޅުދުއްފުއްޓާއި އައްޑު އަށް ސީދާ މުދާ އެތެރޭ ކުރެވޭނެ އިންތިޒާމެއް. އޭގެ ސަބަބުން އެންމެ އުތުރާއި ދެކުނުން ފަސޭހައިން ކާބޯތަކެތި ލިބޭނެ އިންތިޒާމު ހަމަޖެހި، އަގުތައް އެއްވަރެއްގައި ހިފެހެއްޓޭނެ ކަމަށް ޝިމާދު ވިދާޅުވި.
އެމްޑީ ވިދާޅުވީ، ހަލުވިކަމާ އެކު އާބާދީ އިތުރުވަމުންދާ ހުުޅުމާލޭގައި އެސްޓީއޯގެ ރީޓެއިލް ފިހާރައެއް ހުޅުވުމަށް ވަރަށް ގިނަ ބަޔަކު އެދެމުން އަންނާތީ ހުޅުމާލެ 1 ގައި ވެސް ހާއްސަ ފިހާރައެއް މިއަދު ހުޅުވާނެ ކަމަށެވެ.
އެސްޓީއޯ އިން ބަލަނީ އޭނާ ވިދާޅުވި ގޮތުގައި، މާލެ އިން ވެސް އޯޑަރު ދިނުމުން، ހުޅުމާލޭގެ ރީޓެއިލް ފިހާރައިން ތަކެތި ލިބޭނެ އިންތިޒާމު ހަމަޖައްސާށެވެ.
"އެއީ ކަން ނޭނގޭ ހުޅުމާލެ އިން ބޮޑަށް އަންނަ ރިކުއެސްޓަކީ. ހޯލްސޭލް ސެންޓަރަށް ގޮސް މުދާ ގަތުމުގެ ބަދަލުގައި މާލެއިން ޕޭ ކޮށްފައި އެކޮޅުން [ހުޅުމާލެ އިން] ޕިކް ކުރެވޭނެ އިންތިޒާމު ހަމަޖައްސަން. އެކަން އަޅުގަނޑުމެން ރާވައި ދޭނަން،" ޝިމާދު ވިދާޅުވި އެވެ.
ކާޑުގެ ބާވަތްތަކުގެ އިތުރުން އަސާސީ ކާބޯތަކެތީގެ ލިސްޓުގައި ހިމެނޭ ބާވަތްތައް:
- ދޮންކެޔޮ
- އާފަލު
- އޮރެންޖު
- ލުނބޯ
- ޖުމްހޫރީމޭވާ
- އަނބު
- ފަޅޯ
- ކަރާ
- މިރުސް
- މޭބިސްކަދުރު
- ފިޔާ (ރަތް)
- އިނގުރު
- ކެރެޓު
- ބަށި
- ކައްޓަލަ
- ލޮނުމެދު
- އަލުވި
- ކެބެޖު
- ބަރަބޯ
- ބޯވެލި
- މުގު (ރީނދޫ)
- ކުކުޅުބިސް
- ކާށި